އޭސީސީއިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 213 މައްސަލަ ނިންމައިފި

27 Jun 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، ކޮމިޝަނުން ވަނީ 213 މައްސަލަ ބަލާ ނިންމާފައެވެ. އެއީ ފުރަތަމަ މަރްޙަލާގެ އިވެލުއޭޝަނަށް ފަހު ނިންމާފައިވާ 166 މައްސަލައާއި ތަޙުޤީޤް މަރުޙަލާއަށްފަހު ނިންމާފައިވާ 47 މައްސަލައެކެވެ. 2015 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ 216 މައްސަލައެވެ.
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 2 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް 6 މައްސަލައެއް ފޮނުވާފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފުރަތަމަ މަރްޙަލާގެ އިވެލުއޭޝަންތަކަށް ފަހު ނިންމި 166 މައްސަލައަކީ އެކަށީގެންވާ ވަރަށް ހެއްކާއި ޤަރީނާ ލިބެންނެތިގެން ކޮރަޕްޝަންގެ ޢަމަލެއް ނެތް ކަމަށް ނިންމާފައިވާ މައްސަލަތަކެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮމިޝަނުން ތަޙްޤީޤު ކުރުމަށް ފަހު ކޮރަޕްޝަންގެ ޢަމަލެއް ނެތްކަމަށް 45 މައްސަލަ ނިންމާފައިވެއެވެ. މި އަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ޖުމްލަ 211 މައްސަލައެއް ނިންމާފައިވަނީ، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 186 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައި ވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.
ކޮމިޝަނުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ބަލާ ނިންމި 41މައްސަލައަކާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް އިދާރީ މައްސަލަ އިޞްލާޙް ކުރުމަށް އަންގާފައިވާއިރު، 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 62 މައްސަލައަކާއި ގުޅިގެން އެކި ކަންތައްތައް އިޞްލާޙް ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށްވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×