ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގއ.ވިލިނގިލީ އިންޖީނުގެއަށް ގިނަ މުވައްޒަފުންތަކެއް ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒް ފައިދާ ހޯދައި ދީފައިވާތީ، އެދުވަސްވަރު ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި ފަރާތުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި.

12 Jul 2016

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގއ.ވިލިނގިލީ އިންޖީނުގެއަށް ގިނަ މުވައްޒަފުންތަކެއް ހޯދަން ބޭނުންވެގެން ފެނަކަ ކޯޕަރޭޝަނުން ކުރި އިޢުލާނަކާ ގުޅިގެން ވަޒީފާއަށް އެދި ކުރިމަތިލި ގއ.ވިލިނގިލީގެ މީހާއަކީ އޯ-ލެވެލް ހަދާފައިހުރި ފަރާތެއް ކަމަށާއި، ނަމަވެސް އެ އިންޖީނުގެއަށް 12 ވަރަކަށް މުވައްޒަފުން 26 ފެބްރުއަރީ 2014 ގައި ނެރެފައިވާއިރު އެއީ އޯ-ލެވެލްވެސް ނަހަދާ ތިބި ބައެއް ކަމަށާއި، އޭގެތެރޭގައި އެ އިންޖީނުގޭގެ ސައިޓް މެނޭޖަރެއް ވެސް ހިމެނޭކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިޢުލާނަކާ ގުޅިގެން އެސިސްޓަންޓް މެނޭޖަރގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ކިބައިގައި، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުހަމަނުވި ނަމަވެސް، އެމަޤާމަށް ކުރިމަތިލީ ހުރިހާ ފަރާތްތަކަކާ އިންޓަރވިއުކޮށްފައިވާކަމާއި، އެސިސްޓަންޓް މެނޭޖަރގެ މަޤާމަށް ހޮވާފައިވާ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފިޔަވައި އެހެން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާއިރު އެފަރާތަށް ޕޮއިންޓްދީ އެމަޤާމަށް އޭނާ ހޮވާފައިވާކަމާއި،

އެ އިޢުލާނާގުޅިގެން އެސިސްޓަންޓް މެނޭޖަރގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އިވެލުއޭޓުކުރުމުން، އެފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ތަރުތީބަށް ބަދަލު އައިސްފައިވާތީއާއި، އެސިސްޓަންޓް މެނޭޖަރގެ މަޤާމަށް މީހަކު ހޮވުމުގައި ވަކި ފަރާތަކަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން އެނގެންއޮތަތީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޕޮއިންޓުދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ޕޮއިންޓުދިނުމުން އެމަޤާމަށް ހޮވެންޖެހެނީ އެހެން ފަރާތެއްކަން އެނގެންއޮތަތީއާއި، ވަޒީފާއަށް ހޮވެންޖެހޭ ފަރާތަށް އެމަޤާމު ލިބިފައިނުވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިވެލުއޭޓުކުރުމުގައި ވަޒީފާއަށް ހޮވެންޖެހޭ ފަރާތުގެ ވަޒީފާއާގުޅޭ މަޢުލޫމާތު ފޯމުގެ މަތީ ތަޢުލީމުގެ ބަޔަށް ދޭންޖެހޭ ޕޮއިންޓުދީފައިނުވާތީކަން އެނގެންއޮތަތީއާއި،

އިސްވެދެންނެވުނު އިޢުލާނާ ގުޅިގެން ވަޒީފާތަކަށް މީހުން ނެގި ދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި، އަދި މަޤާމުތަކަށް މީހުން ނެގުމުގައި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާ ފަރާތުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް، ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކުންނާއި، މި މައްސަލައިގެ ތަޙްޤީޤްގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެންއޮތަތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން އެދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި ފަރާތުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިޢުލާނަކާ ގުޅިގެން ސުޕަރވައިޒަރުގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ކިބައިގައި، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުހަމަނުވި ނަމަވެސް، ސުޕަރވައިޒަރުގެ މަޤާމަށް ކުރިމަތިލި ހުރިހާ ފަރާތްތަކާ އިންޓަރވިއުކޮށްފައިވާކަމާއި، ސުޕަރވައިޒަރުގެ މަޤާމަށް ހޮވާފައިވާ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފިޔަވައި އެހެން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވި ނަމަވެސް ސުޕަރވައިޒަރގެ މަޤާމަށް އެ ފަރާތް ހޮވަފައިވާކަން އެނގެންއޮތަތީއާއި،

އެމަޤާމަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ލިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އިވެލުއޭޓުކުރުމުން، އެފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ތަރުތީބަށް ބަދަލު އައިސްފައިވާތީއާއި، އެމަޤާމަށް މީހަކު ހޮވުމުގައި ވަކި ފަރާތަކަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން އެނގެންއޮތަތީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެ އިޢުލާނާ ގުޅިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޕޮއިންޓުދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ޕޮއިންޓުދިނުމުން ސުޕަރވައިޒަރގެ މަޤާމަށް ހޮވެންޖެހޭ ފަރާތަކީ އެހެން ފަރާތެއްކަން އެނގެންއޮތަތީއާއި، ވަޒީފާ ލިބެންޖެހޭ ފަރާތް ސުޕަރވައިޒަރގެ މަޤާމަށް ހޮވިފައިނުވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިވެލުއޭޓުކުރުމުގައި އެ މަޤާމަށް ހޮވެންޖެހޭ ފަރާތުގެ ވަޒީފާއާގުޅޭ މަޢުލޫމާތު ފޯމުގެ މަތީ ތަޢުލީމުގެ ބަޔަށް ޕޮއިންޓުދީފައިނުވާތީކަން އެނގެންއޮތަތީއާއި،

އިސްވެދެންނެވުނު އިޢުލާނާ ގުޅިގެން ވަޒީފާތަކަށް މީހުން ނެގި ދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި، އަދި މަޤާމުތަކަށް މީހުން ނެގުމުގައި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާ ފަރާތުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް، ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކުންނާއި، މި މައްސަލައިގެ ތަޙްޤީޤްގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެންއޮތަތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން އެދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި ފަރާތުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

3. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދެ އިޢުލާނަކާ ގުޅިގެން ޓެކްނީޝަންގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠުހަމަނުވާ ފަރާތްތަކާ އިންޓަރވިއުކޮށް އެފަރާތްތަކަށް ވަޒީފާދީފައިވާކަން ފާހަގަކުރެވިފައިވާކަމާއި،

އިޢުލާނުތަކާ ގުޅިގެން ޓެކްނީޝަންގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ލިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އިވެލުއޭޓުކުރުމުން، އެފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ތަރުތީބަށް ބަދަލު އައިސްފައިވާތީއާއި، އިސްވެބުނެވުނު ދެ އިޢުލާނާ ގުޅިގެން ޓެކްނީޝަންގެ މަޤާމަށް 07 ފަރާތެއް ނެގުމަށް އިޢުލާނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްނީޝަންގެ މަޤާމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެމަޤާމަށް ހޮވާފައިވަނީ 06 ފަރާތެއްކަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިވެލުއޭޝަނުން 06 ވަނަ އަށް ގޮސްފައިވާ ފަރާތް ޓެކްނީޝަންގެ މަޤާމަށް ނުހޮވައި، އިވެލުއޭޝަނުން 07 ވަނަ އަށް ގޮސްފައިވާ ފަރާތް ޓެކްނީޝަންގެ މަޤާމަށް ހޮވާފައިވާކަން އެނގެންއޮތަތީއާއި،

އެ މަގާމުތަކަށް މީހުން ނެގުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ޕޮއިންޓް ދިނުމުން 3 ވަނައަށް އެންމެ މަތިން މާކްސް ލިބެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިވެލުއޭޝަނުން 06 ވަނަ އަށް ގޮސްފައިވާ ފަރާތްކަން ފާހަގަކުރެވިފައިވާތީއާއި، ޓެކްނީޝަންގެ މަޤާމަށް މީހުން ހޮވުމުގައި ވަކި ފަރާތްތަކަކަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން އެނގެންއޮތަތީއާއި،

އިސްވެދެންނެވުނު އިޢުލާނާ ގުޅިގެން ވަޒީފާތަކަށް މީހުން ނެގި ދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި، އަދި މަޤާމުތަކަށް މީހުން ނެގުމުގައި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާ ފަރާތުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް، ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކުންނާއި، މި މައްސަލައިގެ ތަޙްޤީޤްގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެންއޮތަތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން އެދުވަސްވަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓާ ޙަވާލުވެގެންހުރި ފަރާތުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×