ވޯކްސް ކޯޕަރޭޝަން ލިމިޓެޑް އިން ބަނދަރު ހެދުމާއި، ނަރުދަމާ ނިޒާމް ގާއިމުކުރުމާއި އަދި ބިން ހިއްކުމާއި ބޭރު ތޮށިލުމުގެ މަސައްކަތް އެކިއެކި ޕްރައިވެޓް ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށްކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭ

09 Aug 2016

 

ވޯކްސް ކޯޕަރޭޝަން ލިމިޓެޑް އިން ހދ.ކުރިނބި، ހދ.ނެއްލައިދޫ، ޅ.ކުރެންދޫ، ނ.ހޮޅުޑޫ، ނ.ވެލިދޫ، ރ.ފައިނު، ޅ.ނައިފަރު، ސ.ފޭދޫ، ސ.ހިތަދޫ އަދި ސ.ހުޅުމީދޫގައި ބަނދަރު ހެދުމާއި ނ.މިލަދޫގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި އަދި ށ.ކޮމަންޑޫގައި ބިން ހިއްކުމާއި ބޭރު ތޮށިލުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް ކަމަށް އެ ކުންފުނީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު (ނަންބަރު:SPE-2014-06) ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ ޕްރޮކިޔުމެންޓް ޕްރޮސީޖަރ މެނުއަލްގައި 1,500,000.00 (އެއްމިލިއަން ފަސްލައްކަ) ރުފިޔާ އަށް ވުރެ ބޮޑެތި މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ފޮނުވައިގެންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިސްވެދެންނެވުނު މަސައްކަތްތައް އެކިއެކި ޕްރައިވެޓް ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުޞޫލުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދާގޮތަށް ކަމަށްވާތީއާއި، އަދި އެ މަސައްކަތްތައް އެ ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ ސަރުކާރުން އެ ޕްރޮޖެކްޓް ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރި އަގުގެ ތެރެއިން ވޯކްސް ކޯޕަރޭޝަން ލިމިޓެޑަށް ފައިދާ ލިބޭގޮތަށްކަމަށްވާތީއާއި،
ސަރުކާރުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޙަވާލުކުރުމުން، އެ ޕްރޮޖެކްޓްތައް އަވަސް ކުރުމަށްޓަކައި ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކުރިއަށް ގެންދިޔުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، މިމަސައްކަތްތައް ޙަވާލުކޮށްފައިވަނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެންކަމަށްވާތީއާއި، ވޯކްސް ކޯޕަރޭޝަން ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުޞޫލުން ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ފަރާތެއް ކަނޑައަޅަނީ ޕްރޮޖެކްޓްތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައި ހުންނަ ޕްރޮޕޯސަލްތައް ކުންފުނީގެ ބޯޑަށް ހުށަހަޅައިގެން ކުންފުނީގެ ބޯޑުންކަމަށްވާތީއާއި،
ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގެ 37 ވަނަ މާއްދާ ގައި ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކަށް ކުންފުނީގެ އެންމެހައި އުޞޫލުތައް ކަނޑައަޅައި، ކުންފުނި ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖަރތަކާއި، ޕޮލިސީތައް ހެދުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއާއި،
ޖޮއިންޓް ވެންޗަރ އުޞޫލުން މިމަސައްކަތްތައް މަތީގައި ދެންނެވުނު ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔުމުގައި ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދުމާއި، އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާދީފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީއާއި، އަދި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ނުލިބޭގޮތަކަށް ޢަމަލުކޮށްފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރު ގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ވަނީ ނިންމާފައެވެ.

27 ޝައްވާލް 1437
01 އޮގަސްޓު 2016


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×