ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތު ވަކިބަޔަކަށް ނުލިބޭނެގޮތަކަށް އެކަން ހަމަޖެއްސުމަށް އަންގައިފި

31 Mar 2010

މިކޮމިޝަނުގެ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުންނާއި، ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލިޔެކިޔުންތައް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި ތިރީގައި މިދަންނަވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

މަސައްކަތް ކުރުވާނެ ފަރާތެއް ކަނޑައެޅުމަށްފަހު އެމަސައްކަތެއް ކުރިއަށް ގެންދާގޮތް ބަލަމުންދަނީ އެމަސައްކަތެއް ކުރުވާ އޮފީހަކުން ކަމަށް ވާތީ، ކޮންޓްރެކްޓަރެއްގެ ޤާބިލްކަމާއި މަސައްކަތް ކުރަމުންދާ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ޓެންޑަރ އިވެލުއޭޝަން ބޯޑަށް ނުލިބޭކަން. ވީމާ ޓެންޑަރ އިވެލުއޭޝަން ބޯޑު މެދުވެރިކޮށް ޙަވާލުކުރެވޭ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފުރިހަމަ މަޢުލޫމާތު ކަމާގުޅޭ އޮފީހަކުން ޓެންޑަރ އިވެލުއޭޝަން ބޯޑަށް އަންގާނެ އުޞޫލެއް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

2- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 (ތަކެއްޗާއި ޚިދުމަތް ހޯދުމުގައި ގެންގުޅެންވީ ޢާންމު އުޞޫލުތައް) ގެ (ށ)ގައި ތަކެތި ގަތުމާއި ޚިދުމަތް ހޯދަންވާނީ ޢާންމުކޮށް އެނގޭނޭ، ހާމަކަން ބޮޑުގޮތެއްގައި ކަމަށް ބުނެފައިވީ ނަމަވެސް ޓެންޑަރ އިވެލުއޭޝަން ބޯޑުން 2006ވަނަ އަހަރު އެކުލަވާލައި ޢަމަލުކުރަމުން އަންނަ ގަވާއިދަކީ ޑްރާފްޓެއް ކަމާއި މި ގަވާއިދު ބޯޑުން ނުވަތަ އެނޫން ތަނަކުންވެސް ފާސްކޮށް އާންމު ކޮށްފައިނުވާކަން.

3- ޓެންޑަރ އިވެލުއޭޝަން ބޯޑުން ޢަމަލުކުރަމުންދާ ގަވާއިދުގެ 3.8ގައި ޑައިރެކްޓް ކޮންޓްރެކްޓިންގ ހުއްދަ ކުރެވޭ ކެޓަގަރީ ތަކެއް ދީފައިވީ ނަމަވެސް މިކެޓަގަރީއަށް ނުފެތޭ ބައެއް ޕްރޮޖެކްޓްތައް ޑައިރެކްޓް ކޮންޓްރެކްޓިންގެ ދަށުން ޙަވާލުކުރެވިފައިވާކަން.

4- ބީލަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އަގަށް ވުރެ ބޮޑުއަގުގައި ޕްރޮޖެކްޓްތައް ޙަވާލުކޮށްފައި ހުންނަކަން.

5- ޓެންޑަރ އިވެލުއޭޝަން ބޯޑުން ޢަމަލުކުރަމުންދާ ގަވާއިދުގެ 5.11ގައިވާ ގޮތުން މަސައްކަތް ޙަވާލުކުރެވެން ވާނީ އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށްކަމަށްވީ ނަމަވެސް ބައެއް ޕްރޮޖެކްޓްތައް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތް ނޫން ފަރާތްތަކާވެސް ޙަވާލުކޮށްފައިވާކަން.

6- 2008ވަނަ އަހަރު އެވޯޑް ކުރެވުނު ޕްރޮޖެކްޓް ތަކުގެ ތެރެއިން %33.33 ޕްރޮޖެކްޓަކީ މަދުވެގެން 3 ފަރާތުން ބިޑް ހުށަހަޅާފައިނުވާ ޕްރޮޖެކްޓްތަކެއްކަމާއި، ޓެންޑަރ އިވެލުއޭޝަން ބޯޑުން ޢަމަލުކުރަމުންދާ ގަވާއިދުގެ 5.14ގައިވާ ގޮތުން 3 ފަރާތުން ބިޑް ހުށަނޭޅި ކަމުގައިވިޔަސް އެކަށީގެންވާ ގޮތެއްގައި އިޢުލާން ކުރެވިގެން ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވަނީނަމަ ވާދަވެރި ބީލަމެއްކަމުގައި ބެލިދާނެ ކަމުގައިވީނަމަވެސް، ބައެއްފަހަރު 3 ފަރާތުން ބިޑް ހުށަނޭޅުމުން ރީޓެންޑަރ ކޮށް ބައެއްފަހަރު ޕްރޮޖެކްޓް އެވޯޑް ކުރާކަން.

އެހެންކަމުން، މަތީގައި ދެންނެވުނު ކަންތައްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަންތައްތައްކަމަށް ބެލެވޭތީ، އެކަންތައްތައް އިޞްލާޚުކުރުމަށާއި، އަދި އޭގެ އިތުރުން، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތު ފިނޭންސް މިނިސްޓްރީއަށް ލިބިފައި އޮންނަކަމަށާއި، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ބައްދަލުވުމަކަށް އެހެން އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ހުންނަ މެމްބަރަކު ޙާޟިރުނުވިނަމަވެސް، ހަމައެކަނި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ޙާޟިރުވުމުން ބައްދަލުވުމުގެ ކޯރަމް ހަމަވާގޮތަށް އޮންނާތީ، ބޯޑުން ނިންމާ ބައެއް ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ނިންމުންތަކަށް ވެދާނެކަމަށް ބެލެވޭތީ، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތު ވަކިބަޔަކަށް ނުލިބޭނެގޮތަކަށް އެކަން ހަމަޖެއްސުމަށް 31 މާޗް 2010 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×