ވޯކްސް ކޯޕަރޭޝަން ލިމިޓެޑް އިން އެކުންފުނީގެ ޕޮލިސީތަކާ ޚިލާފަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަމަށް ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭ

11 Aug 2016

 

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ‘އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލަރީ ޕޮލިސީ’ އާ ޚިލާފަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަމަށް އެކުންފުނީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު:SPE-2014-06) ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް އޮފިސަރ (ލެވެލް 3، ބޭންޑް 2)ގެ މަޤާމުގައި 05 އޮކްޓޯބަރ 2009 ވަނަ ދުވަހުން ފެށިގެން ހުރި ފަރާތް 01 ޖެނުއަރީ 2010 ވަނަ ދުވަހު ޑެޕިއުޓީ މެނޭޖަރ (ލެވްލް 4، ބޭންޑް 4)ގެ މަޤާމަށް ބަދަލުކޮށްފައި ވީނަމަވެސް، އެމަޤާމަށް އެފަރާތް ބަދަލުކޮށްފައިވަނީ އެކުންފުނީގެ އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލެރީ ޕޮލިސީގެ 2.8 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުން ދީފައިވާ ވަޒީފާގެ ކުރިއެރުން ދިނުމަށް ނޫންކަމަށާއި،

ޑެޕިއުޓީ މެނޭޖަރގެ މަޤާމަށް އެފަރާތް ބަދަލުކޮށްފައިވަނީ 29 ޑިސެމްބަރ 2009 ގައި އެކުލަވާލެވުނު ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮނިގަނޑުގެ ދަށުން އުފައްދާފައިވާ ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓްގެ މެނޭޖަރަކަށް އެފަރާތް އައްޔަންކުރުމަށް އެކުންފުނީގެ ބޯޑުން ނިންމައިގެންކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާއި، ބޯޑު މެންބަރ އަދި އެގްޒެކެޓިވް ޑިރެކްޓަރަކަށް ހުރި ފަރާތް ބުނެފައިވާތީއާއި،

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮނިގަނޑެއް 29 ޑިސެމްބަރ 2009 ގައި އެކުލަވާލާފައިވާއިރު، އެ އޮނިގަނޑުގެ ދަށުން ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓެއް އުފައްދާފައިވާތީއާއި، އެކުންފުނީގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގެ 37 ވަނަ މާއްދާގައި ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކަށް ކުންފުނީގެ އެންމެހައި އުޞޫލުތައް ކަނޑައަޅައި، ކުންފުނި ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖަރތަކާއި، ޕޮލިސީތައް ހެދުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއާއި،

ޑެޕިއުޓީ މެނޭޖަރގެ މަޤާމަށް އެފަރާތް އައްޔަންކުރީ ތަޖްރިބާއާއި މަސައްކަތުގެ ޤާބިލްކަމަށް ބަލާފައި، އެކަންކަމާމެދު ބޯޑުގައި މަޝްވަރާކޮށްގެންކަމަށް ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރު އަދި އެގްޒެކެޓިވް ޑިރެކްޓަރަކަށް ހުރި ފަރާތް ބުނެފައިވާތީއާއި، އެކުންފުނީގެ އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލަރީ ޕޮލިސީއާ ޚިލާފަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިނުވާތީ އާއި، ޕްރޮކިއުމަންޓް އޮފިސަރގެ މަޤާމުގައި ހުރި ފަރާތް ޑެޕިއުޓީ މެނޭޖަރގެ މަޤާމަށް ބަދަލުކޮށްފައިވަނީ އެކުންފުނީގެ އައު އޮނިގަނޑުގެ ދަށުން އުފެއްދި ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރަކަށް އޭނާ އައްޔަންކުރުމަށް ކުންފުނީގެ ބޯޑުން ނިންމައިގެންކަމަށް ވާތީ،

މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.

 

29 ޝައްވާލް 1437
03 އޮގަސްޓު 2016


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×