ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުންނާއި، ފަންޑް އެކައުންޓުން 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އެކި ފަހަރުމަތިން ޖުމްލަ 7.2 (ހަތެއް ޕޮއިންޓް ދޭއް) މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަވާ މުއައްސަސާއެއްގެ އިސް ދެ ބޭފުޅަކާ ޙަވާލުކުރައްވާފައިވާ ކަމަށާއި، މީގެތެރެއިން 6.3 (ހައެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ ޙަވާލުކޮށްފައިވަނީ “ސަރުކާރުގެ ޙާއްޞަ ބޭނުންފުޅުތަކަށް” ކަމަށާއި އަދި ބާކީ 893,075.00 (އަށްލައްކަ ނުވަދިހަ ތިން ހާސް ހަތްދިހަ ފަހެއް) ރުފިޔާ ޙަވާލުކޮށްފައިވަނީ “ސްރީލަންކާގައި ސްޓޫޑެންޓް އެސޯސިއޭޝަނެއް ގާއިމްކޮށް ހިންގެވުމަށްޓަކާ” ކަމަށް ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި، މިފައިސާއާބެހޭ އިތުރު އެއްވެސް ލިޔެކިޔުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބެހެއްޓިފައި ނެތުމުން މި 7.2 (ހަތެއް ޕޮއިންޓް ދޭއް) މިލިއަން ރުފިޔާއަކީ ކޮން މަޤްޞަދެއް ޙާޞިލް ކުރުމަށް ހޭދަކުރެވިފައިވާ ފައިސާއެއްކަން އެނގެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2007 ވަނަ އަހަރުގެ އަހަރީ އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުންނާއި، ފަންޑް އެކައުންޓުން 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އެކި ފަހަރުމަތިން ޖުމްލަ 7.2 (ހަތެއް ޕޮއިންޓް ދޭއް) މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަވާ މުއައްސަސާއެއްގެ އިސްފަރާތްތަކާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކްރެޓަރީގެ އެންގެވުމުގެ މަތިން ކަމަށާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާރޒް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކްރެޓަރީ ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ނުވަތަ ވަކި މީހަކަށް ފައިސާއެއް ޙަވާލުކުރުމަށް އަންގަވަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެކަން ކުރުމަށް ނިންމަވައި އެދެބޭފުޅުންނަށް އެންގުމުންކަން މި މައްސަލައިގެ ތަޙްޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭތީ އާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ސަރުކާރުގެ ޚާއްޞަ ބޭނުން ފުޅަކަށް ޙަވާލުކުރަމުން ގެންގޮސްފައިވާ ފައިސާއަކީ މިދެންނެވި ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކްރެޓަރީ ނުވަތަ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާރޒް އަންގަވައިގެން ޙަވާލުކޮށްފައިވާ ފައިސާއެއް ކަމާއި، ފައިސާ ހަވާލުކޮށްފައިވާ ފަރާތްތަކަށް ފައިސާ ހަވާލުކޮށްފައިވާ ބޭނުމާއި ހަވާލުކުރި ފައިސާގެ އަދަދު ލިޔުންތަކުން އެނގެން ހުރުމުންނާއި އެފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ލިޔެކިޔުމެއް ތަޙްޤީޤަށް ލިބިފައިނެތްނަމަވެސް، އެފައިސާ ޚަރަދުކޮށްފައިވަނީ ފުލުހުން ހިންގާ އެކިއެކި ސިއްރު އޮޕަރޭޝަން ތަކަށްކަމާއި، އެފައިސާ ޚަރަދުކޮށްފައިވަނީ އިންޓެލިޖެންސްގެ ބޭނުމަށް ކަމުން އެއީ ސިއްރު މަޢުލޫމާތު ހިމެނޭ މުޢާމަލާތްތަކެއްކަމަށްވާތީ، އިންޓެލިޖެންސްގެ ބޭނުމަށް ކޮށްފައިވާ ހުރިހާ ޚަރަދެއްގެ ތަފްޞީލުތައް ނައްތާލަމުންދާކަމާ، އެ ފައިސާ ޚަރަދު ކުރެވުނުއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކަށާއި ޢުސޫލުތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި އިޚްތިޔާރުތަކެއް ލިބޭގޮތަށް ޢަމަލުކުރަމުން ދިޔަކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވޭތީ އާއި، ހަމަ އެހެންމެ، ކަންކަން ނިންމުމުގައި އެންމެ ބޮޑު އިޚްތިޔާރަކާއި ބާރެއް ލިބިފައިވަނީ ރައީސުލްޖުމްހުރިއްޔާއަށް ކަމުގައި ވުމުންނާއި، މި ފައިސާ ޚަރަދު ކުރުމަށް ހުއްދަދީފައިވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނިންމަވައިގެން ކަމަށްވާތީއާއި މި ފައިސާ ޚަރަދުކޮށްފައިވަނީ ފުލުހުން ހިންގާ އެކިއެކި ސިއްރު އޮޕަރޭޝަންތަކަށްކަން މި މައްސަލައިގެ ތަޙްޤީޤަށް ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގޭތީ މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.