ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށް ބޭނުންވާ އައި.ޓީއާ ގުޅޭ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ހޯދާފައިވާކަމަށް ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭ

17 Aug 2016

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށް ބޭނުންވާ އައި.ޓީއާ ގުޅޭ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ހޯދާފައިވާކަމަށާއި، އެގޮތުން، ކޮމްޕިއުޓަރ ސިސްޓަމާއި އައި.ޓީ ސާމާނު ގަތުމަށް 29 ޖަނަވަރީ 2012 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުތައް 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމުގައިވީނަމަވެސް، ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި އެސްޓިމޭޓްތައް އިވެލުއޭޓްކޮށް، 2,544,955.00 (ދެމިލިއަން ފަސްލައްކަ ސާޅީސް ހަތަރު ހާސް ނުވަސަތޭކަ ފަންސާސް ފަހެއް) ރުފިޔާއަށް މަސައްކަތް ޙަވާލުކޮށްފައިވާކަމަށާއި، އަދި މި މަސައްކަތަކީ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅަން ނުޖެހޭ މަސައްކަތެއްކަން ދެއްކުމުގެ ގޮތުން މަސައްކަތް ބައިބަޔަށް ބަހާލައި ވަކި ވަކި 17 އެއްބަސްވުން އެކުލަވާލާފައިވާކަމަށާއި، މިހުރިހާ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވަނީ 17 އޭޕްރީލް 2012 ގައިކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2012 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު (ނަންބަރު: FIN-2015-58(D)) ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. އެމް.އެން.ޔޫއަށް ކޮމްޕިއުޓަރ ސިސްޓަމްތަކަކާއި އައި.ޓީ ސާމާނު ހޯދުމަށް އެ ޔުނިވަރސިޓީން ކުރި ޔުނިވަރސިޓީގެ އިޢުލާނަކާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ޖުމުލަ 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާއިރު، އެމް.އެން.ޔޫއިން އެ އަންދާސީ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.25 ވަނަ މާއްދާއާ ޚިލާފަށް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމާ ނުލައި އެމް.އެން.ޔޫގެ ޕްރޮކިޔުމަންޓް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނުފަރާތް ކަނޑައަޅާފައިވަނީ، އެ އިޢުލާނާ ގުޅިގެން ވަކިވަކި ފެކަލްޓީތަކަށް ބޭނުންވާ ތަކެތީގެ ޖުމުލަ 1.5 މިލިއަން ރުފިޔާއަށް ނާރާ، ވަކިވަކި ފެކަލްޓީތަކަށް ބޭނުންވާތަކެއްޗަށް ފައިސާދައްކާނީ ވަކިވަކިން އެ ފެކަލްޓީއަކަށް ޚާއްޞަކުރެވިފައިވާ ބަޖެޓަކުން (ވަކިވަކި ބިޒްނަސް އޭރިއާ) ތަކަކުން ކަމުގައިވާތީ ކަމަށް މި މައްސަލައިގެ ތަޙްޤީޤަށް ބަޔާންދިން ފަރާތްތަކުގެ ބަހުންނާއި މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ އެ އިޢުލާނާ ގުޅިގެން ތައްޔާރުކޮށްފައިވާ އެމް.އެން.ޔޫގެ ޕޭމަންޓް ވައުޗަރތަކުން އެނގެންއޮތަތީއާއި،

އިސްވެ ދެންނެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ވަކިވަކި ފެކަލްޓީތަކަށް ބޭނުންވާ ތަކެތި ވަކިކޮށް އެމް.އެން.ޔޫގެ ޕްރޮކިޔުމަންޓް ކޮމިޓީން އިވެލުއޭޓްކޮށް 05 މާރިޗު 2012 ގައި ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމަކުން 17 ނިންމުމެއް ނިންމައި، 17 އެޕްރީލް 2012 ވަނަ ދުވަހު އެ އިޢުލާނާ ގުޅިގެން 17 އެގްރިމަންޓް ގައި އެމް.އެން.ޔޫއާ އެ އިޢުލާނާ ގުޅިގެން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ އަމިއްލަ ކުންފުންޏަކާ ދެމެދު ސޮއިކޮށްފައިވީނަމަވެސް، ހުރިހާ އެއްބަސްވުމަކާ ގުޅިގެންވެސް ތަކެތި ޙަވާލު ކުރާނެ މުއްދަތެއްކަމުގައި ބަޔާންކޮށްފައިވަނީ 45 ދުވަސްކަން އެނގެން އޮތަތީއާއި، އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ވަކިވަކި ފެކަލްޓީތަކަށް ވަކިނުކޮށް އަންދާސީ ހިސާބުތައް މި ކޮމިޝަނުގެ ފަރާތުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޓްކުރުމުންވެސް، އެ އިޢުލާނާ ގުޅިގެން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް ބަދަލުނާންނަކަން އެނގެންއޮތަތީ، މި މައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭ މިންވަރަށް ތަޙުޤީޤަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ،  މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން ޤާނޫނު ނަންބަރު 2008/13 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލަ ވަނީ ނިންމާފައެވެ.

2.މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުން ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ނިންމި ކަމުގައިވީނަމަވެސް، އެމް.އެން.ޔޫގެ އެ އިޢުލާނާ ގުޅިގެން އެމް.އެން.ޔޫއާ އެ ކުންފުންޏާ ދެމެދު 17 އެޕްރީލް 2012 ވަނަ ދުވަހު ސޮއިކޮށްފައިވާ 17 އެގްރިމަންޓްގެ ތެރެއިން 10 އެގްރިމަންޓެއްގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވަނީ އެ އެގްރިމަންޓްތަކުގެ ދަށުން ޔުނިވަރސިޓީއަށް ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުނުކޮށް ލަސްވި މުއްދަތަށްވާ ޖޫރިމަނާ ފައިސާ މަދުން ކަލްކިޔުލޭޓްކޮށް ޖޫރިމަނާ ފައިސާ ކެނޑުމަށްފަހުކަން އެ އެގްރިމަންޓްތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗަރުތަކުން އެނގެންއޮތަތީއާއި، މިގޮތުން އެ ކުންފުނިން ދައްކަންޖެހޭ ޖުމުލަ ފައިސާ ދައްކާފައިވަނީ އެ އެގްރިމަންޓްތަކުގެ ދަށުން ޔުނިވަރސިޓީއަށް ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުނުކޮށް ލަސްވި މުއްދަތަށްވާ ޖޫރިމަނާ ފައިސާ މަދުން ކަލްކިޔުލޭޓްކޮށް ޖޫރިމަނާގެ ގޮތުގައި ކަނޑަންޖެހޭ ފައިސާގެ ޖުމުލަ 13,598.16/-ރ. (ތޭރަހާސް ފައްސަތޭކަ ނުވަދިހަ އަށް ރުފިޔާ ސޯޅަލާރި) މަދުން ކެނޑުމަށްފަހުކަން ފާހަގަކުރެވޭތީ، އެ ފައިސާ މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކުގެ އަތުން ހޯދުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.

3.އެމް.އެން.ޔޫގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ޖުމުލަ 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާއިރު، އެމް.އެން.ޔޫއިން އެ އަންދާސީ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.25 ވަނަ މާއްދާއާ ޚިލާފަށް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި އެމް.އެން.ޔޫގެ ޕްރޮކިޔުމަންޓް ކޮމެޓީން އިވެލުއޭޓްކޮށްފައިވާތީ، އެމް.އެން.ޔޫއިން ކުރާ އިޢުލާނުތަކާ ގުޅިގެން ބިޑިންގ ޕްރޮސެސް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ ދެންނެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×