މި އަހަރުގެ ދެވަނަ ކުއާޓަރގައި ވެސް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި ޕްރޮކިޔުމެންޓާ ގުޅޭ 65 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ. ނަމަވެސް މިއީ މި ދިޔަ އަހަރުގެ މި މުއްދަތުގައި ރަޖިސްޓްރީ ކުރެވުނު މިންވަރާ އަޅާބަލާއިރު 25.3% ގެ ދަށް ޢަދަދެކެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ 87 މައްސަލަކެއެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުޞޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 20 މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިޝަންގަ ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 39 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާއި ގުޅޭ ޖުމްލަ 41 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 63 މައްސަލަ އެއް މި އަހަރުގެ ދެވަނަ ކުއާޓަރުގަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.