ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ދެ ބިމެއް ޤާނޫންތަކާ ޚިލާފަށް ވަކި ސިޔާސީ ޕާޓީއަކަށް ދޫކޮށްފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި.

22 Aug 2016

ގދ.ތިނަދޫގެ ދެ ބިމެއް ވަކި ސިޔާސީ ޕާޓީއެއްގެ ތިނަދޫ ގޮތްޕަށް ދޫކޮށްފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސިޔާސީ ޕާޓީއެއްގެ ތިނަދޫ ދާއިރާގެ އޮފީހުގެ ދެ ސިޓީއަކުން ގދ.ތިނަދޫ އިން ބިމެއް ހޯދުމަށް އެދިފައިވީނަމަވެސް އެދެސިޓީއާ ގުޅިގެން ބިމެއް ދިނުމަށް ކައުންސިލުން ނިންމާފައިވާކަން އެނގޭނެ ލިޔުމެއް ތަޙްޤީޤަށް ލިބިފައިނުވާއިރު، އެ ސިޔާސީ ޕާޓީން ބިން ހޯދުމަށް އެދި ހުށަހެޅި ސިޓީތަކާ ގުޅޭގޮތުން ގދ.ތިނަދޫ ކައުންސިލްގައި މަޝްވަރާކޮށްފައިވާކަން އެކައުންސިލްގެ ޔައުމިއްޔާތަކުން އެނގޭކަށްނެތެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ބައްދަލުވުމެއްގެ އެޖެންޑާގައި ސިޔާސީ ޕާޓީތަކުގެ އޮފީސް އެޅުމަށް ތިނަދޫއިން ބިން ދޫކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހު 15,000 މެމްބަރުން ހިމެނޭ ޕާޓީތަކަށް ބިން ދިނުމަށް ނިންމި ނިންމުމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ތާއީދުކޮށްފައިވާއިރު،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖުލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާންކޮށްފައިވާއިރު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ކަނޑަނޭޅޭނެކަން ފާހަގަކުރެވޭތީ އާއި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަން ފާހަގަކުރެވޭތީ އާއި،
ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އައުމުގެ ކުރިން އެއްވެސް ޤާނޫނަކުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރާނެ އުޞޫލެއް ބަޔާންކޮށްފައިނުވާއިރު، ޤާނޫނު ނަންބަރު 4/2013 ގައި ބަޔާންކޮށްފައިވަނީވެސް މާލެއިން ބިން ދިނުމަށްކަން ފާހަގަކުރެވޭއިރު ގދ.ތިނަދޫއިން އެމް.ޑީ.ޕީއަށް ބިން ދޫކޮށްފައިވަނީ އޭގެ ކުރިންކަން ފާހަގަކުރެވޭތީއާއި،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގައި، “ބިން އެކަށައެޅޭނީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށް ކަމަށާއި އިޤްތިޞާދީ ބޭނުންތަކަށާއި އިޖުތިމާޢީ ބޭނުންތަކަށާއި ތިމާވެށި ރައްކާތެރިކުރުމަށް އަދި ދަޢުލަތުގެ ބޭނުމަށް ކަމަށް” ބަޔާންކޮށްފައިވާއިރު، ގދ.ތިނަދޫ ކައުންސިލްގެ އިދާރާއިން 14 ނޮވެމްބަރ 2011 ގައި އެ ސިޔާސީ ޕާޓީއަށް ގދ.ތިނަދޫ އިން 4,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ފާހަގަކުރެވޭތީ އާއި އެ ސިޔާސީ ޕާޓީއަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށްވާތީ އާއި،
ގަވާއިދު ނަންބަރު 2011/R-24 (ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާގޮތުން، މީހުން ދިރިއުޅޭ ރަށްރަށުން އަމިއްލަ ފަރާތްތަކަށް ދިރިއުޅުން ފިޔަވައި މިމާއްދާގެ (ii)، (iii)، (iv) އަދި (v) ގައިވާ ބޭނުންތައް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނީ ބީލަމުގެ އުޞޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިސްނާވާ ކަންކަމުގެ ތެރޭގައި ސިޔާސީ ޙަރަކާތް ހިންގުމަށް ޕާޓީތަކަށް ބިންދޫކުރުން ނުހިމެނޭތީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން އިޢުލާންކުރުމަކާ ނުލައި އެ ސިޔާސީ ޕާޓީއަށް ބިން ދޫކޮށްފައިވަނީ މި ގަވާއިދާ ޚިލާފަށްކަން ފާހަގަކުރެވޭތީ އަދި އެގަވާއިދުގެ، 7 ވަނަ މާއްދާގެ (ހ) ގައި ކައުންސިލްތަކާ ޙަވާލުކުރެވޭ ދައުލަތުގެ ބިން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމުގައި ނުވަތަ ދޫކުރުމުގައި އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރަން ބަޔާންކޮށްފައިވީނަމަވެސް އެ ސިޔާސީ ޕާޓީއަށް ތިނަދޫއިން ބިން ދޫކޮށްފައިވަނީ އިޢުލާން ނުކޮށްކަން ފާހަގަކުރެވޭތީ އާއި،
ސިޔާސީ ޕާޓީގެ ގަވާއިދު 2005 (މިހާތަނަށް ގެނެވުނު އިޞްލާޙުތަކާ އެކު، 18 ނޮވެމްބަރ 2006)ގެ 33 ވަނަ މާއްދާގައި ޕާޓީއެއްގެ މެންބަރުންގެ ތެރެއިން ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާއެއް ހޯދައިގެން ނުވަތަ ހޯދައިދީގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިޢުލާން ކުރުމަކާނުލައި އަދި ހުރިހާ ޕާޓީއަކަށް ހަމަހަމަ ފުރުސަތު ހުޅުވާނުލައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ނިސްބަތްވާ ޕާޓީއަށް ބިން ދިނުމަކީ އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރެވޭތީ އާއި،
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އިން އެ ސިޔާސީ ޕާޓީއަށް 4,000 އަކަފޫޓުގެ ބިމެއް 11 ނޮވެމްބަރު 2011 ގައި ދޫކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު އަދި ސިޔާސީ ޕާޓީގެ ގަވާއިދު 2005 (މިހާތަނަށް ގެނެވުނު އިޞްލާޙުތަކާއެކު، 18 ނޮވެމްބަރ 2006) އާ ޚިލާފަށް ކަމަށްވާތީ އާއި އެ ސިޔާސީ ޕާޓީއަށް ބިން ދޫކުރި ކަމުގެ ލިޔުމުގައި ސޮއިކޮށްފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށްވާތީ މި ޢަމަލަކީ ތިނަދޫ ކައުންސިލްގެ ރައީސް ނިސްބަތްވާ ޕާޓީއަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކޮށްފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، މިމައްސަލާގައި ތިނަދޫ ކައުންސިލްގެ ރައީސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދީފައިވާކަމަށް ބެލެވޭތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×