ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ބުރުގައި މަސައްކަތްތަކެއް ކުރުމަށްޓަކައި އެމް.އާރު.ޑީ.ސީއާ ޙަވާލުކުރި މަސައްކަތްތަކަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

25 Aug 2016

 

ޖުމްހޫރީ މައިދާނުގެ މެދުގައި ހަދާފައިވާ ބުރުގައި މަސައްކަތްތަކެއް ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށް މަސައްކަތް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން، ވަކި ކުންފުންޏަކަށް އެ މަސައްކަތް ޚަވާލުކުރުމަށް އެ މިނިސްޓްރީން އެންގުމުން އެފަރާތާ އެ މަސައްކަތް ހަވާލުކޮށްފައިވާކަމަށާއި، އެފަރާތާ މަސައްކަތް ޚަވާލުކޮށްފައިވަނީ 5 ލައްކަ ރުފިޔާއަށް ކަމަށާއި، އަދި ހަމަ އެތަނުގައި ލައިޓްތަކެއް ޖަހަން ހަމަ އެ ކުންފުންޏަށް 4 ލައްކަ ރުފިޔާއަށް މަސައްކަތް ހަވާލުކޮށްފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ޖުމްހޫރީ މައިދާނުގައި ޓެރާޒޯ އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނު އިރު، އެ ކުންފުނިން ކުރާ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގައި ޢަމަލުކުރަމުން އައީ ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައި ނުވާތީ އާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.23 އާ ޚިލާފަށް މަސައްކަތުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ 25 އިންސައްތަ ދޫކޮށްފައިވާތީ އާއި،

ޖުމްހޫރީ މައިދާނުގައި އަޅާފައިވާ ޓެރާޒޯގައި 79 ލައިޓް ހަރުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެއްބަސްވުމުގައި ސޮއިކުރެވުނު އިރު، އެ ކުންފުނިންކުރާ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި ޢަމަލުކުރަންޖެހޭނީ ‘ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭނެ ސްޓްރެޓެޖީ އާއި ގަވާއިދު’ އަށް ނަމަވެސް އެގަވާއިދުގެ 2.6.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިނުވާތީ އާއި، އެގަވާއިދާ އެއްގޮތަށް އިޢުލާންކުރި ނަމަ، އެއަށް ވުރެ ހެޔޮ އަގެއްގައި އެ މަސައްކަތްކޮށްދޭނެ ފަރާތެއް ލިބުމުގެ ފުރުސަތު އޮތްކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ އާއި އެގަވާއިދުގެ 2.6.5 ވަނަ މާއްދާއާ ޚިލާފަށް މަސައްކަތުގެ އަގު 50 އިންސައްތަ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދީފައިވާތީ އާއި އެމަސައްކަތުގެ ބާކީ 50 އިންސައްތަ ފައިސާ ޚަރަދުކޮށްފައިވަނީ އިންސްޕެކްޝަން ރިޕޯޓުގައި ރަނގަޅު ކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކުރިކަން ކަށަވަރުނުކޮށް ކަމަށްވާތީއާއި،

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން، ޖުމްހޫރީ މައިދާނުގައި ޓެރާޒޯ އެޅުމުގެ މަސައްކަތާއި، ޖުމްހޫރީ މައިދާނުގައި އަޅާފައިވާ ޓެރާޒޯގައި ލައިޓްހަރުކުރުމުގެ މަސައްކަތްކޮށްފައިވާ ޕްރައިވެޓް ކުންފުންޏަށް މުޅި ޖުމްލަ 858,535.00 (އަށް ލައްކަ ފަންސާސް އަށް ހާސް ފަސް ސަތޭކަ ތިރީސް ފަސް ރުފިޔާ) ޚަރަދުކުރުމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީ އެފައިސާ ޚަރަދުކޮށްފައިވީ ނަމަވެސް، މިނިވަން ފަންސާހަށް ޚަރަދުކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންގެ ބޯޑުން ނިންމާފައިވަނީ 750,000.00 (ހަތް ލައްކަ ފަންސާސް ހާސް ރުފިޔާ) ކަމުން، ބޯޑުގެ ނިންމުމެއް ނެތި މިނިވަން ފަންސާހުގެ ހަރަކާތްތަކަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ 108,535.00 (އެއް ލައްކަ އަށް ހާސް ފަސް ސަތޭކަ ތިރީސް ފަސް ރުފިޔާ) ހުއްދަދީ ޚަރަދުކޮށްފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ އާއި އެ ޕްރައިވެޓް ކުންފުންޏާ ޙަވާލުކޮށްގެން ޖުމްހޫރީ މައިދާނުގައި ދެމަސައްކަތް ކުރުވާފައިވާއިރު އެދެމަސައްކަތާ ގުޅޭ މަސައްކަތުގެ އެއްބަސްވުމުގައި އެމް.އާރ.ޑީ.ސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ، މިކަމަކީ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދަދޭން ކޮށްފައިވާކަމެއް ކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރު.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×