އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންފޮމޭޝަން ވިންޑޯ ޕްރޮގްރާމް އިފްތިތާޙުކޮށްފި

29 Aug 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންފޮމޭޝަން ވިންޑޯ ޕްރޮގްރާމް އިފްތިތާޙު ކޮށްފިއެވެ. ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަހީބެވެ.

މި ޕްރޮގްރާމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޢާއްމުން ހޭލުންތެރި ކުރުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާބެހޭގޮތުން ތަފާތު ދިރާސާތައް ކުރުމަށް ޝައުޤުވެރިވާ ނޫސް ވެރިންނާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލައިގެން، ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށް ދިނުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިގެން ދައުލަތުގެ އިދާރާތައް އިތުރަށް ޒިންމާދާރުވުމަށްބާރުއަޅާ އެކަމަށް މަގު ފަހި ކުރުމާއި ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓުކުރަން ޝައުޤުވެރިވާ މީޑިއާ ތަކަށާއި ދިރާސާކުރުމަށް ބޭނުންވާ ދަރިވަރުންނަށް ކަމާބެހޭ ތެދުމަޢުލޫމާތު ފަސޭހަކަމާއެކު އަވަހަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ނޫސްވެރިންނަށާއި ދަރިވަރުންނަށް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ކޮމިޝަނުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×