1437 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ހދ.ހަނިމާދޫގައި ފާހަގަކުރުމާގުޅޭ

29 Aug 2016

1437 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ކުޅިވަރުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް، އަމިއްލަ ޓީ.ވީ ޗެނަލްއަކާ ގުޅިގެން ހަނިމާދޫގައި ބޭއްވެވުމަށް ހަމަޖައްސާފައިވާ ޙަރަކާތްތަކަށް ޚަރަދުކުރުމަށް ހަނިމާދޫ ކައުންސިލްގެ ގަރާރަކުން 875,000.00 ރުފިޔާ ޚަރަދުކުރުމަށް ފާސްކޮށްފައިވާ ކަމަށާއި، އެފައިސާއަކީ ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރުމަށް ނިންމާފައިވާ ފައިސާއެއް ކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ދިރާސާކުރުމަށްފަހު ނިންމިގޮތް ތިރީގައި އެވަނީއެވެ.

1437 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހދ.ހަނިމާދޫ ރައްޔިތުންގެ މާލިއްޔާއިން ނުވަތަ ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާގެ ބަޖެޓުން ޚަރަދުކުރުމަށް ކައުންސިލުން ފާސްކުރައްވާފައިވާނަމަ، އެ ނިންމެވުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 4 ގެ 4.02 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި 4.06 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށާއި،

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 4 ގެ 4.02 ވަނަ މާއްދާގެ (ބ) އާއި (ޅ)ގައި ބަޔާންކޮށްފައިވަނީ، އެއްވެސް ފަރާތަކުން ބާއްވާ ކުޅިވަރެއްގައި ދަޢުލަތުގެ އޮފީހެއްގެ ނަމުގައި ބައިވެރިކުރިކަމުގައިވިޔަސް، އެކަމާބެހޭގޮތުން ދަޢުލަތުގެ އޮފީހެއްގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެކަމަށާއި، އެއޮފީހެއްގެ ބަޖެޓުގައި ކުޅިވަރު ސާމާނު ގަތުމަށް (ނުވަތަ ކުޅިވަރާބެހޭ ކަމެއް ކުރުމަށް) އައިޓަމެއް ކަނޑައެޅި، ފައިސާ ހިމެނިފައިނުވާނަމަ، އެއޮފީހެއްގެ ބަޖެޓުން ނުވަތަ އެހެން އެކައުންޓަކުން ނަމަވެސް ކުޅިވަރާބެހޭ ސާމާނު ހޯދުމަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެކަމަށާއި،

އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 4 ގެ 4.06 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ، ބަޖެޓުގައި ކަނޑައެޅިފައި ނުވާކަމަކަށް ބަޖެޓުން ޚަރަދު ކޮށްގެން ނުވާނެކަމަށާއި، ބަޖެޓުގައި ކަނޑައެޅިފައި ނުވާ ކަމަކަށް ޚަރަދެއް ކުރަން ބޭނުންވާނަމަ އެޚަރަދެއް ކުރަންވާނީ އެޚަރަދެއް ކުރަން ބޭނުންވާ ސަބަބަކާއެކު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅައި އެޚަރަދެއް ކުރުމުގެ ހުއްދަ ލިޔުމުން ލިބުމަށްފަހުގައި ކަމަށާއި،

މީގެއިތުރުން، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 88 ވަނަ މާއްދާގައިވަނީ، ކައުންސިލަށް ލިބޭ ފައިސާއާއި މުދާ ބަލަހައްޓަންވާނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެހެންކަމުން، ރަށުގެ ރައްޔިތުންގެ މާލިއްޔަތުން ކަމަށްވިޔަސް އަދި ކައުންސިލް އިދާރާގެ ބަޖެޓުން ކަމަށްވިޔަސް އެއްވެސް ޚަރަދެއް ކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށާއި،

އެހެންކަމުން، 1437 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ފާހަގަކުރުމަށް ހދ.ހަނިމާދޫ ރައްޔިތުންގެ މާލިއްޔާއިން ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާގެ ބަޖެޓުން ޚަރަދުކުރުމަށް ފާސްކުރައްވާފައިވާނަމަ، އެ ނިންމެވުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށްވާތީ، އެކަން ނުކުރެއްވުމަށް، 29 އޯގަސްޓް 2016ގައި ހދ.ހަނިމާދޫ ކައުންސިލުގައި ވަނީ ދެންނެވިފައެވެ.

އަދި މި ކޮމިޝަނުން ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާ މި އެންގުމާ ޚިލާފަށް ޢަމަލު ކުރައްވައިފިނަމަ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާގައި ވަނީ ދަންނަވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×