މި އަހަރު 2 ވަނަ ކުއާޓަރގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 93 މައްސަލަ ބަލައި ނިންމައިފި

06 Sep 2016

 

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 201 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 93 މައްސަލައެއް ކޮމިޝަނުން ބަލާ ނިންމާފައިވެއެވެ. މިއީ 2015 ވަނަ އަހަރުގެ މި މުއްދަތުގަ ބަލާ ނިންމި ނާޖާއިޒު ފާއިދާތަކުގެ މައްސަލަތަކާ އަޅާބަލާއިރު 13.9 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރުގެ 2 ވަނަ ކުއާޓަރ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފުވުމުގެ 72 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރގައި ދެން އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 37 މައްސަލައެއް ނިންމާފައިވެއެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 14 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 4 މައްސަލައަކާއި ރިޝްވަތުގެ 1 މައްސަލަ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައިވެއެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×