މިމަންޒަރު ތަސައްވުރަށް ގެނުވާށެވެ. ތިބާއަކީ ވެރިކަންކުރާ ރށުގެ ކާރުބާރު ބޮޑު މަގެއްގައިވާ ކުޑަ ފިހާރައެއް ހިންގާ ފަރާތެކެވެ. އާދައިގެ މަތިން ފިހާރަ ހުޅުވަން ދިޔައިރު ފިހާރައިންވަނީ ވައްކަން ކޮށްފައެވެ. މި ވައްކަންކުރީ ކޮންމެވެސް މީހަކު ފިހާރައިގެ ފާރެއް ތަޅާލައިގެން އެތެރެއަށް ވަދެގެންނެވެ. މުޅި ތަނުގައި ވަނީ ގަލާއި ބިއްލޫރި ކުނޑިއެވެ. ތިޖޫރީގެ ދޮރު ހަލާކުކޮށްލައި އޭގައި ހުރި ހުރިހާ ފައިސާއެއްވަނީ ގެންގޮސްފައެވެ. އަދި 15000 ޔޫ.އެސް ޑޮލަރުގެ އަގުހުރި މުދާވެސް ވަނީ ވަގަށް ނަގާފައެވެ.
ތިބާ އަވަސްވެގަތީ ފުލުހުންނަށް މިމައްސަލަ ހުށައަޅާށެވެ. ޕޮލިސް ސްޓޭޝަނަށް ގޮސް އެވަގުތު ޑިއުޓީގައި ހުންނެވި އޮފިސަރަށް ކަންހިނގައިފައިވާގޮތުގެ ތަފްސީލް ދޭން ފެށުމުން އޭނާ ތިބާ ހުއްޓުވިއެވެ. އަދި ފައިސާދީގެން ނޫނީ މައްސަލަ ނުލިޔެވޭނެ ކަމުގައި އޭނާ ބުންޏެވެ. އޭނާ ބޭނުންވީ އެތައް ސަތޭކަ ޑޮލަރެކެވެ. ދެން އިނގިލީގެ ނިޝާން ނަގަންއައީ އެހެން ފުލުހެކެވެ. އޭނާވެސް ބޭނުންވީ ފައިސާއެވެ.
މިއީ، ޔަމަންގެ ވެރިރަށް ސަން-އާގައި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރައެއް ހިންގަމުން އަންނަ، 33 އަހަރުގެ ޙުސައިންއަށް ދިމާވި ހާދިސާއެކެވެ. އޭނާ ވިޔަފާރިކުރާ ތަން ހުންނަނީ، ޔަމަނުގެ ވެރިކަމުން ވަކި ކުރެވުނު ރައީސް ގޭބަންދުގައި ބަހައްޓާފައި ހުރި އިމާރާތާއި ދާދި ކައިރީގައި ކަމުން އެމަގުގައި ފުލުހުންނާއި ފުލުހުންގެ ކާރުތައް ރެއާއި ދުވާލު ހަރަކާތްތެރިވަމުން ދިޔައެވެ. އެހެންނަމަވެސް، ހުސައިން ބުނި ގޮތުގައި އޭނާއަށް އެހީތެރިވެދޭނެ ފުލުހަކު ހޯދުންވީ ނާދިރުކަމަކަށެވެ. ޔަމަނުގައި އުޅޭ މީހުންގެ 60 އިންސައްތަ މީހުންނެކޭ އެއްފަދައިން އޭނާއަށްވެސް ޖެހުނީ ފުލުހުން އޭނާގެ ވާހަކަތައް އަޑުއެހުމުގެ ކުރިން އެމީހުންނަށް ރިޝްވަތުދޭށެވެ.
“ޔަމަނުގައި ސަލާމަތްތެރިކަމަކީ ވަރަށް ނާޒުކު އެއްޗެއް. އަދި ފުލުންނަކީ ވަރަށް މަދު މުސާރައަކަށް މަސައްކަތްކުރަމުންދާ ބަޔަކަށް ވުމުން އެމީހުންގެ ފަރާތުން ކަމެއް ބޭނުންވެއްޖެނަމަ، އެކަމެއް ކުރެވޭނީ އިތުރަށް ފައިސާ ދީގެން.” އެޤައުމުގައި ހުންނަ އަޅުގަނޑުމެންގެ ސެންޓަރުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ތައުފީކް އަލް-ބުޑިޖީ ވިދާޅުވިއެވެ. “ކުޑަ ކުދިން ވަގަށް ގެންދިއުމުގެ މައްސަލަތަކުގައިވެސް ފުލުހުން އެމައްސަލަ ބެލުމުގެ ކުރިން އެމީހުންނަށް އާއިލާތަކުން އެތައް ހާސް ޑޮލަރެއް ދޭން ޖެހޭ ވާހަކަތައްވެސް އަޅުގަނޑުމެންނަށްވަނީ އިވިފައި.” އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
ހުސައިންގެ މައްސަލައިގައި އޭނާވަނީ ރިޝްވަތުގެ ގޮތުގައި 1200 ޔޫ.އެސް ޑޮލަރު ދައްކާފައެވެ. “އަޅުގަނޑު އެފައިސާ ނުދެއްކި ނަމަ އެމައްސަލަ ތަހުޤީގުކުރުމުގެ އެއްވެސް އުއްމީދެއް ނޯންނާނެ” އޭނާ ބުންޏެވެ. 55 އިންސައްތަ މީހުން ފަޤީރު ހާލުގައި ދިރިއުޅެމުން އަންނަ ޔަމަނުގެ ގިނަ މީހުންނަކީ އެ ހާލަތުގައި 1200 ޔޫ.އެސް ޑޮލަރު (އެއީ ޔަމަނުގެ ޖީ.އެން.ޕީ ޕާ ކެޕިޓާ އާއި އެއްވަރު އަދަދެއް) ނުދެއްކޭނެ މީހުންނެވެ. އަދި އެވަރަށް ފައިސާ ދެއްކުނަސް އެހެން ފަރާތަކުން އެއަށްވުރެ ގިނަ ލާރިދީގެން އެމައްސަލަ އޮއްބާލަން އުޅެފާނެ ކަމުގެ ބިރު އޮންނާނެ ކަން ޙުސައިން ފާހަގަކުރިއެވެ.
“އެމައްސަލަ ކުރިއަށް ދަނިކޮށް ޑެޕިއުޓީ ޕޮލިސް ޗީފް ވަނީ އަޅުގަނޑަށް ގުޅާފައި. އަދި އެމައްސަލަ އިތުރަށް ތަހުޤީޤު ނުކޮށް ދޫކޮށްފިނަމަ އަޅުގަނޑަށް ލިބުނު ގެއްލުމުގެ ދެބައިކުޅަ އެއްބަޔަށް ވާވަރަށް ފައިސާދޭނެ ކަމަށް ބުނި.” ޙުސައިން ކިޔައިދިނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެމައްސަލަ ބެލުމަށް އޭނާ ފުލުހުންނަށް ފައިސާ ދެއްކި ފަދައިން އެމައްސަލަ ނުބަލައި ދޫކޮށްލުމަށް އެހެން ބަޔަކު ވަނީ ފުލުހުންނަށް ފައިސާ ދައްކާފައެވެ. އަދި އެތައް މަހެއްވީއިރުވެސް އެކަމާގުޅޭ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޙުސައިންގެ ހެކިބަހުން ކުރަހައިދެނީ ޔަމަނުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ވަރަށް މާޔޫސްކުރުވަނިވި ތަސްވީރެކެވެ. އަދި އޭނާގެ ވާހަކައަކީ އަޅުގަނޑުމެންނަށް އިވިފައިވާ މިކަހަލަ އެތައް ވާހަކައިގެ ތެރެއިން އެންމެ ވާހަކައެކެވެ. މިކަމާ ގުޅިގެން ފުލުހުންގެ ތެރޭގައި އޮންނަ ކޮރަޕްޝަން ހުއްޓުވުމަށް އަޅުގަނޑުމެންގެ ޔަމަނީ ސެންޓަރުންވަނީ ޤައުމީ ކެމްޕޭނެއް ފަށާފައެވެ. މިގޮތުން 2013ގެ ޑިސެމްބަރގައި އަޅުގަނޑުމެން ވަނީ އޮފިސަރުންގެ ކިބައިގައި، ރިޝްވަތު ހިފުން ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ހުނަރުތައް އުފެއްދުމަށްޓަކައި ޔަމަނުގެ ނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އެޤައުމުގެ އެކި ހިސާބުތަކުގައި ޚާއްސަ ޓްރެއިނިންގ ތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވާފައެވެ.
“ފުލުހުންގެ ތެރޭގައި އޮންނަ ކޮރަޕްޝަނުގެ ސަބަބުން އަސާސީ ރައްކާތެރިކަމާއި ކަރާމާތްތެރިކަމަށް ވަރަށް ބޮޑަށް ބުރޫއަރާ. ޔަމަނުގެ ރައްޔިތުންނަށް ބޭނުންވަނީ އެމީހުންގެ ޙައްޤުގައި މަސައްކަތްކުރާނެ ފުލުހުން. އަމިއްލަ ބޭންކް އެކައުންޓްތަކަށް ފައިދާވާނެހެން މަސައްކަތްކުރާ ބައެއްނޫން.” މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅެއް އަޅަންޖެހޭކަމަށް ތައުފީކް ވިދާޅުވިއެވެ.
*ނަންތައް ވަނީ ބަދަލުކުރެވިފައި
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ދަ ޕްރައިޒް އޮފް ޖަސްޓިސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/the_price_of_justice