ހައްޔަރުކުރެވިފައިވާ މައިން

26 Sep 2016

 

އ.ދ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒިމްބާބްވޭގައި، ދުވާލެއްގެ މައްޗަށް، ވިހެއުމުގެ ތެރޭގައި އަށެއްކަ މައިން މަރުވެއެވެ. މިކަން މިގޮތަށް ދިމާވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ! އެތަކެއް އަހަރެއްގެ އިޤްތިޞާދީ ހަލަބޮލިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެޤައުމުގެ ޞިއްޙީ ދާއިރާއަށެވެ. ވިހެއުމުގެ ފީ އެއްގެ ގޮތުގައި  ހޮސްޕިޓަލްތަކުން މާބަނޑުމީހުންގެ އަތުން ނަގާ 50 އެމެރިކާ ޑޮލަރު ދެއްކުން އެމީހުންނަށް ގިނަ ފަހަރަށްވަނީ ދަތި އުނދަގޫ ކަމަކަށެވެ. މި އަދަދަކީ ގާތްގަނޑަކަށް ޒިމްބާބުވޭގެ އާންމު މީހެއްގެ އާމްދަނީގެ ތިންބައިކުޅަ އެއްބައެވެ. އެހެންކަމުން، އިތުރު ގޮތެއް ނެތިގެން މާބަނޑު އަންހެނުންނަށް ޖެހެނީ ރަސްމީ ޞިއްޙީ އެހީތެރިކަމަކާނުލާ، ގޭގައި ވިހާށެވެ.

ޒިމްބާބުވޭގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބާއްވާ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން ފާހަގަކުރެވިފައިވާ ގޮތުން،  ކޮރަޕްޝަނުގެ ސަބަބުން މިޙާލަތު އިތުރަށް ގޯސްވަމުންދެއެވެ. އަދި، އެމީހުންނަށް އެނގުނު ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުން މާބަނޑުމީހުންގެ އަތުން، އެމީހުން ވިހެއުމުގެ ތެރޭގައި އެކަމުގެ ވޭނަށް ކެތްނުވެގެން ހަޅޭއްލެވޭ ކޮންމެ ފަހަރަކު، ޖޫރިމަނާއެއްގެ ގޮތުގައި 5 އެމެރިކާ ޑޮލަރު ނަގަމުން ގެންދެއެވެ. އަދި ވިހެއުމުގެ ޚަރަދުތައް ދައްކަން އިންކާރުކުރާ ނުވަތަ އެޚަރަދުތައް ދެއްކުމަށް ނުކުޅެދޭ މައިން،  އެފައިސާ ދައްކަންދެން ހޮސްޕިޓަލުގައި ހިފަހައްޓައި އަދި އެ އަދަދުގެ އިންޓެރެސްޓްވެސް ނަގާކަމަށްވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، އެފަދަ ހޮސްޕިޓަލްތަކުން ފިލުމަށް، އެމީހުންގެ ޢާއިލާގެ މެންބަރުންގެ އެހީތެރިކަންވެސް ހޯދަންޖެހިފައިވެއެވެ. މީގެ އިތުރުންވެސް، ދުވަސްތަކަކަށް ފަހު ދޫކޮށްލެވުނު މީހުން ބުނި ގޮތުގައި، ހޮސްޕިޓަލް ފީއާއި އިތުރު އަދަދުތަކުން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކުގެ ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ.

މިކަންކަމާ ގުޅޭ މަޢުލޫމާތު،  ޒިމްބާބުވޭގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ގޮފީގެ އޮފީހަށް އެނގުމުން، އެކަން އެޤައުމުގެ ސިއްޙީ ވުޒާރާއާ ޙިއްޞާކުރިއެވެ. ނަމަވެސް، ޖަވާބެއް ނުލިބި ގިނަ ދުވަސްވުމުން، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ވަކީލުން އެ ވުޒާރާއަށް ގުޅުމުން ޖަވާބަކަށްވީ ސިޓީވަނީ ގެއްލިފައިކަމުގައެވެ. ނަތީޖާއެއްގެ ގޮތުން ދެން އެމީހުންނަށް ޖެހުނީ ބޮޑު ވަޒީރުގެ ނައިބާ ދިމާލަށް ދާށެވެ. ޒިމްބާބުވޭގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލާ ބައްދަލުކުރުމަށްފަހު، ބޮޑު ވަޒީރުގެ ނައިބު ތޮކޮޒާނީ ޚޫޕް އެޤައުމުގެ ސިއްޙީ ނިޒާމު މުރާޖަޢާކޮށް މާބަނޑުމީހުންގެ ޞިއްޙަތާ ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރުމަށް އެންގިއެވެ. އޭގެ ފަހުން އެސަރަޙައްދުގައި އުޅޭ އަންހެނުންގެ ފަރާތުން ޒިމްބާބުވޭގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަށް އެއްވެސް ޝަކުވާއެއް ލިބަފައެއް ނުވެއެވެ. އަދި މިފަދަ ކަންކަން އަލުން ހިންގިޔަ ނުދިނުމަށް އެހިސާބުގައި އުޅޭ މީހުންނާ ގާތް ގުޅުމެއް އެމީހުން ބާއްވައެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުންވަނީ ޞިއްޙީ، ތައުލީމީ އަދި ފެނުގެ ޙިދުމަތްތައް ފަދަ އަސާސީ ޙިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ހިންގާ ކޮރަޕްޝަނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޒިމްބާބުވޭގައި ފުޅާ ދާއިރާއެއްގެ ކެމްޕޭނެއް އިފްތިތާޚްކޮށްފައެވެ. އަދި، އެމީހުން ގެންދަނީ ފުލުހުންނާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ހެކި ހޯދައިދިނުމުގެ ގޮތުން އޮފިޝަލުން ރިޝްވަތު ހޯދުމަށް އެދޭއިރު ސިއްރުން އެތަން ރިކޯޑް ކުރުމަށް މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން މަސައްކަތުބައްދަލުވުންތައް ބާއްވަމުންނެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ކެޕްޓިވް މަދަރސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/captive_mothers



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×