އޭސީސީގައި ކުރިއަށްދާ މައްސަލަތަކުގެ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

11 Oct 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް، އެމީހަކީ ކާކުކަން އެނގޭގޮތަށް މޯބައިލް ނަންބަރާއެކު ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ކޮމިޝަނަށް ބަލައިގަތުމާއެކު އަދި އެ މައްސަލައެއްގައި އޭސީސީން އަޅަމުން ގެންދާ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެފަރާތްތަކަށް ޙިއްސާކުރެވޭނެ ނިޒާމެއް މިއަދު އޭސީސީގައި ޤާއިމް ކޮށްފިއެވެ.

މި ނިޒާމުގެ ދަށުން މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކާއި މައްސަލަ ނިމުމުން ނިންމިގޮތްވެސް މައްސަލަ ހުށަހެޅި ފަރާތަށް އެސްއެމްއެސްއަކުން ލިބެމުންދާނެ އިންތިޒާމްވަނީ އޭސީސީން ހަމަޖައްސާފައެވެ. އަދި މައްސަލައިގެ ސްޓޭޓަސް މައްސަލަ ހުށަހަޅާ ފަރާތުން ބަލާލަން ބޭނުންވާނަމަ އެމީހަކަށް އޭސީސީން ފޮނުވާ ރެފަރެންސް ނަންބަރު ބޭނުންކޮށްގެން ވަގުތުންވަގުތަށް އެމަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ވަނީ މި އަދު މި އިފްތިތާޙް ކުރި ސިސްޓަމާއެކު ޤާއިމްކުރެވިފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އައިޓީ ސެކްޝަންގެ މުވައްޒަފުން ތައްޔާރުކުރި މި ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ، އޭސީސީގެ ކޮމްޕިއުޓަރ ސޮފްޓްވެއަރ “އެއިމްސް” އިފްތިތާޙް ކުރުމަށް މިއަދު އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×