ކުއްލި އެހީ

31 Oct 2016

ދުވަހުގެ ގަދަ ހޫނާއެކު ކަމާލުގެ* ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ކޮންމެވެސް ވަރަކަށް ލޮލަށް ފެނުމުގެ މައްސަލަވެސް ހުރި، އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅުގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން، ކަމާލަށްވަނީ ވަރަށް އަވަހަށް ސިކުނޑީގެ ސްކޭނެއް ހަދަންޖެހިފައެވެ. ދުވަހަކީ ކަސަބްލަންކާގައި ހޫނުގަދަ ދުވަހެކެވެ. ކަމާލާއި އޭނާގެ ދަރިފުޅު  ހޮސްޕިޓަލުގެ ގޮނޑިއެއްގައި ހާސްކަމާއެކު އިށީނދެގެން ތިބީ ޑޮކްޓަރެއްގެ އިންތިޒާރުގައެވެ. އެތައް އިރެއް ފާއިތުވި ފަހުން، ސިކުނޑީގެ ސްކޭނު ހެދުމާބެހޭ އިން-ޗާޖަކަށް ހުރި ނަރުސް އައިސް އެމީހުންނާ ވާހަކަ ދެއްކިއެވެ. އޭނާ ބުނި ގޮތުގައި ކަމާލްގެ ދަރިފުޅަށް އެޕޮއިންޓްމަންޓެއް ލިބޭނީ އެތައް މަހެއް ފަހުންނެވެ. އަދި އެއަށްވުރެ އަވަހަށް އެޕޮއިންޓްމަންޓެއް ހައްދަން ބޭނުންވާނަމަ އޭގެ އަނެއް ދުވަހުގެ ހެނދުނު، އާއްމުކޮށް ސްކޭން ފީއަށް ދައްކާ 200 ދިރުހަމް (24 އެމެރިކާ ޑޮލަރު) ގެ އިތުރަށް 500 ދިރުހަމް (60 އެމެރިކާ ޑޮލަރު) ގެނައުމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ކަމާލަށް، އެލާރީ ދެއްކޭނީ އެންމެ ރެއަކުން އޭނާގެ އެއް މަހުގެ މުސާރައިގެ ތިންބައި ކުޅަ އެއްބައި ހޯދައިގެންނެވެ.

މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މައިންބަފައިންނަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ޙާލަތެކެވެ. އެއީ ޤާނޫނާ ޚިލާފަށް ބަޔަކަށް ރިޝްވަތު ދީގެން ދަރީންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ދިނުން ނުވަތަ ފުރާނަ ގެއްލިގެން ދާއިރުވެސް ހެދޭނެ ގޮތެއް ނެތި ބަލަހައްޓައިގެން ތިބުމެވެ. ނަސީބަކުން ކަމާލަށް އިތުރު ގޮތެއް އެނގުނެވެ. އޭނާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ އެންޓި-ކޮރަޕްޝަން ހެލްޕް ލައިނަށް ގުޅާ އޭނައަށް ދިމާވި ކަންތައް ރިޕޯޓުކުރިއެވެ. އަދި ޓްރާންސްޕޭރެންސީ އިންޓްނޭޝަނަލްގެ އެޑްވައިޒަރުންގެ ލަފާގެ މަތިން އެދުވަހުން އެދުވަހަށް އޭނާ އަމިއްލައަށް ގޮސް ސީދާ އެޓާނީ ޖެނެރަލަށް އެކަމުގެ ޝަކުވާ ހުށައެޅިއެވެ.

ނަތީޖާއެއްގެ ގޮތުން، އޭނާ އޭގެ ފަހު ދުވަހު ހޮސްޕިޓަލަށް ދިޔައީ އެކަންޏެއް ނޫނެވެ. ނަރުސް މީހާއަށް ނޭގުނަސް ކަމާލާއެކު ދެން އައި ދެމީހުންނަކީ ފުލުހުންނެވެ. ނަރުސްމީހާ އައިސް އޭނާ ބޭނުންވި ފައިސާއަށް އެދުމުން ފުލުހުން އޭނާ ވަގުތުން ހައްޔަރު ކުރިއެވެ. އަދި ނުހަނު އަވަހަށް ކޯޓުން މިމައްސަލަ ބަލައި އެނަރުސް މީހާ 2 މަހަށް ޖަލަށް ލުމަށް ޙުކުމް ކުރިއެވެ. ހަމައެއާއެކު ކަމާލުގެ ދަރިފުޅަށް ބޭނުންވާ ސްކޭންވެސް އިތުރު އެއްވެސް ފައިސާއެއް ނުދައްކައި ކުރެވުނެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ އެހީއާއެކު، އިތުރު ރައްޔިތުން މިމިސާލު ބަލައިގަންނާނެއެވެ. ” މޮރޮކޯގެ ހުރިހާ ރައްޔިތުންނަކީވެސް ރިޝްވަތުގެ ހާދިސާއަކާ ކުރިމަތިލާ ހިނދު ފުލުހުންނަށް ގުޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ ބައެއް. އެހެންނަމަވެސް ގިނަ މީހުންނަށް މިޙައްޤާ ބެހޭ ގޮތުން އެނގިފައެއް ނުވޭ.” ކަމާލަށް އެހީތެރިވެދިން ޤާނޫނީ ލަފާދޭ ސެންޓަރުގެ ކޯޑިނޭޓަރ އަލީ ލަހްލޫ ވިދާޅުވިއެވެ.

“މީގެ އިތުރުންވެސް، ބައެއްމީހުން މިކަމާ ދެކޮޅަށް ތެދުވާން ފަސްޖެހެނީ ޢަދުލު އިންޞާފުގެ ދާއިރާގައި އުޅޭ މީހުންވެސް އިތުރު ރިޝްވަތެއް އެމީހުންގެ އަތުން ހޯދަން އުޅެފާނެތީ. އަދި މުއައްސަސާއަކާއި ދެކޮޅަށް ޝަކުވާ ހުށައަޅައިފިނަމަ އެމީހުންގެ ފަރާތުންވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެސް އޮވޭ.”

ކަމާލުވެސް މިކަމާ އެއްބަސްވެއެވެ. ” މިކަންތައްތަކާ ދެކޮޅަށް ތެދުވެ ވާހަކަ ދައްކާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި އެއްބާރުލުން ދެވޭތޯ އަޅުގަނޑުމެން ޔަޤީން ކުރަންޖެހޭ” އެނާ ބުންޏެވެ. “އެހެންވެއްޖެނަމަ އަހަންނަށް ދިމާވި ފަދަ ކަންކަން ދިމާވާ މީހުންވެސް ކޮރަޕްޝަނާ ދެކޮޅަށް ތެދުވެ ޙަރަކާތްތެރިވާނެ.” އޭނާ އިތުރަށް ބުންޏެވެ.

*ނަން ބަދަލުކުރެވިފައި

* ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “އެމާޖެންސީ ހެލްޕް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×