ދަރިވަރުންނަށް ފަށާ ތަޢުލީމް ފޯރުކޮށްދިނުމަށް ގާނާގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން، 2005 ވަނަ އަހަރުތެރޭގައި ފަށާ ތަޢުލީމުގެ ފީތައް ނެގުން ހުއްޓާލާފައި ވެއެވެ. މީގެ ސަބަބުން ގާނާގެ ޒުވާނުންގެ މެދުގައި ސްކޫލަށް ވަންނަ ނިސްބަތާއި ލިޔަންކިޔަން ދަންނަ ނިސްބަތް އިތުރުވެގެން ދިޔައެވެ. އެހެން ނަމަވެސް، މިއާ ޚިލާފަށް މަތީ ތަޢުލީމުގެ އަގުތައް އަތްނުފޯރާ ވަރަށް ބޮޑުވުން ވެފައިވަނީ ހަމަހަމަ ފުރުޞަތުތަކަށް އެޅިފައިވާ ހުރަހަކަށެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ގާނާ ޗެޕްޓަރއަށް ހުށަހެޅުނު މައްސަލައެއްގައި ޕޮލިޓެކްނިކްސް ކިޔަވަމުން އައި ދަރިވަރުންތަކަކަށް ކުރިމަތިވެފައިވަނީ މިއަށްވުރެވެސް ބޮޑު ބޭއިންސާފަކާއެވެ.
ކޯފީ* ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަށް ފޮނުވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯފީގެ މުދައްރިސުން ވަނީ ކުލާހުގައި ދެވޭ ހޭންޑް އައުޓްތަކަށް ހުރިހާ ދަރިވަރުން ފައިސާ ދޭންޖެހޭނެ ކަމަށް އަންގާފައެވެ. އަދި މުދައްރިސުން އަތުން ހޭންޑްއަޓު ގަންނަ ދަރިވަރުންނަށް، އެކަމުގެ “އިނާމެއްގެ” ގޮތުން އަހަރު ނިމޭއިރު ލިބޭ ނަތީޖާއަށް 20 އިންސައްތަ އިތުރުކޮށްދޭނެ ކަމަށް ވަޢުދުވެފައެވެ. ނިކަމެތި ކުދިންނަށް މިފައިސާ ދެއްކުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމަކަށް ނުވާތީ، އަދި އެފައިސާ ދެއްކުމުގެ ޤާބިލުކަން ހުރި ކުދިންނާ ވާދަކުރަންޖެހުމަކީ އިންޞާފުވެރިގޮތަކަށް ނުވެއެވެ.
ޓްރާންސްޕޭރެންސީ ގާނާއިން މިކަމާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ރަސްމީކޮށް އެދިފައިވެއެވެ. އަދި ސްކޫލް ބޯޑުން ހިންގި އެތެރޭގެ ތަޙުޤީޤުގައި ތުހުމަތުކުރެވުނު މުވައްޒަފުން ވަނީ އެކަމަށް އެއްބަސްވެފައެވެ. އޭގެ ފަހުން ސްކޫލުންވަނީ ދަރިވަރުންނަށްދޭ އެބާވަތުގެ ތަކެތި ހިލޭ ނުވަތަ ވަރަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ. ގާނާގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ އުންމީދަކީ ކޯފީގެ މައްސަލައިގެ ސަބަބުން، ދަރިވަރުންގެ އަތުން ނުޙައްޤުން ފައިސާ އަތުލުމުގެ މައްސަލަތަކަށް ޙައްލު ލިބި، ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުމެވެ.
*ނަން ބަދަލުކުރެވިފައި
* ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ލެސަން އިން އިންޓެގްރިޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/lessons_in_integrity