ބާރުވެރިކުރެވިފައި!

16 Nov 2016

 

ތަނަކީ އިންޑިއާގެ ރަށްފުށުގެ ސަރަޙައްދެއްކަމަށްވާ ބިހާރުގައި ހުރި އިޖުތިމާޢީ މަރުކަޒެކެވެ! މުޅި މަރުކަޒުވަނީ ގިނަ އަދަދެއްގެ މީހުން އެއްވެ ފުރާލާފައެވެ. ހައްތާވެސް ބައްދަލުވުމަކަށް އައިސްތިބި މީހުންނެވެ. ނަމަވެސް، އެހާ ގިނަ މީހުންނާއެކުވެސް މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ! އެއްވެތިބި މީހުންނާ މުޚާޠަބުކޮށް ވާހަކައްކަމުން ގެންދިޔައީ އުމުރުން ގާތްގަނޑަކަށް އެންމެ 25 އަހަރުގެ ޒުވާނެކެވެ. އެޒުވާނާގެ ވާހަކައިގެ ވަކި ހިސާބަކުން، އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރެންފެށިއެވެ.

މިޒުވާނާގެ ނަމަކީ އަލްޠަފް*އެވެ. އޭނާއާއި އޭނާގެ ޢާއިލާ ދިރިއުޅެމުންދަނީ އެ މަރުކަޒާ ދާދި ކައިރީގައި އޮތް ކުޑަކުޑަ ބިންކޮޅެއްގައެވެ. އަލްޠަފް އުޅެ ބޮޑުވީ އެތާނގައެވެ. އަދި މިހާރު މަސައްކަތްކުރަމުން ގެންދަނީވެސް ހަމަ އެތާނގައެވެ. އެއީ އޭނާ ދިރިއުޅުމަށް މަސައްކަތްކުރާ ތަނުގެ އިތުރަށް އޭނާގެ ގެދޮރުވެސްމެއެވެ. އެބިމުގައި ވަރަށް ގިނަ ދުވަހަށް ދިރިއުޅުމުގެ ސަބަބުން އެބިން ވަނީ ޤާނޫނީ ގޮތުން އަލްޠަފްގެ މިލްކަކަށް ވެފައެވެ. އެހެންނަމަވެސް އެބިމުގެ މިލްކުވެރިއަކީ އަލްޠަފްކަން އަންގައިދޭ ލިޔުން (ބިމުގެ ރެޖިސްޓްރީ) ހޯދުން ވެފައިވަނީ ދަތި އުނދަގޫ ކަމަކަށެވެ.

އަލްޠަފްގެ ބިމުގެ ރެޖިސްޓްރީ ހޯދުމަށްޓަކައި ބިމާބެހޭ ކަންކަން ބަލަހައްޓާ އޮފީހަށް ހުށަހެޅިތާ މިހާރު ދެ އަހަރުވީއެވެ. އެހެންނަމަވެސް، އަދިވެސް އެ އޮފީހުން އެއްވެސް ޖަވާބެއް އޭނާއަކަށް ނުލިބެއެވެ. އަލްޠަފް ބުނިގޮތުގައި ބިމުގެ މިލްކުވެރިކަމާ ގުޅޭގޮތުން އަލްޠަފް ހުށަހެޅި ސިޓީއާ ގޮތުން މަޢުލޫމާތު ސާފުކުރަން އެއޮފީހަށްދާ ހަމަ ކޮންމެފަހަރަކު 2000 ރުޕީސް (32 އެމެރިކާ ޑޮރަލު) ދެއްކުމަށް އެތާނގެ މުވައްޒަފުން އޭނާގެ ކިބައިން އެދެއެވެ. މިފައިސާ ނުދެއްކިއްޖެނަމަ، ދެންވާނެ ގޮތަކާ މެދު ވިސްނާފައި އޭނާ ހުރީ ވަރަށް ބިރުންނެވެ.

އަލްޠަފް ދިރިއުޅެމުން އަންނަ ހިސާބުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަމީހުންނަކީ އަމިއްލަ ބިމެއް ނެތިފައި ތިބި މީހުންނެވެ. ބިމަށް އޮންނަ ބޭނުން ބޮޑުވަމުންދާއިރު، މީހުން ގަދަކަމުން އެމީހުންގެ ބިމުން ނެރެލުމަކީވެސް ނުހަނު ގިނައިން ހިނގާ ކަންކަމެވެ. މިކަން މިގޮތަށް އޭނާގެ އަވަށްޓެރިންނާ ދޭތެރޭ ހިނގާފައިވާތަންވެސް އަލްޠަފް އަށް ވަނީ ފެނިފައެވެ.

އެ މަރުކަޒުގައި އެއްވެ ތިބި އެހެން މީހުން ފަދައިން އަލްޠަފްވެސް އެ ބައްދަލުވުމަށް އައީ، ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އިންޑިއާ ގޮފީގެ އެހީތެރިކަމަށް އެދިއެވެ. “ރަށްފުށުގެ މީހުންނަށް އެމީހުންގެ ޙައްޤުތައް ބުނެދީ އެޙައްޤުތައް ދަމަހައްޓާނެ ގޮތްތައް އެމީހުންނަށް ވިސްނައިދިނުމަށްޓަކައި އަހަރުމެން މިގެންދަނީ ތަމްރީނުތައް ހިންގަމުން”، ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އިންޑިއާ ގޮފީގެ އަކަންކްޝާ ބުންޏެވެ. އޭނާއަކީ 2012 ވަނަ އަހަރު އެހީއަށް އެދި އައި މީހުންގެ ބައްދަލުވުން ވިލަރެސްކުރި ފަރާތެވެ. “މި ސެޝަންތަކުގެ ބޭނުމަކީ ހަމައެކަނި ވާހަކަތައް ޙިއްސާކުރުމެއް ނޫން. އެހެންނަމަވެސް އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނަށް އެމީހުންގެ ޙައްޤުތައް ނިގުޅައިގަންނަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ތެދުވުމަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.”

އަލްޠަފްއަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކަށްވީ އިންޑިއާގެ މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނެވެ. “މިއީ ހައިރާންވާންޖެހޭ ކަމަކަށް ވެދާނެ. އެހެންނަމަވެސް އާންމުންނަށް ލިބެންޖެހޭ މަޢުލޫމާތަށް އެދުމަކީ އެކްސްޓޯޝަނާ (އޮޅުވާލައިގެން ނުވަތަ ގަދަކަމުން ފައިސާ ހޯދުން) ދެކޮޅަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.” އަކަންކްޝާ ބުނެދިނެވެ. “ރައްޔިތަކު މަޢުލޫމާތަކަށް އެދި ހުށަހެޅުމުން އެ ހުށައެޅުމުގެ ސްޓޭޓަސްގެ ރަސްމީ އަޕްޑޭޓެއް ދިނުމަށް އޮފީސްއޮފީހުގެ ވެރިންނަށް މަޖްބޫރުވޭ. އަދި ގިނަ ފަހަރަށް މިކަން ވެގެންދަނީ ރިޝްވަތަށް އެދުން ހުއްޓުވުމަށް އެޅޭ ފިޔަވަޅަކަށް”. މިއީ އަލްތަފްއަށްވެސް ކަންދިމާވި ގޮތެވެ.

ބައްދަލުވުމަށް ފަހު ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އިންޑިއާ ގޮފީގެ ފަރާތުން ވަނީ ބިމުގެ ވެރިފަރާތް ސާބިތުކުރުމަށް ހުށަހެޅުމެއް ތައްޔާރުކުރުމަށް އަލްޠަފް އަށް އެހީތެރިވެދީފައެވެ. މިގޮތުން ފުރަތަމަ ފަހަރަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުލިބުމުން، އިތުރު ހުށަހެޅުމެއް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އިންޑިއާ ގޮފީގެ ފަރާތުން ހުށަހެޅިއެވެ. ނަތީޖާއަކަށްވީ އަވަށު އޮފީހުން އެކަން ތަހުޤީޤުކުރަން ފެށުމެވެ. އަލްޠަފްގެ ހުށަހެޅުމަށް ޖަވާބެއް ލިބުން ލަސްވަންޖެހޭނެ އެކަށީގެންވާ އެއްވެސް ސަބަބެއް ދެއްކެން ނެތުމުން، ބިމާ ބެހޭ ރަށު އޮފީހުން، ބިމުގެ ރެޖިސްޓްރީ ދިނުމުގެ ކަންކަން އަލުން ފެށީއެވެ. އޭގެ ހަމަސް ފަހުން ނަމަވެސް އަލްތަފްއާއި އޭނާގެ ޢާއިލާއަށް އެމީހުންގެ ލިޔެކިޔުންތައް ލިބުނެވެ. އެއާއެކު އެމީހުންނަށް އެމީހުންގެ ގެދޮރުގައި އުޅެވޭނެ ކަމުގެ ޔަޤީންކަންވެސް ލިބިގެންދިއައެވެ.

އަލްޠަފްގެ ކާމިޔާބީއާ ގުޅިގެން އައި ބަދަލަކީ އެހެން މީހުންގެ ހުށަހެޅުންތައްވެސް އޮފިޝަލުން ބަލައިގަންނަން ފެށުމެވެ. އަދި ހަމައެހެންމެ، މިކަމުގެ ސަބަބުން އެހެން މީހުންނަށް އެކްސްޓޯޝަނާ (އޮޅުވާލައިގެން ނުވަތަ ގަދަކަމުން ފައިސާ ހޯދުން) ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ހިތްވަރެއް ލިބިގެން ދިޔައެވެ. “އާއްމުން މީގެ ކުރިން ތިބެނީ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ބިރުން. ނޫނީ އެއީ އެއްވެސް ބޭނުމެއް ނެތް ކަމެކޭ ހީވެފައި.” އަކަންކްޝާ ބުންޏެވެ. “އަލްޠަފްގެ ވާހަކަވީ މީހުން ދެކޭ ގޮތް ބަދަލު ކުރުމަށް އަހަރުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރި ކަމަކަށް.”

*ނަން ބަދަލު ކުރެވިފައި

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “އިންފޯމްޑް، އެމްޕަވަރޑް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/informed_empowered



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×