ރޯކު ގޮންޒާލެޒް* ދިރިއުޅެމުންދަނީ އާޖެންޓީނާގެ އެކަހެރި ހިސާބެއްގައެވެ. އޭނާ ދިރިއުޅޭ ހިސާބުގައި މަގުތަކެއް، ކަރަންޓުގެ ޙިދުމަތެއް އަދި ފެނުގެ ޙިދުމަތެއްވެސް ނުލިބެއެވެ. މިހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ ދަތިތައް ހައްލުކުރުމަށް ނުކުޅެދިފައިވާ އެންމެ ބޮޑު އެއްސަބަބަކީ އެމީހުންނަކީ އާޖެންޓީނާގެ ރައްޔިތުންކަން އަންގައިދޭ އެއްވެސް ހެއްކެއް އަދި ލިޔެކިޔުމެއް ނެތުމެވެ. މިގޮތަށް ރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ނެތުމުން މިމީހުންނަށްވަނީ ވޯޓުލުމުގެ ޙައްޤު ގެއްލިފައެވެ. އަދިވެސް އިޖްތިމާޢީ ފައިދާތަކާއި ސިއްޙީ ވަޞީލަތްތަކާއި ތަޢުލީމު ފަދަ އަސާސީ ޙިދުމަތްތަކުން މިމީހުންވަނީ މަޙުރޫމުވެފައެވެ. އަދި ދިރިއުޅޭ ހިސާބުގެ އެކަހެރިކަމާއި ބަހުގެ ތަފާތުތަކާއި ލިޔަންކިޔަން ދަންނަ މީހުން ނެތުމުގެ ސަބަބުން އެމީހުންނާއި ސަރުކާރާ މާބޮޑު ގުޅުމެއް ނޯވެއެވެ. މިހެންކަމުން އެމީހުންނަށް އެމީހުންގެ ޙައްޤުތަކާ ބެހޭގޮތުން އެނގިފައިވަނީ ކުޑަ މިންވަރެކެވެ.
މިގޮތަށް އެކަހެރި ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންނަށް އެމީހުންނަށް ގެއްލިފައިވާ ސަރުކާރުގެ އެއްބާރުލުން ހޯދައިދީ ފުރިހަމަ ގޮތުގައި ރައްޔިތުންނަށްވުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ރައްޔިތަކަށްވުމުގެ މުހިއްމުކަމާ ބެހޭގޮތުން މީހުން ހޭލުންތެރިކޮށް ރައްޔިތަކަށްވާން ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުންދަނީ އެމީހުންނަށް އެހީތެރިވަމުންނެވެ. ހަމައެކަނި 2012 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައިވެސް ޓީ.އައި އިންވަނީ މިނިސްޓްރީ އޮފް އިންޓީރިއަރ އިން 100 އަށް ވުރެ ގިނަމީހުންނަށް އެމީހުންގެ އައިޑީ ކާޑު ހޯދައިދީފައެވެ.
މިގޮތަށް ރައްޔިތަކަށްވުމުން އެމީހުންގެ ޢާއިލާގެ ދުޅަހެޔޮކަމަށް ހެޔޮބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން އެކަށީގެންވާ ލިޔެކިޔުންތައް ހުރުމުން މައިންނަށް އެމީހުންގެ ދަރިން ‘ޗައިލްޑް ބެނިފިޓް ޕްރޮގްރާމު’ގައި ބައިވެރިކުރުމުގެ ފުރުޞަތު ލިބި އެމީހުންގެ ކުދިން ސްކޫލަށް ވައްދައި ސިއްޙީ ޙިދުމަތް ލިބުމަށް މަގުފަހިވެގެންދިޔައެވެ. ޓީ.އައި އިން ދަނީ އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްޔިތުންކަމުގައި ބަލައިގަތުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިގޮތަށް ސަރުކާރުން އެމީހުން ރައްޔިތުންގެ ގޮތުގައި ބަލައިގެންފިނަމަ އެމީހުން ދައުލަތުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުޞަތު ލިބި އެމީހުންނަށް ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ޙިދުމަތްތަކަށް ބޭނުންވާ އިންވެސްޓްމަންޓް ލިބިގެންދާނެއެވެ.
“ރައްޔިތަކަށް ވުމުގެ ލިޔެކިޔުން ލިބުމުން ތަރައްޤީވެފައިވާ ހިސާބުތަކުގައި އުޅޭ މީހުންނަށް ލިބޭ ބައެއް އެހީތެރިކަން އަހަރުމެންނަށްވެސް މިހާރު ލިބިގެންދޭ!” ރޯކު ބުންޏެވެ. މިގޮތަށް ރައްޔިތެއްކަން އަންދައިދޭ ލިޔެކިޔުން އޮތުމަކީ އަދި ޖަވާބުދާރީކުރުވުމަށާއި އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް ބާރުއަޅާނެ ކަމެއް ކަމުގައި ރޯކު ފަދައިން ވަރަށް ގިނަ މީހުން މިހާރު ޤަބޫލުކުރެއެވެ.
*ނަންތައް ބަދަލުކުރެވިފައި
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސިޓިޒަންޝިޕް މެޓާސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.