މީރާގެ އިސް މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

28 Nov 2016

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު މެމްބަރުންނާއި އިސްވެރިން 28 ނޮވެންބަރު 2016 ގައި ސޮއިކުރައްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި މީރާގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރެއްވުމަށް ބޭއްވުނު ހަފްލާގައި ވަޢުދުގައި ސޮއިކުރުން ފައްޓަވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދާއި، މީރާގެ ބޯޑު މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދު ވިދާޅުވީ މީރާއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތެއްގެމަތިންކަމަށެވެ. މިގޮތުން ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ އިންޓަރނަލް ކޮންޓްރޯލްސް ދޯދިޔާވުމާއި ޚިދުމަތް ލިބިގަތުމަށް ޢާއްމު ރައްޔިތުންނަށް ކުރިމަތިވާ ދަތި އުނދަނގޫ ކަންތައްތައް ކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން މީރާގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް ޒިންމާތައް ބަހާލައި ނިންމުންތައް ނިންމުމުގައި ހަރުދަނާ އުސޫލުތަކެއް ޤާއިމް ކުރެވިފައި ހުންނާނެކަމަށާއި މީރާގެ ހުރިހާ މުވައްޒަފުންނަކީ އެމީހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ބައެއް ކަމަށާއި އެ މުވައްޒަފުންގެ މާލީ ބަޔާންތައް ބަލާ ފިޔަވަޅު އަޅަމުން ގެންދާކަން ކޮމިޝަނަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. އަދި މީރާއަކީ ޚިދުމަތް ދިނުމުގައި ޢާއްމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީފައިވާނެ، އިދާރާއެއްކަން ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ވަނީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް އިސްނެގިކަމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާށާއި މީރާގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރެއްވުމަކީ ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭނުގައި ހިމެނޭ ގިނަ ޙަރަކާތްތަކެއްގެ ތެރެއިން އެންމެ ކަމެއްކަމަށާއި ދައުލަތުގެ އިދާރާތަކުގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ދުރު މުސްތަޤްބަލަށް އަމާޒު ކުރެވޭ އެތައްކަމެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދާކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އަދި އޭސީސީއަކީ ހާމަކަމާއެކު ކަންކަން ކުރުމަށް ވަރަށްބޮޑު އިސްކަމެއް ދޭ މުއައްސަސާއެއްކަމަށާއި މިގޮތުން އޭސީސީގެ ހުރިހާ އިންވެސްޓިގޭޓަރުންނާއި މެމްބަރުން ވެސް މާލީ ބަޔާން ތައްޔާރުކޮށް މީގެ އެތައް އަހަރެއްކުރިން ފެށިގެން ހުށަހަޅަމުންދާކަމަށާއި އަދި ކޮމިޝަންގެ މެމްބަރުންގެ މާލީ ބަޔާން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކުރަމުންދާކަންވެސް ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، ކޮމިޝަންގެ ރައީސްކަމުގައި ހުންނަވާއިރު ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވާ ކަމަށާއި ނަމަވެސް އެ ފާޑުކިއުންތައް އަމާޒުވަނީ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާތީ ކަމަށާއި، ކޮމިޝަންގެ މަސައްކަތްތައް އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާކޮށް ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރެއްވުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ އެއްވެސް ކޮރަޕްޝަންގެ ޢަމަލެއް ސާބިތު ކުރައްވައިފިމީހަކަށް ކޮރަޕްޝަންގެ ޢަމަލުން ހޯދާފައިވާ ފައިސާއެއް ވާނަމަ އެފައިސާއެއް ދިނުމުގެ އިތުރުން މަޤާމުވެސް ދޫކޮށްލައްވާނެ ކަމަށް ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީރާގެ އިސްމަޤާމުތަކުގައި ތިބެވި ބޭފުޅުންނާއި ބޯޑު މެމްބަރުންގެ ތެރެއިން 23 މުވައްޒަފުން ވަނީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރައްވާފައެވެ. އަދި މީރާގެ އެހެން މުވައްޒަފުން ކުރިއަށްއޮތްތަނުގައި ނަޒާހަތްތެރިކަމުގެ ޤައުމީވަޢުދުގައި ސޮއިކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރެއްވުމުގެ ދޮރު ދައުލަތުގެ އެންމެހާ އިދާރާތަކަށްވަނީ އޭސީސީން ޢާއްމުކޮށް ހުޅުވާލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×