އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ބުނާ މައްސަލައާ ގުޅޭ،

05 Dec 2016

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ 25 ބުރީގެ ޢިމާރާތެއް، ސިންގަޕޫރުގެ ކޮންސްޓްރަކްޝަން ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވަނީ ގަވާއިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އައި.ޖީ.އެމް.އެޗް ގައި 25 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައި.ޖީ.އެމް.އެޗް އަށް އެންގުމާ ގުޅިގެން، ރާއްޖެއިން ބޭރުގެ 3 ކުންފުންޏެއް ކަމުގައިވާ ސިންގަޕޫރުގެ 2 ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، އެ 3 ކުންފުންޏާ މަޝްވަރާކުރަން އެދުމުން އެކަމަށް އިޖާބަދިނީ ޗައިނާ ކުންފުންޏާއި ސިންގަޕޫރުގެ ކުންފުންޏަކުން ކަމަށްވެފައި، އެ 2 ކުންފުނީގެ ތެރެއިން ޗައިނާގެ ކުންފުނިން އައި.ޖީއެމް.އެޗްގެ 25 ބުރީގެ ޢިމާރާތްކުރުމަށް ހުށަހެޅި އަގަކީ ޕްރޮޖެކްޓުގެ މައިގަނޑު މަސައްކަތް ފެށުމުގެ ކުރިން ހިނގާނެކަންކަމަށް ލަފާކުރާ އަގެއްކަމަށާއި، އެފަރާތުން މީގެކުރިން މެޑިކަލް ފެސިލިޓީއެއް ހަދާފައިނުވާއިރު، ސިންގަޕޫރުގެ ކުންފުނިން ހަދާފައިވާ ޕްރިލިމިނަރީ ޑިޒައިން ހަރުދަނާކަން ފާހަގަކުރެވުނުކަމަށާއި، އެފަރާތަކީ ސިންގަޕޫރު ނޫންއެހެން ޤައުމުތަކުގައިވެސް އެފަދަ ހޮސްޕިޓަލް ޢިމާރާތްކޮށްފައިވާ ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުމާއި، އެ ކުންފުނިން ހުށަހަޅާފައިވާ އަގު ކަމުގައިވާ 140,000,000$ (ސަތޭކަ ސާޅީސް މިލިއަން) ޔޫ.އެސް ޑޮލަރަކީ އަންދާޒީ އަގެއްނޫން ކަމަށްވާތީއާއި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ޓެކްނިކަލް ޓީމުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގައި ހިމަނާފައިވާ އަންދާޒާ އަގުކަމުގައިވާ $134,021,211.09 (ސަތޭކަ ތިރީސް ހަތަރު މިލިއަން، އެކާވީސްހާސް ދުއިސައްތަ އެގާރަ ޔޫއެސް ޑޮލަރު ނުވަ ސެންޓްސް) އާ އެންމެ ގާތްކުރާ އަގެއް ހުށަހަޅާފައިވަނީ ސިންގަޕޫރުގެ އިސްވެ ދެންނެވުނު ކުންފުނިން ކަމަށްވާތީ، އިސްވެބަޔާންކުރި ސަބަބުތަކަށްޓަކައި އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ސިންގަޕޫރުގެ އެކުންފުންޏާ ޙަވާލުކުރުމަށް އައި.ޖީ.އެމް.އެޗްގެ ގަވަރނިންގ ބޯޑުން ނިންމާފައިވާކަން ފާހަގަކުރެވިފައިވާތީއާއި،

2. އިސްވެދެންނެވުނު ނިންމުމާ ގުޅިގެން، އައި.ޖި.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ މަޝްރޫޢު ސިންގަޕޫރުގެ އެކުންފުންޏާ ޙަވާލުކޮށްގެން ކުރިޔަށް ދިޔުމުގެ ހުއްދައަށް އެދި އައި.ޖީ.އެމް.އެޗް އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމާ ގުޅިގެން، އެ މަޝްރޫޢާ ގުޅިގެން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ޔޫތް ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގައި، އެ މަޝްރޫޢަކީ ޑިޒައިން، އަރކިޓެކްޗަރ އަދި ޕްލޭނިންގ އަށް ވަކި ބަޔަކު ނަގައިގެން އެ ކުންފުނިން ކުރާ ކަމެއްކަމުން އަގު ބޮޑުވެދާނެ ކަމަށާއި، 10 އަހަރުގެ މާސްޓަރޕްލޭނެއް އެކުންފުނިން ހަދައިދޭތީ އެކަމުންވެސް އަގު ބޮޑުވާނެ ކަމަށާއި، އަދި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމުންނާއި ސްޓީލް ސްޓްރަކްޗަރއިން މި މަޝްރޫޢު ކުރިޔަށް ނުގެންދެވޭނެތީ، މައިކްރޯ ޕައިލިންގސް އަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށާއި، އަދި މަޝްރޫޢަށް 2 ކެރޭން ގެންނަންޖެހޭ ކަމަށާއި، މި ޢިމާރާތުގައި ކަސްޓަމައިސްޑް 4 ލިފްޓް ބަހައްޓަންޖެހޭނެތީ، މިކަމަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށާއި، އަދި ޑައިގްނޯސްޓިކް ސެންޓަރއަށް ބޭނުންކުރާ އިލެކްޓްރިކް ވައިރިންގ އެހެން ފްލޯރތަކަށް ބޭނުން ނުކުރެވޭނެތީ، ކަރަންޓް ވައިރިންގ ވަކިވަކި ފްލޯތަކަށް ތަފާތުވެގެންދާނެތީ ޚަރަދު ބޮޑުވާނެ ކަމަށާއި، އެގޮތުން އެ ކަންތައްތަކަށް ރިޢާޔަތްކުރާއިރު 140 މިލިއަން އެމެރިކާ ޑޮލަރަކީ މިފަދަ މަޝްރޫޢަކާ އަޅާބަލާއިރު ރަނގަޅު ޢަދަދެއްކަމަށާއި، އެ ކުންފުންޏަކީ އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތްކުރުންފަދަ ޕްރޮޖެކްޓެއް ޑިޒައިންކޮށް ހުށަހަޅާފައިވާ ޓައިމްލައިން އަށް ކާމިޔާބުކަމާއެކު މަސައްކަތް ނިންމޭނެވަރުގެ ބޮޑު ކުންފުންޏެއް ކަމަށްވާތީއާއި، ސިންގަޕޫރުގެ ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން އޮތޯރިޓީގެ އެންމެ މަތީ ފަންތި (A1 ކެޓަގަރީ) ގައި ކެޓަގަރައިޒް ކޮށްފައިވުމުންނާއި އެ މަޝްރޫޢަށް ހުށަހަޅާފައިވާ އަގުކަމަށްވާ 140,000,000$ (ސަތޭކަ ސާޅީސް މިލިއަން) ޔޫ.އެސް ޑޮލަރު މިފަދަ ޕޮރޮޖެކްޓަކަށް އެކަށީގެންވާ އަގެއްކަމަށް ފެންނާތީ، ޢާންމު އުޞޫލުން ބީލަންކުރުމަކާ ނުލައި އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ މަޝްރޫޢު ސިންގަޕޫރުގެ އިސްވެ ދެންނެވުނު ކުންފުންޏާއެކު 140,000,000$ (ސަތޭކަ ސާޅީސް މިލިއަން) ޔޫ.އެސް ޑޮލަރު އަގަށް ޙަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވާތީއާއި،

3. ބޭރުގެ ޤައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި އަދި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫޢު (މެގަ ޕްރޮޖެކްޓް) ހިންގުމުގައި ބިޑްކުރުމަކާ ނުލައި އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ގައިވާ ފަދައިން ނެޝަނަލް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާނުލައި، ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމާ ބެހޭ ކޮމެޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރެވިދާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ޙަވާލުކޮށްފައިވާ ސިންގަޕޫރުގެ ކުންފުންޏާ އެމަސައްކަތް ޙަވާލުކުރުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި 01 މާރިޗް 2016 ގައި ސޮއިކުރުމުގެ ކުރިން، އެކުންފުންޏަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ފަރާތެއްކަން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ކަށަވަރުކޮށްފައިވާކަން އެ ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާތަކުން އެނގެން އޮތަތީއާއި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތް އެޅުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ ހުއްދައިގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ލިޔެކިޔުންތަކުން އެނގެން އޮތަތީއާއި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ޙަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 8.15 ގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިންކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.

ވީމާ، މި މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ނިންމިގޮތް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×