އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތް ހުޅުވާލުން

08 Dec 2016

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮޓޯ މުބާރާތެއް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭއްވޭ މުބާރާތެކެވެ. މުބާރާތުގެ ތީމްތަކަށް ހަމަޖައްސައިފައިވަނީ “މަވެސް ކޮރަޕްޝަނާ ދެކޮޅު”، “އަހަންނަކީ ނަޒާހަތްތެރިއެއް”، އަދި”ކޮރަޕްޝަނަށް ނޫނެކޭ ބުނަމާ” އެވެ.
މުބާރާތުގެ ޤަވާޢިދުގައި ބުނާގޮތުން މި މުބާރާތަށް ހުށަހަޅާ ފޮޓޯ ނަގަންޖެހެނީ މުބާރާތުގެ ތީމާއި ގުޅޭ މެސެޖެއް ލިޔެފައިވާ ބޯޑެއް ނުވަތަ ބެނަރއެއް ހިފައިގެންނެވެ. ކޮރަޕްޝަނާ ދެކޮޅުކަން ދައްކައިދިނުމަށް ނަގާ މިފޮޓޯގައި އެކަކު އެކަނިވެސް އަދި ގްރޫޕެއް އެއްކޮށްވެސް ފޮޓޯ ނެގިދާނެއެވެ. މުބާރާތުގައި ބައިވެރިކުރުމަށް ފޮޓޯ ފޮނުވާނީ އީމެއިލުންނާއި، އޭސީސީގެ ފޭސްކުބް ޕޭޖް މެދުވެރިކޮށެވެ. މިމުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖަނަވަރީ 2017 ގެ 14:00 އެވެ.
މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވަނީ ފޭސްބުކްގައި އެންމެ ގިނަ ލައިކްސް ހޯދާ އަދި އެންމެ ގިނަ ފަހަރު ޝެއާ ކުރެވޭ ފޮޓޯއާއި، މުބާރާތުގެ ތީމު ސްލޯގަންއާއެކު އެންމެ ގިނަ މީހުން ތިބެގެން ނަގާ ފޮޓޯއެވެ.
މިފޮޓޯ މުބާރާތަށް ޖުމްލަ 20000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިކުރުމަށް ފޮނުވާ ފޮޓޯތައް އޭސީސީގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރަމުން ގެންދާނެއެވެ. މުބާރާތުގެ ޤަވާޢިދު އޭސީސީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×