އޭސީސީން އަންގާ އެންގުންތަކަކީ ކަނޑުގައި އަޅާލެވޭ ރޮނގަކަށް ވެގެން ނުވާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެ

08 Dec 2016

ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދާއިރު ދައުލަތުގެ އިދާރާތަކަށް އޭސީސީން އަންގާ އެންގުންތަކަކީ ކަނޑުގައި އަޅާލެވޭ ރޮގަނކަށްވެގެން ނުވާނެކަމަށް އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ. އޭސީސީގެ ރައީސް މިގޮތަށް ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި ސަޕްލިމެންޓް ގައެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ 09 ޑިސެންބަރު އެވެ.

އޭސީސީން އެކުލަވާލާ ތަންފީޒު ކުރަން ފެށުމަށް ތައްޔާރުވެފައިވާ ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢަކީ މުއައްސަސާތަކުގައި އަށަގެންފައިވާ ކޮރަޕްޝަންގެ ބަލިމަޑުކަމަށް ފަރުވާއެއް ހޯދައިދޭނެ މަޝްރޫޢެއް ކަމަށާއި، އެ މަޝްރޫޢުގައި، ދެފުއްފެންނަގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުކަމާއެކު ޖަވާބުދާރީވުމާއި، ކޮރަޕްޝަނަށް އެއްވެސް ފުރުޞަތެއް ނުދިނުމަށް ބާރުއަޅާފައިވާނެކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށް ދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބޭކަމަށް ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އޭސީސީގެ މަސައްކަތަށް ފަހިވާނެގޮތަށް އޭސީސީގެ ޤާނޫނު ބައްޓަން ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދެވިއްޖެ ކަމަށާއި، އޭސީސީން ބޭނުންވަނީ ނުހައްޤުން ލިބިގަންނަ މުއްސަނދިކަމަކީ ކުށެއްކަމުގައި ޤާނޫނުގައި ކަނޑައެޅުމަށާއި، ކުއްލިއަކަށް ހޯދައިގަންނަ މުއްސަނދިކަން އެމީހަކަށް ލިބުނީ ޙައްޤުގޮތުގައިކަން ސާބިތުކޮށް ދިނުމަކީ އެމީހެއް ޒިންމާއެއް ކަމުގައި ޤާނޫނުގައި ލިއުމަށް ކަމަށާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤުތައް ހިންގުމުގެ ބާރު އޭސީސީއަށް ޤާނޫނީ އިމުގެ ތެރެއިން ލިބެން ޖެހޭ ކަމަށް ލުޠުފީ ވިދާޅުވެފައިވެއެވެ.

އޭސީސީގެ އެންގުންތަކަށް އިޙްތިރާމުކޮށް ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް ޢަމަލު ކުރަންޖެހޭކަމަށާއި، އޭސީސީގެ އެންގުންތައް ބޮލާލާ ޖެހުމަކީ ފަޚުރުވެރިވާންވީ ކަމެއް ނޫންކަމަށާއި، ކޮރަޕްޝަންގެ ކިތަންމެބޮޑު މައްސަލައެއް ތަޙްޤީޤު ކުރިނަމަވެސް ތުހުމަތު ކުރެވޭ ފަރާތްތަކަށް ދަޢުވާއުފުލާ، އިންސާފުވެރި ޝަރީޢަތެއްގެ ތެރެއިން އަދަބު ކަނޑައެޅިގެން މެނުވީ އޭސީސީން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާއެއް ނުފެންނާނެކަމަށް އޭސީސީގެ ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×