އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ދިރާސާ، “ކޮރަޕްޝަނާމެދު ދެކޭގޮތް، ޏ.ފުވައްމުލައް – 2016” ގެ ރިޕޯޓު މި އަދު ޢާއްމުކޮށްފިއެވެ. މިރިޕޯޓު ނެރެދެއްވީ، މިކަމަށް ޚާއްސަކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓްރޭނިންގ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. މިދިރާސާ ރިޕޯޓު އާއްމުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރިޔާ އަޅާބަލާއިރު މިހާރު ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެފަދަ ކުށްތައް ކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ތަފާތު ވަޞީލަތްތައް ބޭނުންކުރާ ނިސްބަތް ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައިކަމާއި، ކޮމިޝަނުން ހިންގާ ތަޙްޤީޤުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމުގައިވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކުރާ ވަރު އިތުރުކުރަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން މިދިރާސާ ކުރިޔަށް ގެންދިއުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކާއި ވަކިން ޚާއްޞަކޮށް ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މިދިރާސާއަކީ 2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ޙަރަކާތްތަކުގެ ތެރެއިން ހިންގި ޑޯ-ޓު-ޑޯ ކެމްޕޭނުގައި ޒިޔާރަތްކުރެވުނު ގޭބިސީތަކަށް ސަރވޭ ގެ ސުވާލު ކަރުދާސް ބަހައިގެން ކުރެވުނު ދިރާސާއެކެވެ. މިދިރާސާ އަމާޒުކުރެވުނީ ފުވައްމުލަކުގެ އާބާދީގެ 15 އަހަރުން މަތީގެ އުމުރުފުރާއަށެވެ.
މިދިރާސާގެ ނަތީޖާއަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ދިރާސާގައި ބައިވެރިވެފައިވާ ފިރިހެނުންނަށްވުރެ އަންހެނުންގެ ޢަދަދު އިތުރުކަން ފާހަގަ ކުރެވުނެވެ. އަދި، މީގެ އިތުރުން ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކަށް ކޮރަޕްޝަނާއި ނަޒާހްތެރިކަމަކީ ކޮބައިކަން އެނގޭކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ހަމައެއާއެކު، މދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބައިވެރިން ދެކޭގޮތުގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނީ މުޖުތަމަޢުގެ ދީނީ އަޤީދާ ވަރުގަދަ ކުރެވިގެންނެވެ. އަދި، ދިރާސާގެ ނަތީޖާއިން އެނގޭ ގޮތުގައި ގިނަ މީހުން ދެކޭގޮތުގައި ކޮރަޕްޝަން ނައްތާލުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނީ ސަރުކާރަށާއި ރައްޔިތުންނަށެވެ.
މިދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ އަލީގައި ކޮމިޝަނުގެ ހޭލުންތެރިކުރުވުމާއި ވިޔަނުދިނުމުގެ ޙަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ފުރުސަތުލިބިގެންދާނެއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.