އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އެކުންފުނީގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ޢިމާރާތާއި ގޯތީގެ މައްސަލައާގުޅިގެން ކޮރަޕްޝަންގެ ދަޢުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވައިފި.

13 Dec 2016

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުޅުމާލެއިން ބިމަކާއި އެބިމުގައިވާ ޢިމާރާތާއި އެންމެހާ ތަންތަން ގަނެފައިވާ ކަމަށާއި، އެބިން ގަތުމަށް ފައިސާ ދައްކާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއިން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ބުނެ މިކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން މިކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް އެ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކާއި ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމުގައި، ހުޅުމާލޭގެ ލޮޓް ނަންބަރު 10721 (181.448 އަކަމީޓަރު/ ރަޖިސްޓްރީ ނަންބަރު: GA 670 H) ގޯތި 5,000,000.00‎‏ (ފަސްމިލިއަން) ރުފިޔާގެ އަގަށް އަމިއްލަ ފަރާތަކަށް ވިއްކި ގަނެވިއްކުމުގެ ވިޔަފާރީގެ ޢަޤުދަކީ ޞައްޙަ ޢަޤުދެއްކަމުގައި ކަނޑައަޅައި، އެ ގޯތީގެ މިހާރުގެ މިލްކުވެރި ފަރާތަކީ އެގޯތި ގަތް ފަރާތް ކަމުގައި ކަނޑައަޅައި ޙުކުމްކޮށްފައިވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ގޯއްޗަށް ފައިސާ ދައްކާފައިވަނީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާއިން ކަމަށް ތުޙުމަތުކޮށްފައިވުމުން، އެ ގޯތި ގަތުމުގެ މުޢާމަލާތުގައި ބައިވެރިވިކަމަށް މި މައްސަލައިގެ ތަޙްޤީޤުން އެނގެންއޮތް ފަރާތްތަކާއި އެމް.އެމް.ޕީ.އާރު.ސީއާ އެއްވެސް ގުޅުމެއްވޭތޯ މިކޮމިޝަނުގެ ތަޙްޤީޤް ޓީމުން ބެލިބެލުމުން، އެމް.އެމް.ޕީ.އާރު.ސީ އިން ކުއްޔަށްދޫކޮށްފައިވާ އއ.މަތިވެރި ފިނޮޅަކީ އެގޯތި ވިއްކި ފަރާތަށް އެމް.އެމް.ޕީ.އާރު.ސީއިން ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަމާއި، އެރަށުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން އެއްބައިގެ ގޮތުގައި 300,000.00$ (ތިންލައްކަ) ޔޫ.އެސް ޑޮލަރ 23 ސެޕްޓެމްބަރ 2014 ވަނަ ދުވަހު އެމް.އެމް.ޕީ.އާރުސީ އަށް ދައްކާފައިވާކަމާއި، 22 ޑިސެމްބަރ 2014 ވަނަ ދުވަހު އެ ރަށުގެ އިކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން 100,000.00$ (އެއްލައްކަ) ޔޫ.އެސް ޑޮލަރ އެމް.އެމް.ޕީ.އާރުސީ އަށް ދައްކާފައިވާކަން އެ ކުންފުނީގެ ކަމާގުޅޭ ރިސިޕްޓްތަކުގައި ބަޔާންކޮށް އޭރުގެ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށްފައިވީ ނަމަވެސް، އެފައިސާ އެމް.އެމް.ޕީ.އާރުސީގެ ނަމުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައިނުވާކަމާއި އެފައިސާ ދަޢުލަތަށް ލިބިފައިނުވާކަން.

2. އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ގޮތުގައި ދެއްކިކަމަށް އެމް.އެމް.ޕީ.އާރުސީގެ ރިސިޕްޓްތަކުގައި ބަޔާންކޮށްފައިވާ ޖުމުލަ 400,000.00$ (ހަތަރުލައްކަ) ޔޫ.އެސް ޑޮލަރ އެމް.އެމް.ޕީ.އާރު.ސީގެ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން ނެތްނަމަވެސް، އެ ތާރީޚްތަކުގައި އެރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކުންފުނީގެ 02 ޗެކު ތައްޔާރުކޮށްފައިވާއިރު، އެ ޗެކުތަކަކީ އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ދެއްކުމަށް ތައްޔާރުކޮށްފައިވާ ޗެކުތަކެއްކަމާއި، މަތީގައި ބަޔާންކުރެވުނު ތާރީޚްތަކުގައި އެ ޗެކުތައް ޙަވާލުކޮށްފައިވަނީ އޭރު އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރާ ކަމާއި، އެ ޗެކުތައް ޙަވާލުކުރީ އެ ޗެކުތަކުގައި “ޕޭއީ” ގެ ގޮތުގައި އެއްވެސް ފަރާތެއްގެ ނަން ބަޔާންނުކޮށް ކަން މިކޮމިޝަންގެ ތަޙްޤީޤަށް ސާބިތުކުރެވޭކަން.

3. އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީ އަށް ޖަމާކުރަންޖެހޭ ޖުމުލަ 400,000.00$ (ހަތަރުލައްކަ) ޔޫ.އެސް ޑޮލަރ، އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ ދެބެންގެ ދެދަރި މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، އަލުން އެ ފައިސާ ނަގައި އިސްވެ ދެންނެވުނު ހުޅުމާލެ ނަންބަރު 10721 ގޯއްޗާއި ޢިމާރާތް ވިއްކި ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް އެގޯތީގެ އަގު އަދާކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުކުރެވޭކަން.

4. އެހެންކަމުން، އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން އެމް.އެމް.ޕީ.އާރު.ސީ އަށް ލިބެންޖެހޭ ޖުމުލަ 400,000.00$ (ހަތަރުލައްކަ ޔޫ.އެސް ޑޮލަރ) ކުރީގެ އެމް.އެމް.ޕީ.އާރުސީގެ މެނޭޖިންގ ޑިރެކްޓަރގެ ކޮއްކޮއެއްގެ ނަމުގައި ގަނެފައިވާ ޢިމާރާތާއި ގޯތީގެ އަގު އަދާކުރުމަށް ބޭނުންކޮށްފައި މިވަނީ ކަނޑައެޅިގެން އެފަރާތަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤަށް އެނގެން އޮތަތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި ކަމުގައި ބައިވެރިވި އެމް.އެމް.ޕީ.އާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތު) ގެ 513 ވަނަ (ށ) ގެ (1) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

5. އަދި މި މައްސަލާގައި ކަންހިނގާފައިވާ ގޮތުން، ހުޅުމާލެ ނަންބަރު 10721 ގޯއްޗާއި އެތަނުގައިވާ ޢިމާރާތަކީ އެމް.އެމް.ޕީއ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އެމަޤާމުގައި ހުރި ދުވަސްވަރު، އއ.މަތިވެރި ފިނޮޅު ކުއްޔަށްދީގެން އެމް.އެމްޕީއާރު.ސީ އަށް ލިބެންޖެހޭ ފައިސާއިން އޭނާގެ ކޮއްކޮގެ ނަމުގައި ގަނެދީފައިވާ ޢިމާރާތާއި ގޯއްޗެއްކަން ތަޙްޤީޤަށް އެނގެން އޮތަތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2000) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުޅުމާލެ ނަންބަރު 10721 ގޯއްޗާއި އެގޯތީގައިވާ ޢިމާރާތް ޝަރީޢަތް މެދުވެރިކޮށް ދަޢުލަތަށް އަނބުރާ ނެގުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×