މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފް ފަންޑުން 12,000.00 ޔޫ.އެސް ޑޮލަރު ޞަދަޤާތް ފައުންޑޭޝަން އަށް ދީފައިވާކަމަށް ބުނާ މައްސަލައާ ގުޅޭ

14 Dec 2016

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދީނީ ވަގުފް ފަންޑަށް އަބޫދާބީގެ އަމިއްލަ ޖަމާޢަތަކުން ހަދިޔާކޮށްފައިވާ 24,000.00 (ސައުވީސް ހާސް) ޔޫ.އެސް ޑޮލަރުގެ ތެރެއިން 12,000.00 (ބާރަހާސް) ޔޫ.އެސް ޑޮލަރު ދިވެހިރާއްޖޭގައި ހިންގާ މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ، ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކުރުމަށް އެ މިނިސްޓްރީން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް އަންގާފައިވާ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

އަބޫދާބީގެ އަމިއްލަ ޖަމްޢިއްޔާއަކުން 1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްތަކުގައި އިފްތާރް ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދިއުމަށް އެހީގެ ގޮތުގައި، ފެޑެރަލް ރިޒަރވް ބޭންކް އޮފް ނިއުޔޯކުގައި އޮންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޕަބްލިކް ބޭންކް އެކައުންޓަށް 24,980.00 (ސައުވީސްހާސް ނުވަސަތޭކަ އަށްޑިހަ) ޔޫ.އެސް ޑޮލަރު ޖަމާކޮށްދީފައިވާއިރު، އެ ފައިސާ ޖަމާކޮށްދިނުމަށްފަހު، ވަކި މިސްކިތެއްގައި ނުވަތަ ވަކި މިސްކިތްތަކެއްގައި ނުވަތަ ކީރިތި ޤުރްއާން އުނގަންނައިދޭ ނުވަތަ ޔަތީމްޚާނާތަކުގައި ނުވަތަ އިޖްތިމާޢީ ޚިދުމަތްތައް ދޭ ޖަމާޢަތް މެދުވެރިކޮށްވެސް އެ ޕްރޮގްރާމް ހިންގިދާނެކަމަށް އެ ފައުންޑޭޝަންގެ ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަންގާފައިވުމާއި،

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދުމުގެ މަތިން އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދީނީ ޚިދުމަތުގެ ވަޤްފް ފަންޑަށް ޖަމާކޮށްފައިވާއިރު، އިސްވެ ދެންނެވުނު ޖަމްޢިއްޔާއަކީ ރާއްޖޭގެ އެކިއެކި ދީނީ ޕްރޮގްރާމްތަކަށާއި، ދީނީ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްކަމަށާއި، އެގޮތުން، ރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ މަދަނީ ޖަމުޢިއްޔާއެއްކަމަށްވާ ޞަދަޤާތް ފައުންޑޭޝަނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑަށް ޖަމާކޮށްދީފައިވާ 24,980.00 (ސައުވީސްހާސް ނުވަސަތޭކަ އަށްޑިހަ) ޔޫ.އެސް ޑޮލަރ އަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމުކޮށްގެން ބާއްވާ ރޯދަވީއްލުމާށާއި، ދީނީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ޞަދަޤާތް ފައުންޑޭޝަނަށް ރޯދަމަހު ކުރިއަށްގެންދާ ޙަރަކާތްތަކަށް ފޮނުވިފައިވާ ފައިސާކަމަށާއި، މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އަބޫދާބީގެ އިސްވެ ދެންނެވުނު ޖަމުޢިއްޔާގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެފައިވާ ފަދައިން އެމިނިސްޓްރީގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑަށް ޖަމާކުރެވިފައިވާ ފައިސާގެ ތެރެއިން 12,000.00 (ބާރަހާސް) ޔޫ.އެސް ޑޮލަރަށްވާ ދިވެހި ފައިސާ ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކޮށްދެއްވުން އެދޭކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާތީއާއި،

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑް ހިންގާ އުޞޫލުގެ 5 ވަނަ ނަންބަރުގައި، ޓްރަސްޓް އެކައުންޓުން ކުރުން ހުއްދަ ޚަރަދުތަކަކީ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހިވާ ވަޤްފް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު ދޭއްގައި ކަނޑައެޅިފައިވާ ގޮތަށް ކުރެވޭ ޚަރަދުތައްކަމަށް ބަޔާންކޮށްފައިވާއިރު، ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހިވާ ވަޤްފް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު ދޭކަށް 17 ޑިސެންބަރު 2015 ގައި ގެނެވުނު 4 ވަނަ އިޞްލާޙްގެ 15 ވަނަ ނަންބަރުގައި، ވަކިކަމެއް ކުރުމަށް ފައިސާ ދޭފަރާތަކުން ފައިސާ ދީފައިވާ ބޭނުމަށް އެ ފައިސާ ޚަރަދުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީއާއި،

އިސްވެ ދެންނެވުނު އަބޫދާބީގެ ޖަމްޢިއްޔާގެ ސިޓީގައި އެ ފައުންޑޭޝަނުން 1437 ވަނަ އަހަރުގެ ރަމަޟާންމަހު ރާވައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިފްތާރް ޕްރޮގްރާމް ހިންގުމަށް ދީފައިވާ އެހީގެ ފައިސާއިން، ވަކި މިސްކިތެއްގައި ނުވަތަ ވަކި މިސްކިތްތަކެއްގައި ނުވަތަ ކީރިތި ޤުރްއާން އުނގަންނައިދޭ ނުވަތަ ޔަތީމްޚާނާތަކުގައި ނުވަތަ އިޖްތިމާޢީ ޚިދުމަތްތައް ދޭ މަރްކަޒްތައް މެދުވެރިކޮށްވެސް ހިންގިދާނެކަމަށް ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ވަކި މިސްކިތެއްގައި ނުވަތަ ވަކި މިސްކިތްތަކެއްގައި ނުވަތަ ކީރިތި ޤުރްއާން އުނގަންނައިދޭ ނުވަތަ ޔަތީމްޚާނާތަކުގައި ނުވަތަ އިޖްތިމާޢީ ޚިދުމަތްތައް ދޭ މަރްކަޒްތަކެއް މެދުވެރިކޮށް އިސްވެ ދެންނެވުނު އަބޫދާބީގެ ޖަމްޢިއްޔާއިން މިނިސްޓްރީ އޮފް އިސްމިކް އެފެއާޒްގެ ދީނީ ފަންޑަށް ޖަމާކޮށްފައިވާ ފައިސާއިން ޚަރަދުކޮށްގެން އެ ޕްރޮގްރާމް ހިންގިދާނެކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީއާއި،

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑް ހިންގާ އުޞޫލުގެ 19 ގެ (ހ) އިން، އެ ފަންޑަށް ލިބޭ ފައިސާ ދޫކުރުމުގައި މެމްބަރުން މަޝްވަރާކުރުމަށްފަހު ދޫކުރާނެ ފައިސާގެ މިންވަރު ކަނޑައެޅުމަކީ ކޮމިޓީއާ މަތިކުރެވިފައިވާ މަސައްކަތެއްކަން އެނގޭއިރު، ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑް ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި އަބޫދާބީގެ ޖަމުޢިއްޔާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 12,000.00 (ބާރަހާސް) ޔޫ.އެސް ޑޮލަރަށްވާ ދިވެހި ފައިސާ ޞަދަޤާތް ފައުންޑޭޝަނަށް ދިނުމަށް ނިންމާފައިވާތީއާއި،

ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީ ފޮނުވުމަށްފަހު އެ ސިޓީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކެންސަލްކޮށްފައިވާތީއާއި، އަދި، އެ ސިޓީގައި އެދިފައިވާ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މި ހިސާބުން މި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×