މިވާހަކައަށް އަންނަނީ އުފާވެރި ނިމުމެއް ނަމަވެސް، ފެށިފައިވަނީ ހިތާމައާއި ހިތްދަތިކަމާއި ކަންބޮޑުވުންތަކާއެކުއެވެ. ޗެކް ރިޕަބްލިކްގެ މަގެއްގައި ބަހައްޓާފައިހުރި އިޝްތިހާރުބޯޑުތަކެއްގެ ސަބަބުން، ދުއްވާމީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ފުރާނައަށް ނުރައްކާވަމުންދާކަމަށް ބުނެ ޗެކް ރިޕަބްލިކުގެ މަގުތަކުގެ ސަލާމަތާ ބެހޭ ގޮތުން މަސައްކަތްކުރާ ފަރާތެއްކަމަށްވާ ޑުރައިވަރުންގެ ޖަމްޢިއްޔާ (ޑްރައިވަރސް އެސޯސިއޭޝަން) އިން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާއިތުވެގެންދިޔަ ބާރަވަރަކަށް މަސްދުވަސް ތެރޭގައި އެއް މަގެއްގައި އެކަނިވެސް 10 މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.
މިބޮޑު މައްސަލަ، ޑުރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި)ގެ ޗެކް ރިޕަބްލިކް ގޮފީގެ ސަމާލުކަމަށް ގެނެސްފައެވެ. ޖަމްޢިއްޔާއިން ބުނަމުން ގެންދިޔައީ އެ އިޝްތިހާރު ބިލްބޯޑު ބެހެއްޓިފައި ހުރީ މަގުމަތީގައި ބަހައްޓާ އެފަދަ ތަކެތި ބަހައްޓަންޖެހޭ ސަލާމަތީ މިންގަނޑާ ޚިލާފަށް މަގާ މާ ކައިރީގައި އެއްވެސް ‘ކްރޭޝް ބެރިއަރ’ (މަގުމަތީ ދުއްވާ އުޅަނދު މަގުގެ އަރި މަތީގައި ހުންނަ އެކިކަހަލަ އެއްޗެހީގައި ޖެހުނަނުދީ ސީދާ މަގުން ދުއްވަން ބާރުއެޅޭނެހެން ޖަހާފައި ހުންނަ ފެންސްތަކެއް) އެއް ނެތިއެވެ. މިފަދަ އެތައް އިޝްތިހާރު ބޯޑެއް ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ޗެކް ރިޕަބްލިކްގެ އެކި ހިސާބުތަކުގައި ވަނީ ބެހެއްޓިފައެވެ.
މިކަން މިހެން ހިނގަނީ އެކަންކަން ބެލެހެއްޓުމާ ޙަވާލުވެ ތިބޭ ފަރާތްތަކުން މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންކަމަށް ތުހުމަތުކުރެވެއެވެ. އަދި، ސިޔާސީ ބައެއް ފަރާތްތަކުން އެމީހުންގެ އިންތިހާބީ ކެމްޕޭނުގެ ތެރޭގައި އަގުދަށްކޮށް މީޑިއާ ކަވަރޭޖް ގެނެސްދޭ ގޮތަށް އެކަމުގެ ބަދަލުގައި އޮންނަ އުޞޫލުތަކުގެ ބޭރުން އިޝްތިހާރު ބޯޑުތައް ބެހެއްޓުމަށް ބައެއް ހުއްދަތަކުގައި ސޮއިކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމުގެ ރިޕޯޓުތަކާ ގުޅިގެން ޓީއައި ޗެކް ރިޕަބްލިކުން މަގުތައް ބަލަހައްޓާ މޮޓޯވޭ އިދާރާއަށް ގުޅައި އެފަރާތާއި އިޝްތިހާރުކުރާ ކުންފުނިތަކާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ކޮޕީ ހޯދުމަށް އެދުނެވެ. އެހެން ނަމަވެސް ފުރިހަމަ އެއްބަސްވުންތަކުގެ ބަދަލުގައި އެފަރާތަށް ލިބުނީ އެއްބަސްވުންތަކުގެ ޚުލާޞާއެވެ.
ޓީއައި ޗެކްއިން މަޢުލޫމާތު ހޯދުމަށްޓަކައި ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަޢުލޫމާތު ހާމަކުރުމުގެ ރިކުއެސްޓެއް އިދާރީ އެންމެ މަތީ ކޯޓާ (ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓް) ހަމައަށް ދިޔައެވެ. އަދި ކޯޓުން ނިންމީ ސަރުކާރުގެ ކޮންޓްރެކްޓްތައް ބަލާ މުރާޖާކުރުމުގެ ފުރުސަތު އާންމުންނަށް ދޭންޖެހޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޓީއައި ޗެކްރިޕަބްލިކާއި ޑުރައިވަރުންގެ ޖަމްޢިއްޔާއިން އެ މައްސަލައާ ގުޅޭ އެހެން ފަރާތްތަކަށް އެއިޝްތިހާރު ބޯޑުތަކާ ގުޅޭ އެއްބަސްވުންތައް ބެލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ލިބުނު އެއްބަސްވުންތައް ބެލިބެލުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރެވުނެވެ. އަދި އެފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއާއި މަގުތަކާއި މޮޓޯވޭ ޑައިރެކްޓަރޭޓްއާއެކު ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވިއެވެ. މިކަމާ ގުޅިގެން އެ އިދާރާތަކުން އެ އެއްބަސްވުންތައް ބާޠިލްކޮށް ކުރިއަށް އޮތްތާނގައި މަގުތަކުގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އިޝްތިހާރުބޯޑުތައް ހަރުކުރެވޭކަން ޔަޤީންކުރުމުގެ މަސައްކަތް ފެށިއެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ ‘ދި ރޯޑް ޓު ސޭފްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ފުރިހަމަ ކުރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.