ރަން މައިނު

08 Jan 2017

އެތައް އަހަރުތަކެއްގެ ދާޚިލީ ހަމަނުޖެހުމުގެ ނަތީޖާއެއްގެ ގޮތުން ރުވަންޑާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އެޤައުމު ދިޔައީ މަޑުމަޑުން ސަލާމަތްވަމުންނެވެ. އެ ދުވަސްވަރުގެ އިޤްތިޞާދީ ދަތިކަމުގެ ގެއްލުން ނުލިބޭ ހަމަ އެއްވެސް ފަރާތެއް ނެތެވެ. އިޤްތިޞާދީ ގެއްލުމުގެ އަސަރު ކުރި ކުންފުނިތަކާއި ތަފާތު އެކި ވިޔަފާރިތަކުން އެ ގެއްލުމުން މަޑުމަޑުން އަރައިގަންނަމުން ދިޔައިރު، ލިބުނު ގެއްލުންތައް ގެންދިޔައީ ދެނެގަންނަމުންނެވެ. މި ގޮތުން، ރުވަންޑާގެ މައިނިންގ ކޯޕަރޭޓިވްއަކަށް ހީކުރި ވަރަށްވުރެ ބޮޑެތި ގެއްލުން ވެފައިވާކަން ފާހަގަކުރެވުނެވެ. 2008 ވަނަ އަހަރުގައި ރުވަންޑާގެ ޤާނޫނަށް ގެނެވުނު ބަދަލަކާ ގުޅިގެން އެ ކޯޕަރޭޓިވްއަށް އެ ފަރާތުގެ ހުއްދަ އާކުރަންޖެހުނެވެ. މިމަސައްކަތް ކުރުމާ ޙަވާލުވީ ވަރަށް ނުފޫޒުގަދަ ފަރާތެއްކަމުގައިވާ އެ ކޯޕަރޭޓިވްގެ ރައީސެވެ.

އެހެންނަމަވެސް ހުއްދަ އާކުރުމުގެ މަސައްކަތް ނިމުނުއިރު ކަންތައްވެގެން ދިޔައީ ހީނުކުރާކަހަލަ ގޮތަކަށެވެ. ކޯޕަރޭޓިވްގެ މެމްބަރުން ބުނި ގޮތުގައި ރައީސްވަނީ އެ މައިނުގެ މިލްކިއްޔާތު ސާބިތުކޮށްދޭ ލިޔެކިޔުމަށް ބަދަލުގެނެސް އޭނާގެ އަމިއްލަ ނަމުގެ މައްޗަށް މައިނުގެ މިލްކިއްޔާތު ބަދަލުކޮށް އަލުން ރަޖިސްޓްރީ ކޮށްފައެވެ. އަދި މިކަމާ ގުޅިގެން ކޯޕަރޭޓިވްގެ މެމްބަރުން ރަށުގެ ވެރިންނަށް އެމައްސަލަ ހުށަހެޅުމުން ރަށުގެ ވެރިން ކޯޕަރޭޓިވްގެ ރައީސްއަށް ތާއީދުކޮށް ރައީސްގެ ފަޅިއަށް އެރިއެވެ.

ކުރެވުނު މަސައްކަތް ނާކާމިޔާބުވުމުން ކޯޕަރޭޓިވްއިން އެމައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ރުވަންޑާގެ ޕަބްލިކް ޕްރޮސެކިއުޓަރ އޮތޯރިޓީއަށް ވެސް ލިޔުނެވެ. އަދި އެއިދާރާއިން އެއްވެސް ޖަވާބެއް ނުލިބި އެތައް މަސްތަކެއް ފާއިތުވެގެން ދިޔުމުން އެމީހުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ރުވަންޑާ ގޮތްޕާ ބައްދަލުކުރިއެވެ. ޓީއައިއިންވެސް މިމައްސަލަ ބަލައިދިނުމަށް އެދުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ.

ޓީއައިގެ މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެ މައްސަލަ ކޯޓަށް ހުށަހެޅި ކޯޕަރޭޓިވްގެ މީހުން ކުރި ދައުވާ ކާމިޔާބުވިއެވެ. އަދި ކޯޕަރޭޓިވްގެ ރައީސް 10 އަހަރު ދުވަހަށް ޖަލަށް ލައި 3400 އެމެރިކާ ޑޮލަރާ އެއްވަރު އަދަދެއް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ޙުކުމްކުރެވުނެވެ.  އަދި އެ މައިނުގެ މިލްކިއްޔާތު ކޯޕަރޭޓިވްއާ ޙަވާލުކުރެވުނެވެ. ކޯޕަރޭޓިވްއިން މިހާރު މަސައްކަތްކުރަމުން ގެންދަނީ އެމައިނުގެ އުފެއްދުންތެރިކަން އިތުރުކޮށް މުޖުތަމަޢަށް އޭގެ ފައިދާ ހޯދަދޭށެވެ. އޭގެ ފަހުންވެސް ޓީއައިގެ ރުވަންޑާ ގޮތްޕަށްވަނީ މައިނުތަކުން ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަތަކަކާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައެވެ. މިއީ ޖަވާބުދާރީކުރުވުން އިތުރުވަމުންދާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ގޯލްޑް މައިން” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/gold_mine



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×