1437 ވަނަ އަހަރުގެ ރަމަޟާންމަހު ޞަދަޤާތުގެ ގޮތުގައި ބެހުމަށް ސަޢޫދީ ސަރުކާރުން ފޮނުއްވެވި ކަދުރު ޞަދަޤާތު ފައުންޑޭޝަނުން ބެހިކަމަށް ބުނާ މައްސަލަ ނިންމައި، ހަރުދަނާ އުސޫލެއް ކަނޑައަޅަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގައިފި.

10 Jan 2017

1437 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހި ރައްޔިތުންނަށް ޞަދަޤާތުގެ ގޮތުގައި ބެހުމަށް ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ފޮނުއްވެވި 50 މެޓްރިކް ޓަނުގެ ކަދުރު ބެހުމާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ މި ކޮމިޝަނުން ބެލިބެލުމުގައި، ސަޢުދީ ސަރުކާރުން ފޮނުއްވެވި ކަދުރުގެ ތެރެއިން، ފަޤީރުންނާއި ނިކަމެތިންނަށް ބެހުމަށްޓަކައި މުލީއާގެއާ ކަދުރު ޙަވާލުކޮށްދިނުމަށް މުލީއާގެއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އެދުމުން 500 ފޮށި ކަދުރު މުލީއާގެއާ ޙަވާލުކޮށްފައިވާއިރު، ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ޙަވާލުކޮށްފައިވާކަމާއި، މިކަން މިގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި މި ކޮމިޝަނުން އެ މައްސަލަ ނިންމާފައިވެއެވެ.

މީގެ އިތުރުން، ބޭރުގެ އެކިއެކި ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލު ކުރަމުންދާކަމުގެ ޝަކުވާ މިކޮމިޝަނަށް ލިބެމުންދާތީ، ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމްޢިއްޔާތަކާ ޙަވާލުކުރާނަމަ، އެތަކެތި އެފަރާތްތަކާ ޙަވާލުކުރާނެ ހަރުދަނާ އުޞޫލެއް ކަނޑައަޅުއްވައިގެން އެއުޞޫލުގެ ދަށުން އެކަން ކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×