ބަނޑުހައި ހޫނުކަން

15 Jan 2017

ޒިމްބާބުވޭގެ ހުރުންގވޭއަކީ އެޤައުމުގެ ވެރިކަންކުރާ ރަށް ހަރާރޭއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ. ހަނަފަސްކަމުގެ ސަބަބުން މީހުން ބަނޑުހައިހޫނުކަން ތަޙައްމަލުކުރަންޖެހުމަކީ މިހިސާބުގައި އާންމުކަމެކެވެ. 2011 ވަނަ އަހަރު އެކަނިވެސް ހުރުންގވޭގައި ވާރޭނުވެހި ގިނަ ދުވަސްތަކެއްވުމުގެ ނަތީޖާއެއްގެ ގޮތުން ގަސްގަހާގެހީގެ މަތިވަރު ހަލާކުވެގެން ދިޔައެވެ. އާއިލާތަކުން ދަނޑުގޮވާންކޮށްގެން ހައްދާ ގޮވާން އެއާއިލާތަކުން ކެއިންބުއިމަށް ބޭނުންކުރުމަށްފަހު ވިއްކާނެ އެއްޗެއް އިތުރަކަށް ނުހުރެއެވެ. އަދި އެހެން ބައެއްގެ އަތުން ގޮވާމުގެ ބާވަތްތައް ގަންނާނެ ފައިސާއެއްވެސް އެމީހުންނަކަށް ނުލިބެއެވެ.

މިފަދަ ސަރަޙައްދުތަކުގައި ތިބޭ ހާލުގައިޖެހިފައިވާ ދަނޑުވެރިންނަށް އެހީވުމުގެ ގޮތުން ޒިމްބާބުވޭގެ ސަރުކާރުން އެކުލަވާލާފައިވާ “ގޮވާން ސްކީމް” ގެ ދަށުން ގޮވާމާއި، މުޑުވަކާއި ގަސްކާނާ އެފަދަ ފަރާތްތަކަށް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސާފައިވެއެވެ. އެހެން ނަމަވެސް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ޤާނޫނީ ލަފާދޭ މަރުކަޒުން ހުރުންގވޭއަށް ޒިޔާރަތްކުރުމުން އެހިސާބުގައި ދިރިއުޅޭ ރައްޔިތުން ކިޔައިދިނީ މުޅިން ތަފާތު ވާހަކައެކެވެ. “އެންމެންވެސް ދެއްކީ އެއް އޮފިޝަލުގެ ވާހަކަ”، ޓީއައިގެ ލަފާދޭ މަރުކަޒުގެ އޮފިޝަލެއް ކަމުގައިވާ ޑެނެއި ބުންޏެވެ. ” އެމީހުން ބުނި ގޮތުގައި އެއޮފިޝަލް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގާތާ މިހާރު 10 އަހަރަށް ވުރެ ގިނަވެދާނެ! ދަނޑުވެރިންނަށް ބޭނުންވާ ތަކެތި އެމީހުންނަށް ހިލޭ ދިނުމުގެ ބަދަލުގައި އެމީހުންނަށް އޭނާ އެތަކެތި ބޮޑު އަގުގައި ވިއްކައިގެން ދުވާލެއްގެ މައްޗަށް 1000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ފައިދާގެ ގޮތުގައި އަތުލާ. މިތަކެތި ހިލޭ ލިބުނު ހަމައެކަނި ފަރާތްތަކަކީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން. އަދި މި މުދާ ބަލަހައްޓާ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން މިކަމުގެ މަޢުލޫމާތު އާންމުންނަށް އަންގަން އުޅެފިނަމަ އެމީހުންނަށް ބިރުދައްކައި އެމީހުން ވަޒީފާއިން ވަކިކުރޭ!”

ޑެނެއި މިމައްސަލަ ދިރާސާކުރަން ނިންމައި ގޮވާން މަރކެޓް ކުރާ ބޯޑަށް ގުޅައި ބައްދަލުވުމަކަށް އެދުނެވެ. “އެމީހުން އެންމެ ފުރަތަމަ ބައްދަލުކުރާކަށް އެއްބަހެއް ނުވި. އެހެންނަމަވެސް އަހަރެން އެކަންތައް ދޫކޮށްނުލުމުން އެމީހުން އަހަރެންގެ ހުށަހެޅުމަށް އިޖާބަދިނީ” އޭނާ ކިޔައިދިނެވެ. “އޭގެ ދުވަސްތަކެއް ފަހުން އެމީހުން އަހަންނަށް ގުޅި. އަދި އެމައްސަލަ ތަހުޤީޤުކުރިކަމަށް ބުނި. އެމީހުން ބުނިގޮތުގައި އެއޮފިޝަލާ ދެކޮޅަށް އެކަށީގެންވާ ހެކި ނުލިބުނު ނަމަވެސް އޭނާ ކުރިން ހުރި މަޤާމުން ވަކިކޮށް ހެޑް އޮފީހަށް އޭނާގެ ޢަމަލުތައް ފަސޭހައިން ބެލޭނެ ކަހަލަ މަޤާމަކަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް އެމީހުން ބުނި.”

މިޚަބަރާއެކު އެސަރަޙައްދުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އިޖާބަ ޑެނެއި ފާހަގަކުރެއެވެ. “އެސަރަޙައްދުގައި އުޅޭ އަންހެނުންގެ ގިނަ ބަޔަކު އަހަންނަށް ގުޅި. 10 އަހަރު ދުވަހަށް ފަހު އެމެނޭޖަރު އެހުރި މަޤާމުން އޭނާ ވަކިކުރެވުމުން އެމީހުން ތިބީ ވަރަށް އުފަލުން.”

މިއަދު ޑެނެއިއާއި އޭނާގެ ޓީމުން ގެންދަނީ ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ލިބޭތޯ ކަށަވަރުކުރަމުންނެވެ. އެހެންނަމަވެސް އެންމެ ބޮޑު ޙައްލަކަށް ވެގެންދާނީ އާންމުން ފާރަވެރިވުމެވެ. “ގޮވާމް ސްކީމް” ވަރަށް މުހިންމު. އެހެން ނަމަވެސް މިހާރު އެކަން ކުރުމުގައި ދެފުށްފެންނަ ގޮތަށް ކަންތައްތަކެއް ނުކުރެވޭ. މިފަދަ ކަންކަމުގައި ނާޖާއިޒު ފައިދާ ނެގިޔަނުދިނުމަށްޓަކައި މިކަމަށް ބަދަލު ގެންނަންޖެހޭ.” ޑެނެއި ފާހަގަކުރިއެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ހަންގަރ މަނީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/hunger_money



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×