17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ކުއްޔަށް ވެހިކަލްތައް ހިފާފައިވަނީ ރޭޓްތަކަށްވުރެ ބޮޑުކޮށްކަމާށާއި އަދި ކުރެވުނު ދަތުރުތަކުގެ ތަފްޞީލް ބަލަހައްޓާފައި ނުވާކަމަށް ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭ،

17 Jan 2017

17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލެއްގެ ކުއްޔަށް 1.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި އެއުޅަނދުތައް ކުއްޔަށް ހިފާފައިވާ ރޭޓްތަކަކީ އާއްމުކޮށް އުޅަނދުތައް ދުވަހު ކުއްޔަށް ނުވަތަ ގަޑިއަށް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށާއި ދަތުރުތަކުގެ ތަފްޞީލް ބަލަހައްޓާފައި ނުވުމުން ބިލްކޮށް ފައިސާ ނަގާފައިވަނީ ހަގީގަތުގައި ސާކް ސަމިޓުގެ ބޭނުންތަކަށް އެ އުޅަނދުތައް ބޭނުންކޮށްފައިވާ ގަޑިތަކަށްކަން ޔަގީންކުރެވިފައި ނުވާ ކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން 21 ޖުލައި 2013ގައި ނެރުން “17 ވަނަ ސާކް ސަމިޓަށް ލިބުނު އެހީއާއި ކުރެވުނު ޚަރަދުގެ ޙާއްޞަ އޮޑިޓް ރިޕޯޓު”ގައި ފާހަގަކޮށްފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި އެވަނީއެވެ.

މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލް ކުއްޔަށް ހިފުމަށް އިޢުލާންކޮށް ބިޑް ހުށަހަޅާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި މި ކޮމިޝަންގެ ތަޙްޤީޤަށް ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގޭތީ އާއި، އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް މި މައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވީނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައިނުވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، ސާކް ސަމިޓް ދުވަސްވަރު ޚިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އެދުވަސްވަރުގެ ޑިމާންޑަށް ބަލާ ޚިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި،

ކުއްޔަށްހިފި އުޅަނދުތަކަށް ފުރަތަމަ ދޫކުރި ފައިސާ ދޫކުރުމަށް ތައްޔާރުކުރި ޕޭމަންޓް ވައުޗަރ ތަކުގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ފައިސާ ދޫކޮށްފައިވަނީ ސާކް ސަމިޓް ނިމުނުފަހުން ކަމާއި ވެހިކަލްތައް ކުއްޔަށްހިފާފައިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދީފައިވަނީ އެގްރިމެންޓް ކުރި މުއްދަތްތަކަށްކަމަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އަދި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި ވެހިކަލް ތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް ބަލަހައްޓާފައިނުވާތީ އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް އެނގެންނެތްކަމުން ބިލްކޮށް ފައިސާ ދީފައިވަނީ ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކަށްކަން ޔަގީންނުވާ ކަމާއި އަދި އެކަން ޔަގީންނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް ތަހްޤީޤަށް ފާހަގަކުރެވިފައިވީނަމަވެސް،

ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ، މިމައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×