ކުރީގެ ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރުމަށާއި، އެމައްސަލައިގައި ދަޢުލަތަށް ގެއްލުންވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

18 Jan 2017

ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ޕްރޮކިއުމަންޓް އުސޫލުތަކާއި ޚިލާފަށް ޕްރައިވެޓް ކުންފުންޏަކުން 5.4 މިލިއަން ރުފިޔާއަށް ދެ އެކްސްކަވޭޓަރ ގަނެފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ޕްރޮކިޔުމެންޓް ޕްރޮސީޖަރ މެނުއަލްގައި 1,500,000.00 (އެއްމިލިއަން ފަސްލައްކަ) ރުފިޔާ އަށް ވުރެ ބޮޑެތި މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ފޮނުވައިގެންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް އެއްވެސް ފަރާތަކާއި ޙަވާލުކުރުމަށް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅާފައި ނުވަނީ، ވާރކްސް ކޯޕަރޭޝަން ލިމިޓެޑް ގެ ޕްރޮކިއުމަންޓް ޕްރޮސީޖަރ މެނުއަލް ގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް އަވަސް މުއްދަތެއްގައި ހޯދަން ދަތިވާތީއާއި އޭގެ ސަބަބުން ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ނިންމަންޖެހޭ ތާރީޚަށް ނުނިމިދާނެތީ، ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ކުންފުނީގެ ބޯޑުން ފާސްކުރާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި،

ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގެ 37 ވަނަ މާއްދާ ގައި ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކަށް ކުންފުނީގެ އެންމެހައި އުޞޫލުތައް ކަނޑައަޅައި، ކުންފުނި ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖަރތަކާއި، ޕޮލިސީތައް ހެދުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއާއި، އަދި އެ މާއްދާގެ ދަށުން ކުންފުންޏަށް އެންމެ ފައިދާ ކުރާނެ ގޮތެއްގެމަތިން އެއްބަސްވުންތައް އެކުލަވާލުމާއި އެފަދަ އެންމެހައި އެއްބަސްވުންތައް ތަންފީޒު ކުރުމުގެ ބާރު ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ލިބިގެންވާތީއާއި،

ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް 02 އެކްސްކަވޭޓަރ ގަތުމަށް ޕްރައިވެޓް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގައި މަޝްވަރާކޮށް، ބޯޑުން އެ ގޮތަށް ނިންމައިގެންކަން ތަޙްޤީޤަށް އެނގޭތީއާއި،  އަދި 02 އެކްސްކަވޭޓަރ ސަޕްލައިކުރުމަށް އެކުންފުނިން ހުށަހަޅާފައިވާ އަގަކީ އަންދާސީ ހިސާބު ހުށަހެޅި އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ އަގަށްވުރެ ކުޑަ އަގަކަށްވާތީއާއި، ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 02 އެކްސްކަވޭޓަރ ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިވާތީއާއި،

ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް 02 އެކްސްކަވޭޓަރ ގަތުމުގައި ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ އިސްފަރާތްތަކުން އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާތީ މިމައްސަލައިގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.

2. ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް 02 އެކްސްކަވޭޓަރ ގަތުމަށް އިސްވެދެންނެވުނު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ 1 ވަނަ ނަންބަރުގައި ޔޫ.އެސް ޑޮލަރ އެކްސްޗޭންޖް ރޭޓަކީ 01 (އެކެއް) ޔޫ.އެސް ޑޮލަރ = 13.75 (ތޭރަ ޕޮއިންޓް ހަތްދިހަ ފަހެއް) ރުފިޔާ ކަމަށް ބަޔާންކޮށްފައިވާއިރު، އޭރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ޔޫއެސް ޑޮލަރ ގަންނަ ރޭޓަކީ 01 (އެކެއް) ޔޫ.އެސް ޑޮލަރ = 12.85 (ބާރަ ޕޮއިންޓް އަށްޑިހަ ފަހެއް) ރުފިޔާ ކަމަށްވާތީއާއި،

ޔޫ.އެސް ޑޮލަރ ގަންނަ އަގާއި ވިއްކާ އަގު ކަމަށް އެމް.އެމް.އޭ އިން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި، އެއްވެސް ފަރާތަކުން ޑޮލަރ ގަނެ ނުވަތަ ވިއްކުމަކީ މަނާ ކަމެއްކަމަށް މަނިޓަރީ ގަވާއިދުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބޭރު ފައިސާ ގަނެވިއްކާ އަގަށް އިތުރު ކޮމިޝަނެއް ނެގުން ހުއްދަ ކުރުމުގެ އިޚްތިޔާރު އެމް.އެމް.އޭ އަށް ލިބިގެންވާކަމާއި، އެނޫން ހާލަތެއްގައި ބޭރުފައިސާ ގަނެ ވިއްކާ އަގަށް އިތުރު ކޮމިޝަނެއް ލައިގެން ބޭރު ފައިސާ ގަނެ ނުވަތަ ވިއްކުމަކީ މަނާކަމެއްކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާތީއާއި،

02 އެކްސްކަވޭޓަރ ގަތުމަށް އޭރު އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ޑޮލަރ ގަންނަ ރޭޓަށްވުރެ ބޮޑުކޮށް، 01 (އެކެއް) ޔޫ.އެސް ޑޮލަރ = 13.75 (ތޭރަ ޕޮއިންޓް ހަތްދިހަ ފަހެއް) ރުފިޔާގެ ރޭޓުން ޕްރައިވެޓް ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރީ އޭރު ޑޮލަރ ލިބުން ދަތިކަމަކަށްވާތީކަމަށް، ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ބުނެފައިވީނަމަވެސް، ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޕޭމަންޓް ދެއްކުމަށްޓަކާ ޑޮލަރު ހޯދުމަށް އެއްވެސް މަސައްކަތެއްކުރިކަމެއް ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ ލިޔުންތަކުން އެނގެން ނެތްއިރު، އެކުންފުނިން ގަނެފައިވާ އިސްވެ ދެންނެވުނު 02 އެކްސްކަވޭޓަރަށް ޕޭމަންޓް ދައްކާފައިވަނީ ދިވެހި ފައިސާއިންކަމަށްވާތީ، އޭރު އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ޑޮލަރ ގަންނަ ރޭޓަކީ 01 (އެކެއް) ޔޫ.އެސް ޑޮލަރ = 12.85 (ބާރަ ޕޮއިންޓް އަށްޑިހަ ފަހެއް) ރުފިޔާ ކަމަށްވާއިރު، އެ ރޭޓަށްވުރެ ބޮޑުކޮށް 01 (އެކެއް) ޔޫ.އެސް ޑޮލަރ = 13.75 (ތޭރަ ޕޮއިންޓް ހަތްދިހަ ފަހެއް) ރުފިޔާގެ ރޭޓުން 02 ޕޭމަންޓް ދައްކާ ގޮތަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން އެކްސްކަވޭޓަރުތައް ސަޕްލައިކޮށްދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އަށްވުރެ އިތުރަށް 358,200.00 (ތިންސަތޭކަ ފަންސާސް އަށްހާސް ދުއިސައްތަ) ރުފިޔާ ދައްކާފައިވަނީ، އެމް.އެމް.އޭ އިން  ކަނޑައަޅާފައިވާ ގަވާއިދާ ޚިލާފަށްކަމަށްވާތީއާއި، އެ ގަވާއިދުގައި ބަޔާންކުރާފަދަ ހުއްދައެއް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ހޯދާފައިނުވާތީއާއި، މިއީ ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދާދިނުމަށް ކޮށްފައިވާކަމެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވަނީ ފޮނުވިފައެވެ.

އަދި ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މި ޢަމަލުގެ ސަބަބުން އެކުންފުންޏަށް 358,200.00 (ތިންސަތޭކަ ފަންސާސް އަށްހާސް ދުއިސައްތަ) ރުފިޔާގެ ގެއްލުމެއް ލިބިފައިވާތީ، އެގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×