ސިއްރު ޑައިރީ

24 Jan 2017

9 ޖޫން 2010 ވީ ދުވަހުގެ ރޭ ދެކުނު ބްރެޒިލްގެ ޕަރަނާގައި 30000 އަށް ވުރެ ގިނަ ރައްޔިތުން އެ ސްޓޭޓްގެ 15 ސަހަރެއްގެ މަގުތަކުގައި، ޖެހެމުންދިޔަ ފިނި ވައިގެ ތެރޭގައި، މަގުތަކަށް ނުކުމެ ތިބެ، މުޒާހަރާކުރަމުން ގެންދިޔައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ގޮވާލަމުން ގެންދިޔައީ ދެފުށްފެންނަ ގޮތަށް ކަންކަންކުރުން އިތުރުކުރުމަށެވެ. އެކަމަށް ގޮވާލައި ބޯޑުތައް ހިފައިގެން އެއް ބަޔަކު ތިބިއިރު، އަނެއްބަޔަކު ދިޔައީ ކުޅެމުންގެންދިޔަ “ރަށުމިއުޒިކަށް” ޤައުމީ ދިދަ ހޫރަމުންނެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން އެކިކަހަލަ ހެދުންއަޅައިގެން ތިބިއިރު އަނެއް ބަޔަކު ގެންދިޔައީ ޤައުމީ ލަވަ ބާރަށް ކިޔަމުންނެވެ. މުޒާހަރާގައި ބައިވެރިވި ކިޔަވާ ދަރިވަރަކު ނޫސްވެރިޔަކުގެ ގާތުގައި “މިއަދު ހަމަ ޙަޤީޤަތުގަވެސް މީ ހެޔޮ ބަދަލެއްގެ ބިންގާ އެޅޭ ދުވަސް…މިއީ ޕަރަނާގެ ތާރީޚް ބަދަލުވާން ފެށުން” ކަމަށް ބުނިއިރު އޭނާގެ ފަހަތުން އިވެމުންދިޔައީ މުޒާހަރާކުރަމުންގެންދިޔަ ފަރާތްތަކުގެ އަޑެވެ.

މިއެއްވުންތަކަކީ “ދިއަރިއޯސް ސެކްރެތޯސް” ނުވަތަ “ސީކްރެޓް ޑައިރީސް” އާ ގުޅިގެން ބޭއްވޭ މުޒާހަރާތަކެކެވެ. އެއީ ބްރެޒިލްގެ ހަތަރު ނޫސްވެރިންކަމަށްވާ، ޖޭމްސް އަލްބާޓީއާއި ކާޓިއާ ބްރެމްބަޓީއާއި ކަރލޮސް ކޮލްބަކް އަދި ގެބްރިއެލް ޓަބަޗެއިކްގެ ލާމަސީލް ތަހުޤީޤީ ނޫސްވެރިކަމުގެ ތަފާތު މަސައްކަތްތަކުގެ ސަބަބުން ފަޟީޙަތްވެގެންދިޔަ ޕަރަނާގެ ޤާނޫނު ހަދާ މަޖިލީހުގެ ކަންކަމާ ގުޅިގެން ބޭއްވުނު މުޒާހަރާތަކެކެވެ.

މިނޫސްވެރިންގެ ޓީމުން ވަނީ ދެ އަހަރުވަންދެން އެމަޖިލީހުގެ ޚަރަދުތަކުގެ މަޢުލޫމާތު އެއްކޮށްފައެވެ. އަދި އެމީހުންވަނީ އެމަޖިލީހުގެ 750 މެމޯއާއި މުސާރައާ ގުޅުންހުރި ހުރިހައި ރެޖިސްޓްރީތައް އެއްކޮށް ފަރުވާތެރިކަމާއެކު 15000 އަށްވުރެ ގިނަ މަޢުލޫމާތު ދިރާސާކޮށްފައެވެ. މި މަސައްކަތް ނިންމާލުމަށްފަހު އެމީހުންވަނީ ހޯދުނު ހޯދުންތައް ބްރެޒިލްގެ ޚަބަރު ފަތުރާ އެކި ވަޞީލަތްތަކުގައި ޝާއިޢުކޮށްފައެވެ.

ނޫސްވެރިންގެ ރިޕޯޓުތަކާ ގުޅިގެން ބްރެޒިލްގެ އެތައް ބަޔަކު އިންސާފަށް ގޮވާލާ އެޤައުމުގެ މަގުތަކަށް ނިކުތެވެ. އެރިޕޯޓުތައް ބުނާ ގޮތުގައި ދުނިޔެ ދޫކޮށްފައިވާ މީހުންވެސް މުސާރައާ އިނާޔަތްތަކުގައި ހިމަނާފައިވާއިރު، މުވައްޒަފުން ނަގައި އެމީހުންނަށް މުސާރަދީގެން އެމީހުންގެ ވެރިންނަށް އެފައިސާ އަލުން ޖަމާކުރާ ގޮތަށްވެސް ހަދާފައިވެއެވެ. އެނޫސްވެރިން ދައުވާ ކުރި ގޮތުގައި މަޖްލީހުންވަނީ ދައުލަތުގެ ފައިސާއިން މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ވުޖޫދުގައި ނެތް މުވައްޒަފުންނަށް މުސާރަ ދިނުމުގެ ނަމުގައި އަމިއްލަ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މި ރިޕޯޓުތަކާ ގުޅިގެން ސަރުކާރުންވަނީ ވަރަށް އަވަސް މުއްދަތެއްގައި މިކަމުގައި ޝައްކުކުރެވުނު ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާފައެވެ. އެގޮތުން މިކަމުގައި ބައިވެރިވިކަމަށް ޝައްކުކުރެވުނު ޑައިރެކްޓަރުން އެމީހުންގެ މަޤާމްތަކުން ވަކިކޮށް ޖިނާއީ ތަހުޤީޤުތައް ކުރަން ފެށުނެވެ. އަދި އެޤައުމުގެ ޤާނޫނު ހަދާ މަޖްލީހުން ވަޒީފާއަށް މީހުން ނެގުމުގެ ކަންތައްތައް ބެލުމަށް އިތުރު ގޮތްތަކެއް ކަނޑައަޅައި ޢާއްމުންނަށް ފަސޭހައިން މިކަންކަމުގެ މަޢުލޫމާތު ލިބޭނެ ގޮތް ހަމަޖެއްސިއެވެ. އަދި އެނޫސްވެރިން މަޢުލޫމާތުދިން ގޮތުގައި މިކަމުގެ ސަބަބުން މަޖްލީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 1000 ވަރަށް މަދުވެގެން ދިޔައެވެ. އެމީހުން އަންދާޒާކުރާ ގޮތުގައި މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ މަހަކު ސަރުކާރަށް 5 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތްކުރެވޭނެއެވެ.

މިކަމާގުޅިގެން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއާއި ޕްރެސް އެންޑް ސޮސައިޓީ އިންސްޓިޓިއުޓްގެ ފަރާތުންވަނީ “2011ގެ ލެޓިން އެމެރިކަން އިންވެސްޓިގޭޓިވް ޖާނަލިޒަމް އެވޯޑް” އެ ހަތަރު ނޫސްވެރިންނަށް ދީފައެވެ. ދެފުށްފެންނަ ގޮތަށް ކަންތައްތައް ކުރުމުގެ މުހިންމުކަމުގެ އިތުރަށް މިނިވަން މީޑިއާތަކުގެ ސަބަބުން ރައްޔިތުންނަށް ފަސޭހައިން މަޢުލޫމާތު ލިބުމަށް މަގުފަހިވުމުގެ ނަތީޖާއެއްގެ ގޮތުން ރަނގަޅު ބަދަލުތައް ގެނައުމަށް ފަހިވެގެންދާނެކަން މިވާހަކައިން ދައްކުވައިދެއެވެ. މުޒާހަރާގައި ބައިވެރިވި ދަރިވަރު ބުނިފަދައިން ތާރީޚު ބަދަލުވާން ފެށުނީއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސީކްރެޓް ޑައިރީސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/secret_diaries



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×