މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އިން އެއްބަސްވުމެއް ނެތި ދިގު މުއްދަތެއް ވަންދެން އަމިއްލަ ފަރާތެއްގެ ގުދަނެއް ބޭނުންކޮށް ފައިސާ ދީފައިވާކަމަށް ބުނާ މައްސަލައާގުޅޭ،

29 Jan 2017

މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީ އިން އަލިމަސް ކާނިވާ ގޯތިތެރޭގައި ހުރި  1200 (ބާރަ ސަތޭކަ) އަކަފޫޓުގެ ގުދަން 10 މާރިޗު 2008 އިން މާރިޗު 2009 ގެ ނިޔަލަށް ކުއްޔަށް ހިފި މުއްދަތު ހަމަވިއިރު، އެގުދަނުގައިހުރި ތަކެތި ބަހައްޓާނެ ތަނެއް މިނިސްޓްރީން ހޯދާފައި ނެތުމުން، އެތަކެތި ބަދަލުކުރާނެ ތަނެއް ހޯދުމަށްފަހު އެގުދަނުގައި ހުރި ތަކެތި ހުސްކުރެވުނުއިރު، 11 މަސް ފާއިތުވެފައިވާތީ، އެތަނުގެ ވެރިފަރާތުން ކުލި ހޯދުމަށް ބިލް ހުށަހެޅުމުން، ބިލަށް ފައިސާ ދެއްކޭނީ ފާއިތުވި ދުވަސްތަކަށް އެގްރިމެންޓް އޮވެގެންކަމަށް އެ މިނިސްޓްރީގެ އެކައުންޓްސް ޑިވިޜަނުން ބުނުމުން އެ ފައިސާ ދެއްކުމަށްޓަކައި، މާފަހުގެ ތާރީޚެއް ޖަހައި އެއްބަސްވުން ހެދުމަށްފަހު އެފަރާތަށް ފައިސާ ދީފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އަދި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު: FIN-2012-4) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

  1. މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސް އަށް 2008 ވަނަ އަހަރު ކުއްޔަށް ހިފާފައިވާ އަމިއްލަ ފަރާތެއްގެ ގުދަން ކުއްޔަށް ހިފުމާ ގުޅޭގޮތުން ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރިވިސަސް އާއި އެފަރާތާ ދެމެދު 2008 ވަނަ އަހަރުގެ މާރިޗު 10 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2009 ވަނަ އަހަރުގެ މާރިޗު 10 އަށް ހަމަވުމަށްފަހުވެސް އެކަމާ ގުޅޭގޮތުން އެއްބަސްވުމެއް ހަދާފައިނުވާކަން މިކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭތީއާއި، އޭގެ ފަހުން 2009 ވަނަ އަހަރުގެ ޖުލައި 22 ގައި ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސް އުވާލައި އެތަނުން ކުރަމުން ދިޔަ މަސައްކަތްތައް ހެލްތު މިނިސްޓްރީ އިން ކުރާ ގޮތަށް ހަމަޖައްސާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ތަކުގެ ތެރެއިން 28 ޖުލައި 2009 ގައި ޢާއްމުކޮށްފައިވާ ނަންބަރު 55-2009 ދެންނެވުމުން އެނގޭތީއާއި، އެ ގުދަނާ ގުޅޭގޮތުން 2010 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމަކީ އެ ގުދަން ދޫކޮށްލަން ބޭނުންވެގެން އެ ގުދަނަށް ކުލި ނުދައްކާ ހުރި މަސްތަކަށް ކުލި ދައްކަން ބޭނުންވެގެން، ކުލި ދެއްކޭނީ އެއްބަސްވުމެއް އޮވެގެން ކަމަށް ހެލްތު މިނިސްޓްރީގެ އެކައުންޓްސް ޑިވިޝަނުން ބުނުމުން ހެދި އެއްބަސްވުމެއްކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީއާއި،

 

  1. 2008 ވަނަ އަހަރު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހުވެސް، ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ތަކެތި އެ ގުދަނުގައި ބަހައްޓާފައިވާކަން، މިކަމާގުޅިގެން 2010 ވަނަ އަހަރުގެ ފެބުރުވަރީ 22 ގައި ވެފައިވާ އެއްބަސްވުމުންނާއި، މިކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭތީއާއި،

 

  1. 2008 ވަނަ އަހަރު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހުވެސް ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސް ގެ ތަކެތި އެ ގުދަނުގައި ބަހައްޓާފައިވަނީ އެ ގުދަނުގައި ހިމެނޭ މެޑިކަލް ހެވީލޯޑު އިކުއިޕްމަންޓް ލާނެ ތަނެއް ހަމަނުޖެހިގެން ކަން، 2010 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވެފައިވާ އެއްބަސްވުމުން އެނގެން އޮންނައިރު، އެދުވަސްވަރު އެ ގުދަން ނޫނަސް އިތުރު އެހެން ގުދަންތަކެއް ކުއްޔަށް ހިފި މުއްދަތު ހަމަވުމަށްފަހުވެސް، އެތަންތަނަށް އެއްބަސްވުމެއް ހެދުމަކާ ނުލައި ބޭނުން ކުރަމުން ގެންދިޔަ ކަމަށް، މި ކޮމިޝަންގެ ތަޙްޤީޤުން އެނގޭއިރު، އިސްވެ ދެންނެވުނު ގުދަން ކުއްޔަށް ހިފައި 2008 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް، އެ ޑިޕާރޓްމަންޓްގެ ބޭނުމަށް އެ ގުދަން ބޭނުން ކުރަމުން ދިޔައީ އަދި އެކަމާ ގުޅޭގޮތުން 2010 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހަދާފައިވާ އެއްބަސްވުން ހަދާފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކަމަށް ބެލެވޭނެ ހެއްކެއް ނުވަތަ ޤަރީނާއެއް ނެތުމާއިއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނެފައިވާފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިވާކަން ފާހަގަކުރެވިފައިނުވާތީ މިމައްސަލައަކީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަމާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިހިސާބުން މައްސަލަ ނިންމީއެވެ.


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×