އެތައް ހާސް ބައެއްގެ ޝަކުވާ

30 Jan 2017

“އަޅުގަނޑުމެން ޚިދުމަތްދޭން ނިންމައިގެން ތިބީ ހެނދުނު 10:00 އިން މެންދުރު 13:00 އަށް. އެކަމަކު ގަޑިން 9 ޖެހި އިރު މީހުންތައް އެއްވެ ދިގު ކިޔޫއެއް ވަނީ ހަދާފައި. ގަޑިން އިރުއޮއްސި 18:30 ހާއިރު އަޅުގަނޑުމެންގެ މަސައްކަތް ނިންމާލިއިރުވެސް މައްސަލަތައް ހުށަހަޅަން ގިނަ ބަޔަކު އަންނަމުން ދިޔަ.”

ރާމް ނާތު ޖާއަކީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި)ގެ ފަރާތުން އިންޑިއާގައި އެންމެ ފުރަތަމަ ފެށި އެއްތަނުން އަނެއްތަނަށް ގެންދެވޭ “އެންޓި-ކޮރަޕްޝަން އަދި ޤާނޫނީ ލަފާދޭ މަރުކަޒު”ގެ ކަންތައްތައް އިންތިޒާމްކުރާ ފަރާތްތަކުގެ ތެރެއިން އެކަކެވެ. އެއްދުވަހުގެ މި ޙަރަކާތުގައި އެންޓި-ކޮރަޕްޝަން އަދި ޤާނޫނީ ދާއިރާގެ މާހިރުންނާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ދަރުމަވެރިންގެ ގޮތުގައި އިންޑިއާގެ އެކަހެރި ސަރަޙައްދުތަކަށް ގޮސް އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންނަށް ބޭނުންވާ ލަފާއާއި އެއްބާރުލުން ދެއެވެ. މިމީހުންނަކީ ޢާއްމު ދިރިއުޅުމުގައި ކޮރަޕްޝަނުގެ ގިނަ ޢަމަލުތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކެކެވެ. މިޙަރަކާތް ބޭއްވުނު ރަށުގެ ގިނަ މީހުންނަކީ ފަޤީރުންނަށް ވުމުން ސަތޭކައަށްވުރެ ގިނަ މީހުން މިޙަރަކާތުގައި ބައިވެރިވާނެކަމަށް ޓީއައި އިން ލަފާކުރިއެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް ދުވަސް ނިމިގެން ދިޔައިރު ޖުމްލަ 2500 މީހުން މި ޙަރަކާތުގައި ބައިވެރިވިއެވެ.

މިޙަރަކާތުގެ ބައިވެރިންގެ ތެރޭގައި 65 އަހަރުގެ ރޫތީ* ވެސް ހިމެނެއެވެ. އެތަނަށް އެއްވެފައި ތިބި މީހުންތަކުގެ ތެރެއިން އޭނާ ޓީއައިގެ މޭޒާ ދިމާލަށް މިސްރާބުޖެހިއެވެ. އަދި އެހިސާބަށް ދެވުމުން އޭނާގެ ވާހަކަ ޓީއައިގެ ޓީމާ ހިއްސާކުރިއެވެ. ރޫތީ ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާ މަރުވީ އޭގެ 6 އަހަރު ކުރިންނެވެ. އެހެންކަމުން އޭނާއަކީ ސަރުކާރުން ހުވަފަތް އަންހެނުންނަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ އެހީ ލިބެންޖެހޭ މީހެކެވެ. ނަމަވެސް އަދި އެހާތަނަށް އޭގެ އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ. “އޭނާއަކީ ނުކުޅެދޭ މީހެއް އަދި އޭނާގެ އަތަކު ދިރިއުޅުމުގެ ކަންކަން ފުއްދަން އެއްވެސް ފައިސާއެއް ނެތް… އަދި އަޅާލާނެ އެއްވެސް ވާލެއްއިޔާރެއްވެސް ނެތް،” ރާމް ކިޔައިދިނެވެ. “ރޫތީ ބުނާ ގޮތުގައި އޭނާ އޭގެ ކުރިން ކަމާބެހޭ ފަރާތްތަކަށް މިމައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެފަރާތްތަކުން އެއްވެސް ފިޔަވަޅެއް އެކަމާ ގުޅޭގޮތުން އަޅާފައެއް ނުވޭ.”

މިމަރުކަޒުތަކުގެ އަމާޒަކީ ކޮރަޕްޝަނުގެ ސަބަބުން އާންމުންނަށް ދިމާވާ ޙާލަތްތަކަށް ރިޢާޔަތްކޮށް ލިބިދޭންޖެހޭ ޙައްޤުތައް ވިސްނައިދީ އެޙައްޤުތައް އެމީހުންނަށް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. ” އެމީހުންގެ ޝަކުވާތަކާއި ވާހަކަތައް އެހެންބަޔަކު އަޑުއެހުމުން އެމީހުން ތިބީ އުފާވެރި ޖަޒުބާތުން ފުރިފައި” ރާމް ބުންޏެވެ. އެތައް ބަޔަކު އެމީހުންގެ ވާހަކަތައް ކިޔައިދޭން މޭޒުތައް ކައިރިއަށް އެއްވަމުންދިޔައިރު، އެމީހުން އިށީންނަން ބަހާއްޓާފައި ހުރި ގޮނޑިތައް ހުރީ ހުހަށެވެ. އަދި އެތަނަށް އަންނަ މީހުންނަށް ދިނުމަށް ބެހެއްޓިފައި ހުރި ކާއެއްޗެހި މޭޒުތައްމަތީގައި އެއްވެސް ބަޔަކު އަތްނުލައި އޭގެމަތިން ހަނދާންނެތިފައި ހުއްޓެވެ.

ދުވަސް ނިމިގެން ދިޔައިރު ނޯޓުކުރެވިފައިހުރި ޝަކުވާ ބޮޑު ދެ ފޮށި ފުރެންދެން ހުއްޓެވެ. އޭގެ ތެރޭގައި ކެއުމުގެ ބާވަތްތަކަށް ދީފައިވާ ސަބްސިޑީ ނުލިބުމާއި އަލުން ގެދޮރު އެޅުމަށް ހުރި ފައިސާ ވީގޮތެއް ނޭނގި ގެއްލުން ފަދަ ޝަކުވާތައް ހިމެނެއެވެ. ރޫތީ ފަދައިން، ވަރަށް ގިނަ މީހުން މަޢުލޫމާތު ދިން ގޮތުގައި އެމީހުންގެ ޝަކުވާތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވީނަމަވެސް އެއްވެސް ކަހަލަ އިޖާބައެއް ލިބިފައެއްނުވެއެވެ. “އިންޑިއާ ޓެލެގްރާފް”ގެ ނޫސްވެރިއަކާ ވާހަކަ ދައްކަމުން އޭގެ ތެރެއިން އެއްފަރާތަކުން ބުނި ގޮތުގައި ކާނާގެ އެހީ ލިބޭ ލިސްޓުގައި އަލުން ހިމެނުމަށް އެދި އޭނާވަނީ ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކަމާގުޅޭ ހުރިހާ އޮފީހަކަށް ގޮސްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ އެލިސްޓުން ކަނޑާލާފައިވަނީ އެއްވެސް ސަބަބެއް ނެތި އަދި އެއްވެސް ކަހަލަ އެންގުމަކާނުލައެވެ.

ޓީއައިގެ ޤާނޫނީ މަރުކަޒުން މިހާރު ގެންދަނީ އެހުރިހާ ޝަކުވާތައް ބަލަމުންނެވެ. އަދި ރަށުގެ ދަރުމަވެރިންގެ އެހީއާއެކު އެމީހުން ގެންދަނީ މައްސަލަތައް ބައިތަކަކަށް ވަކިކޮށް ހުރިހާ މައްސަލަތަކަށްވެސް ޖަވާބު ދެމުންނެވެ. މިއީ ވަރަށް ބޮޑު އަދި ބުރަ މަސައްކަތެކެވެ. އެހެންނަމަވެސް މިއީ ޢާއްމުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އެހީތެރިކަމެއް ކަން ވަރަށް ސާފެވެ. އެހެންކަމުން މިފަދަ އިތުރު ޙަރަކާތެއް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިމަރުކަޒުގެ ޙަރަކާތް ފަދައިން ދެން ކުރިއަށް އޮތްތާނގައި ރޭވޭ މިފަދަ ޙަރަކާތްތަކުގައިވެސް މަސައްކަތްކުރާނީ އެކަހެރި ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދީ އެމީހުންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި އެހީތެރިކަން ހޯދައިދިނުމަށެވެ. އެހެންކަމުން މުސްތަޤުބަލުގައި ރޫތީފަދަ މީހުން އެމީހުންގެ ދައުވާ އުފުލާނީ އެކަންޏެއް ނޫނެވެ. “އެއީ ވަރަށް ހިތަށް އަސަރުކުރުވި ހިނދުކޮޅެއް.. އަދި އެފަދަ އެހެން މައްސަލަތައްވެސް އަޅުގަނޑުމެން ބަލާނަން.” ރާމް ބުންޏެވެ.

*ނަން ބަދަލުކުރެވިފައި

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ތައުޒަންޑްސް ސްޕީކް އައުޓް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/thousands_speak_out



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×