2008 ވަނަ އަހަރު ސަރުކާރުން ރާއްޖެތެރޭގެ ރަށްރަށުގައި އަދި މާލޭގައި ގެދޮރުހެދުމުގެ ދަތިކަން ހުރި ފަރާތްތަކަށް ގެދޮރުހެދުމަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ހުޅުވާލުމާ ގުޅިގެން އެ ސްކީމުން ލޯނު ލިބޭނެކަމަށް ކަނޑައެޅުނު ފަރާތްތަކުގެ ތެރެއިން ކުޅުދުއްފުށީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ދެވަނަ ޕޭމަންޓް ހޯދައިދިނުމުގައި ކުޅުދުއްފުށީ އޮފީހުން ހަޤީޤަތާ ޚިލާފަށް މަޢުލޫމާތު ދީގެން އޭނާއަށް ލޯނު ހޯދައިދީފައިވާ ކަމަށާއި މިކަން ކޮށްފައިވަނީ، އޭރު ކުޅުދުއްފުށީގެ ކުޑަކަތީބު ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
- މި މައްސަލައިގެ ތަޙްޤީޤުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2008 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތަޢާރަފްކުރެއްވި “ހިޔާވަހިކަމަށް ދޫކުރެވޭ ލުއި ލޯން ސްކީމް” ގެ ދަށުން އެޗް.ޑީ.އެފް.ސީ އިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ފައިސާ ދޫކުރާނީ އިމާރާތްކުރެވޭ މިންވަރަށް ބަލައި، ބައިބަޔަށް ބަހާލައިގެންކަން، އެޗް.ޑީ.އެފް.ސީ އާއި އިސްވެދެންނެވުނު ފަރާތާ ދެމެދު 22 ޑިސެންބަރު 2008 ގައި ވެފައިވާ “ލޯނު އާއި ރަހުނުގެ އެއްބަސްވުން” އިން އެނގެން އޮންނައިރު، ލޯނުގެ ދެވަނަ ޕޭމަންޓަށްވާ 70,000.00 (ހަތްދިހަހާސް) ރުފިޔާ އެ ކޯޕަރޭޝަނުން ދޫކޮށްފައިވަނީ، ލޯނުގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދޫކޮށްފައިވާ 30,000.00 (ތިރީސްހާސް) ރުފިޔާ ދޫކުރުމަށްފަހު، އިމާރާތްކުރަން ހަމަޖެހިފައިވާ ގޯތީގައި މަސައްކަތް ކޮށްފައިވާ މިންވަރު ބެލުމަށްޓަކައި، ހދ.ކުޅުދުއްފުށީ އޮފީހަށް އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ފޯމުގައި، އެ ގޯތީގައި ކޮންކްރީޓް ފައުންޑޭޝަން އަޅާ ނިމިފައިވާކަމަށް، އެ ފޯމު ފުރިހަމަކުރި ފަރާތް ބަޔާންކޮފައި ވާތީކަމާއި، ނަމަވެސް، 2013 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށްވެސް އެ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހދ.ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން 16 ޖޫން 2013 ގައި ތައްޔާރުކޮށްފައިވާ ލިޔުމުންނާއި، މި ކޮމިޝަނުގެ ތަޙްޤީޤުން ބެލިބެލުމުން އެނގެން އޮންނާތީ އާއި؛
އެޗް.ޑީ.އެފް.ސީ އިން ދޫކުރި ލޯނަށް އެދުނު ފަރާތް ހުށަހަޅާފައިވާ ފޯމުގައި އޭނާ ރަނގަޅަށް ދަންނަ މީހެއްގެ މަޢުލޫމާތު ހުށަހަޅާ ބައިގައި ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ ނަން ޖަހާފައިވާތީއާއި ލޯނަށް އެދުނު ފަރާތުގެ ލޯނަށް ގެރެންޓީ ދޭ ފަރާތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އެޗް.ޑީ.އެފް.ސީ ގައި އެދިފައިވާތީ، ލޯނަށް އެދުނު ފަރާތާއި ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބަކީ ގާތް ގުޅުމެއް އޮންނަ ދެފަރާތްކަން އެނގޭތީ، އިސްވެ ދެންނެވުނު ލޯނުގެ ދެވަނަ ޕޭމަންޓަށް ވާ ފައިސާ ދޫކުރުމުގެ ކުރިން އެޗް.ޑީ.އެފް.ސީ އިން މަޢުލޫމާތު އެއްކުރާ ފޯމު ފުރިހަމަކުރުމުގައި، ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނަށް އެދުނު ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން، ތަޙްޤީޤަށް ލިބިފައިވާ ކިތާބީ އަދި ޝަފަހީ ހެކިތަކުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވާފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ވަނީ ފޮނުވިފައެވެ.