ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކު ބަންޑާރަ ކިޅީގައި ތައްޔާރުކުރެވުނު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިޢުލާނު ނުކޮށްކަމަށް ބުނާ މައްސަލައާ ގުޅޭ،

06 Feb 2017

ފުވައްމުލަކު ޤައުމީ އިދާރާ މެދުވެރިވެގެން، ސާކް ސަމިޓާއި ގުޅިގެން ތައްޔާރު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ ތުނޑީ ސަރަހައްދުގައި ހަދާފައިވާ ތަންތަނާއި ބަންޑާރަ ކިޅީގައި ތައްޔާރު ކުރެވުނު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ނުކޮށް ކަމަށް، ފުވައްމުލަކު ޤައުމީ އިދާރާގެ އޮޑިޓް ރިޕޯޓް (ނަންބަރު: SPE-2013-03) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ތަޙްޤީޤަށް ލިބިފައިވާ، ލިޔުންތަކުން ފުވައްމުލަކު ތުނޑި (ކަލްޗަރަލްވިލެޖް) އާއި ބަންޑާރަކިޅީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ އިޢުލާންނުކޮށް ކަމަށް މިމައްސަލައިގެ ޝަކުވާގައި ބުނެފައިވާއިރު، ސާކްސަމިޓާ ގުޅިގެން ފުވައްމުލަކު ޤައުމީއިދާރާއިން ތައްޔާރުކޮށްފައިވާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ 25,000/- (ފަންސަވީސް ހާސް ރުފިޔާ) އަށްވުރެ ދަށުގެ މަސައްކަތަކަށް ވުމުންނާއި، މަސައްކަތް ކުރާނެ ފަރާތެއް ހޯދާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.14 ވަނަ މާއްދާއާ އެއްގޮތަށް ތިން ފަރާތަކުން ކޯޓޭޝަން ހޯދައިގެން ކަމަށްވާތީއާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަށްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިނުވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×