ތޭރިތަކުގެ ފަހަތުން ރިޝްވަތު

09 Feb 2017

އެމީހުންގެ އިންތިޒާރު އެތައް އިރަކަށް ދެމިގެންދެއެވެ. ވަގުތު ކުރުކުރުމަށް ގަދަ އަވީގައި އެމީހުން ދެކޮޅަށް ހިނގައެވެ. ޒުވާން މަންމައިން އެމީހުންގެ ތުއްތު ކުދިން އަތުލަފިކޮށްގެން ކޮޅަށް ތިބި އިރު، އުމުރުން ދުވަސްވެ ވަރުބަލިވެފައިވާ އަންހެނުން އެތަނުގައި ހުރި ބައެއް ތަކެތި ގޮޑިކަމަށް ބަލައި އޭގައި އިށީނދެ ތިބެއެވެ. އެ އެންމެންގެ ނަޒަރުވެސް ހުއްޓެނީ އެއްދިމާލަކަށެވެ. އެތާނގައި ތިބޭ ގާޑުންނަށެވެ.

އެއީ ކޮންމެ ހޮނިހިރު ދުވަހަކުވެސް ވެނެޒުއެލާގެ ސްޓޭޓް ޖަލު ކުރިމަތިން ފެންނަ މަންޒަރެކެވެ. 1200 މީހުންގެ ޖާގަ އޮންނަ މިޖަލުގައި 4600 ގައިދީން އުޅެމުންދާއިރު އެތަނަށް ޖަމާވާ އަންހެނުން އަންނަނީ އެމީހުންގެ ފިރިންނާއި، ބޭބެއިންނާއި، ދަރިން އަދި އެމީހުންގެ ބައްޕައިންނަށް އަންނައުނާއި، ގެއިން ކައްކައިގެން ގެންނަ ކާއެއްޗިއްސާއި އަދި ބާ ޓީވީއާއި ރޭޑިއޯ ފަދަ ތަކެތި ހިފައިގެންނެވެ. އެމީހުން އެތަނަށް އައުމުން ކޮންމެ މީހެއްގެ އަތުގައިވެސް ވަކި ނަންބަރެއްގެ ތަތްގަނޑު ޖަހައެވެ. މެންދުރާ ގާތްވާއިރު އެތަނަށް އެއްވާ މީހުންގެ އަދަދު ހާހަކަށް ވުރެ ގިނަވެ ޖަލުގެ ވަށައިގެން ކިޔު ޖެހެއެވެ. އަދި ރޭގަނޑުވާން ގާތްވެ ދުނިޔެ މަތި އަނދިރިވުމުން އެމީހުން އެނބުރިދެއެވެ. ގިނަ މީހުން އެނބުރިދަނީ ހުސް ތަށިތަކާއި ދެން އަންނަ ފަހަރަކުން ގެންނަންވީ ތަކެތީގެ ލިސްޓަކާ އެކީގައެވެ. އެހެންނަމަވެސް އަންނަ އެންމެނަށް ޒިޔާރަތްކުރާ މީހުންގެ ކޮޓަރިއާ ހަމައަކަށް ނުދެވެއެވެ.
“އެތަނަށް ވަނުމަށް އެތާނގެ ގާޑުން އަހަރުމެން އަތުން ފައިސާ ނަގާ. އެއީ ހަމަ އެކަން ހިނގާ ގޮތް. ކޮންމެ މީހަކު ދިޔަޔަސް މިކަން މިގޮތަށް ވާތަން ފެނިގެން ދާނެ.” އެއް ދުވަހުގެ ޙަރަކާތެއް ބޭއްވުމަށް ޖަލު ކައިރިއަށް އެއްވި އެންޓި-ކޮރަޕްޝަން އެކްޓިވިސްޓުންގެ ޓީމަކަށް، ފިރިމީހާއަށް ޒިޔާރަތްކުރަން އެތަނަށް ގޮސް ހުރި ޒުވާން އަންހެން ކުއްޖަކު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ވެނެޒުއޭލާ އިން އިސްނަގައިގެން އެހެނިހެން މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގުނު މިޙަރަކާތަކީ ޖަލުގެ ގާޑުން، ޖަލަށް ޒިޔާރަތްކުރާ މީހުންގެ އަތުން ރިޝްވަތު ނަގައިގެން މީހުންނާއި ހަދިޔާ ޖަލަށް ވައްދާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން ބޭއްވި ޙަރަކާތެކެވެ. މެގަފޯނުތަކާއި ލީފްލެޓް އަދި ޤާނޫނީ ލަފާދޭ ފޯމުތަކާއެކު އައި ދަރުމަވެރިން އެތަނަށް އެއްވެ ތިބީ އެތަނުގައި ކަން ހިނގާ ގޮތް ލިޔެ، ގައިދީންނަށް ޒިޔާރަތްކުރާ މީހުންނަށް އެމީހުންގެ ޙައްޤުތައް ވިސްނައިދީ އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށެވެ.
މިޙަރަކާތުގެ ތެރެއިން އެމީހުންނަށް ފާހަގަކުރެވުނީ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެވެމުންދާކެމެވެ. އަދި ވަރަށް ގިނަ ފަހަރަށް، ޒިޔާރަތްކުރާ މީހުން ގާޑުން ރިޝްވަތު ދިނުމަށް އެދުމުން އެކަމަށް އިޖާބަދީފިނަމަ އެމީހުންގެ ޕާހުގައި ޓޭޕްކޮޅަކުން ފާހަގަކުރެއެވެ. މިފަދައިންދޭ ބައެއް ރިޝްވަތުގައި ހިމެނެނީ ނިސްބަތުން ކުޑަ އަދަދެކެވެ. މިސާލަކަށް ކިޔުގެ ކުރިޔަށް އަރަން 30 ވެނެޒުއޭލާ ބޮލިވާސް (5 އެމެރިކާ ޑޮލަރު) ދައްކަން ޖެހެއެވެ. އަދި ބައެއް ކަންކަމަށް ނަގާ ރިޝްވަތުގެ އަދަދުތަކަކީ ވަރަށް ބޮޑު އަދަދުތަކެކެވެ. މިސާލަކަށް، ގައިދީން، ޖަލުގެ ރައްކާތެރި އަދި ކޮންމެ ދުވަހަކު 3 އިރަށް ކާންލިބޭ ސަރަޙައްދަކަށް ބަދަލުވުމަށް އެދޭނަމަ ބަދަލުކޮށްދެނީ ޑައުން ޕޭމަންޓްގެ ގޮތުގައި 40000 ބޮލިވާސް އާއި އޭގެ އިތުރުންވެސް ކޮންމެ ހަފްތާއަކު 500 ބޮލިވާސް ނަގައިގެންނެވެ.
ކިޔުގައި މަޑުކޮށްގެން ހުރި ޒުވާން އަންހެން ކުއްޖަކު ބުނިގޮތުގައި އޭނާގެ ލޯބިވެރިޔާ ހުރި ގޮޅިން އޭނާ ބަދަލުކުރުމަށްޓަކައި ގާޑުން ވަނީ އެނާގެ ފަރާތުން ފައިސާއަށް އެދިފައެވެ. ބުނެވޭ ގޮތުގައި އެގޮޅީގައި އޭނާއާއެކު ދެން އުޅޭ 6 ގައިދީން ދަނީ ކޮންމެ ދުވަހަކުހެންމެ އޭނާއަށް ޖިންސީ ގޯނާ ކުރަމުންނެވެ.
ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމަކީ އާންމުކޮށް ހިނގާ ކަންކަމަށް ވާތީއެވެ. “ޖަލުތަކަކީ ވަރަށް އެކަހެރިކޮށް ހުންނަ ތަންތަނަށް ވުމުން މިތަންތަން ވެފައިވަނީ ކޮރަޕްޝަނުގެ ޢަމަލުތަކަށް ހުޅުވިފައިވާ ދޮރުތަކަކަށް” ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ވެނެޒުއެލާގެ އެގްޒެކެޓިވް ޑިރެކްޓަރ މާސިޑީޒް ޑި ފްރެއިޓަސް މަޢުލޫމާތު ދެމުން ބުންޏެވެ. “ވެނެޒުއޭލާގެ މީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި ރައްކާތެރިކަމުގެ މައްސަލަތަކާ ކުރިމަތިލާންޖެހޭ ބަޔަކަށްވުމުން ގައިދީންނަށް ދިމާވާ މިފަދަ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރަނީ ވަރަށް މަދުން. އެހެންވެ، އަޅުގަނޑުމެން އިސްނަގައިގެން މިމަސައްކަތް މިފެށީ- އާންމުކޮށް ނުބަލާ ދޫކޮށްލާ މިފަދަ ގޯނާތަކުގެ ވާހަކަ އެންމެންނާ ހަމައަށް ގެނެސްދީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެކަމާމެދު ވާހަކަދައްކަން އެހީތެރިވެދީ، މިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް”
ދަރުމަވެރިން އެމީހުންގެ ޙަރަކާތް ނިންމާލާފައި ދިޔައީ ގިނަ އަދަދެއްގެ މައްސަލަތައް ލިޔެގެންނެވެ. އަދި އޭގެ ފަހުންވެސް އެކިފަހަރު މަތިން އެތަނަށް ގޮސް އިތުރަށްވެސް ވަރަށް ގިނަ މައްސަލަތައް ރިކޯޑުކޮށްފައިވެއެވެ. އަދި އެމީހުން މިހާރު މަސައްކަތްކުރަމުންދަނީ މިހުރިހާ ކޭސްތައް ބަލައި މިކަމުގެ މައިގަނޑު މައްސަލައަށް ރިޢާޔަތްކޮށް އަޑުއުފުލުމަށެވެ. “ބައެއް މައްސަލަތައް ވަރަށް ސާފު. އެހެންނަމަވެސް ބުނެވޭގޮތުން ބައެއް މައްސަލަތަކަކީ ޖަލުގެ ޑިރެކްޓަރުންނާއި އެންމެ މަތީ ލެވެލްގެ މުވައްޒަފުން ހިމެނޭ މައްސަލަތަކެއް. މިފަދަ މައްސަލަތަކަކީ އުނދަގޫ އަދި ބޮޑެތި ތަހުޤީޤުތަކެއް ކުރަންޖެހޭ މައްސަލަތަކެއް”. ޑި ފްރެއިޓަސް ބުންޏެވެ. “އެންމެ މުހިންމުކަމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ސަބަބުން ކޮރަޕްޝަނުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަޑުއުފުލުމަށް ފުރުޞަތު ލިބިގެން ދިޔުން”. އޭނާ ބުނާގޮތުގައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވީނަމަވެސް މިހާރުއްސުރެ ބަދަލުތައް ފެންނަމުން އެބަދެއެވެ. “އަހަރުމެން ކުރަމުންމިދާ ހޭލުންތެރިކުރުވުމުގެ މަސައްކަތުގެ ސަބަބުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުވެގެންދާނެ”. އަދި ކުރިއަށްވުރެން ގިނަ މީހުން މިހާރު އަންނަނީ އެމީހުންގެ ހަޔާތުގައި ދިމާވާ ކޮރަޕްޝަނުގެ ޢަމަލުތައް ކަމާބެހޭ އިދާރާތަކަށް އަންގައި އެމައްސަލަތައް ހުށަހަޅަމުންނެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބްރައިބަރީ ބިހައިންޑް ބަރސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/bribery_behind_bars



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×