2016 ވަނަ އަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާގުޅޭ މައްސަލަތައް

14 Feb 2017

2016 ވަނަ އަހަރު އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން 2016 ވަނަ އަހަރު ޕްރޮކިޔުމެންޓާ ގުޅޭ 320 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ. ވުމާއެކު، 2015 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު މިންވަރާ އަޅާބަލާއިރު ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ހުށަހެޅުނު ނިސްބަތް 11.5 އިންސައްތަވަނީ އިތުރުވެފައެވެ. 2015 ވަނަ އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ 287 މައްސަލައެވެ.
2016 ވަނަ އަހަރު ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުޞޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 105 މައްސަލައެއް 2016 ވަނަ އަހަރު ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު ވަޒީފާއާއި ގުޅޭ 156 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާއި ގުޅޭ ޖުމްލަ 141 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 354 މައްސަލައެއް 2016 ވަނަ އަހަރު ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×