17 ވަނަ ސާކް ސަމިޓާ ގުޅިގެން އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކަނޑުމަގުގެ ދަތުރުތަކަށް ކުއްޔަށްހިފި 6 ސަފާރީ ކުއްޔަށް ހިފާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އަދި އައްޑޫ/ފުވައްމުލައް ސާކް ސަމިޓާގުޅޭ 2011ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު: SPE-2013-07) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 17 ވަނަ ސާކް ސަމިޓުގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކުއްޔަށްހިފާފައިވާ 06 ސަފާރީ ކުއްޔަށްހިފާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ވަނަ މާއްދާއާ ޚިލާފަށް އިޢުލާނުކުރުމަކާނުލައި ކަމަށްވީނަމަވެސް، އެ ސަފާރީތައް ކުއްޔަށްހިފާފައިވަނީ އެންމެ ފަހު ވަގުތު ސާކް ސަމިޓަށް އެކިއެކި ޤައުމުތަކުން ގެންނަން ހަމަޖެހިފައިވާ ވަފުދުތަކުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް އިތުރު ފަރާތްތަކެއް އަންނާނެކަމަށް އެޤައުމުތަކުން އެންގުމުން ދުރާލައި ބޭރުގެ ވަފްދުތައް ބޭތިއްބުމަށް ހަމަޖައްސާފައިވާ 2 ރިސޯޓުން އިތުރު ފަރާތްތަކަކަށް އެކޮމޮޑޭޝަން ހަމަޖެއްސެން ނެތިގެން ދަޢުލަތަށް ލިބިދާނެ ހުތުރުނަމުން ސަލާމަތްކުރުމަށް ކޮންމެހެން މަޖުބޫރުވެގެން އެންމެ އަގު ހެޔޮ ގޮތަކަށް އެކަން ހަމަޖެއްސެން އޮތީ ސަފާރީތަކެއް ކުއްޔަށް ހިފައިގެންކަމަށް ސާކް ޓާސްކްފޯހަށް ފެނިގެން އެގޮތަށް ނިންމައިގެން ޚާއްޞަ ހުއްދައެއްގެ ދަށުންކަން ތަޙްޤީޤަށް އެނގޭތީއާއި، ސަފާރީތައް ކުއްޔަށް ހިފާފައިވަނީ ސާކް ސަމިޓު ފެށެން ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަހަށް ވެފައިވަނިކޮށްކަން ސަފާރީތައް ކުއްޔަށްހިފުމަށް ވެފައިވާ އެއްބަސްވުންތަކުން އެނގޭތީ، އިޢުލާނުކޮށްގެން އެ ޚިދުމަތްދޭނެ ފަރާތެއް ހޯދާނެ މުއްދަތު ނެތްކަން ތަޙުޤީޤަށް ފާހަގަކުރެވޭތީއާއި،
ކުއްޔަށް ހިފާފައިވާ 06 ސަފާރީގެ ތެރެއިން 05 ސަފާރީއަށް ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.23 ވަނަ މާއްދާއާ ޚިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ %50 ދިނުމަށް އެއްބަސްވެ އެ ފައިސާ ދޫކޮށްފައިވަނީ ކުއްޔަށް ދޫކުރިފަރާތްތަކުން އެންމެ ފުރަތަމަ އެދިފައިވަނީ އަގުގެ %100 ދެއްކުމަށް ކަމަށްވެފައި، އެފަރާތްތަކާ މަޝްވަރާކުރުމުން އެޑްވާންސް ފައިސާގެ ގޮތުގައި ކުލީގެ %50 ދިނުމުންނޫނީ ޚިދުމަތް ފޯރުކޮށްދެވެން ނެތްކަމަށް ބުނެފައިވާތީ، އެ މައްސަލަ އޭރުގެ ފޮރިން މިނިސްޓަރަށް ހުށަހެޅުމުން ސާކް ޓާސްކް ފޯހުގައި މަޝްވަރާކުރުމަށްފަހުކަން ތަޙްޤީޤަށް އެނގޭތީއާއި، ސަފާރީތައް ކުއްޔަށްހިފުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ހެކި/ޤަރީނާ ލިބިފައިނުވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.