އަވަށްގަނޑު

20 Feb 2017

ފަޤީރު ބަސްތީތަކަކީ ތޮއްޖެހުންބޮޑު، ސާފުތާހިރުކަން ކުޑަ އަދި އެހާމެ ނުރައްކާތެރި ތަންތަނެވެ. އ.ދ އިން ބުނާ ގޮތުގައި ދުނިޔޭގެ އާބާދީގެ ތެރެއިން އެއް ބިލިއަނަށްވުރެން ގިނަ މީހުން ދިރިއުޅެމުންގެންދަނީ މިފަދަ ބަސްތީތަކުގައެވެ. އަހުމަދު* އަކީ ވެސް މިފަދަ މީހެކެވެ. އޭނާއާއި އޭނާގެ އަނބިމީހާ އަދި ދެދަރިން ދިރިއުޅެމުންދަނީ މޮރޮކޯގެ ފަޤީރު އަވަށްގަނޑެއްގައެވެ. އެތާނގައި ކުށްކުރުން އާންމެވެ. އަދި ސާފު ބޯފެން ފަސޭހައިން ލިބުން ވެފައިވަނީ ނުހަނު ދަތިކަމަކަށެވެ.

މިފަދަ ހިސާބުތަކުގައި އުޅޭ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި މޮރޮކޯ ސަރުކާރުން ޤައުމީ ޕްރޮގްރާމެއް ފަށަން އުޅޭ ވާހަކަ ވެގެން ދިޔައީ އަހުމަދަށް ލިބުނު ވަރަށް އުފާވެރި ޚަބަރަކަށެވެ. “ސިޓީސް ވިތައުޓް ސްލަމްސް” ގެ ނަމުގައި ފެށި މިޕްރޮގްރާމްގެ އަމާޒަކީ ފަޤީރު އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ސަބްސިޑީ ދީގެން ބޯހިޔާވަހިކަން ހޯދައިދީ ފަޤީރު ބަސްތީތައް މޮރޮކޯއިން ފޮހެލުމެވެ.

މިޕްރޮގްރާމްގެ ދަށުން، ސަރުކާރުން ނިންމާފައިވަނީ އަޙުމަދުގެ އަވަށުގައި ދިރިއުޅޭ 120 އާއިލާ އެހެން ސަރަހައްދަކަށް ބަދުލުކުރާށެވެ. އަދި މަގުތަކާއި، ނަރުދަމާއާއި، ބޯފެނާއި ކަރަންޓުގެ ޙިދުމަތް ސަބްސިޑައިޒް ކުރެވިފައިވާ އަގެއްގައި ލިބޭނެހެން އެމީހުންނަށް ކުޑަ ބިމެއް ދޭ ގޮތަށް ނިންމާފައިވެއެވެ. އެސަރަހައްދުގައި އުޅޭ ފަޤީރުންގެ ލިސްޓެއް ތައްޔާރުކުރުމަށް ހަވާލުކުރެވުނީ ރަށުގެ ދެ އޮފިޝަލުންނާއެވެ. ނަމަވެސް ބުނެވޭ ގޮތުގައި މިއޮފިޝަލުން އާއިލާތަކުގެ އިސްމީހުންނާ ބައްދަލުކޮށް އެމީހުންގެ ކިބައިން ފައިސާއަށް އެދުނެވެ. އެގޮތުން 250 އެމެރިކާ ޑޮލަރު ދީގެން ބިން ލިބޭނެ ކަމަށާއި 630 އެމެރިކާ ޑޮލަރު ދީގެން ރަށްވެހިކަމުގެ ސެޓްފިކެޓް ލިބޭނެ ކަމަށް ބުންޏެވެ. މިއީ އެމީހުންނަށް އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައެވެ.

އެތާނގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި އެއޮފިޝަލުންވަނީ އެމީހުން އެފައިސާ ނުދީފިނަމަ އެމީހުން މިހާރު ދިރިއުޅޭ ގެދޮރު ހަލާކުކޮށްލާނެ ކަމަށާއި އާ ބިންތައް ނުދޭނެ ކަމުގެ އިންޒާރުދީފައެވެ.

މިގޮތުން ހިލޭ ލިބެންޖެހޭ ޚިދުމަތެއް ހޯދުމަށް ފައިސާ ދޭން އަޙުމަދު އިންކާރުކުރުމުން އަޙުމަދުގެ ގެވެސް ހަލާކުކޮށްލީއެވެ. އަދި ސަރުކާރުން ދޭން ނިންމި ބިންތައް ލިބުނީ އެއޮފިޝަލުންނަށް ރިޝްވަތު ދިން މީހުންނަށެވެ. ނަތީޖާއެއްގެ ގޮތުން އަޙްމަދާއި އަދިވެސް އެހެން ގިނަ އާއިލާތައް ވަންނާނެ ގެދޮރެއް ނެތި ހާލުގައި ޖެހުނީއެވެ.

ކަންދިމާކުރިގޮތުން އަޙުމަދަށް އޭނާގެ އެކުވެރިއެއްގެ ފަރާތުން މޮރޮކޯގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީއައި) ގެ ގޮތްޕާ ބެހޭ މަޢުލޫމާތު އެނގުނެވެ. އަޙުމަދު މިކަމުގައި ޓީއައި ގެ އެހީއަކަށް އެދުނެވެ. އަދި އެއަވަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެބިންތައް ނުލިބުނު އެންމެންގެ ލިސްޓެއް ހޯދައި އެއެންމެންގެ ނަމުގައި ޝަކުވާގެ ސިޓީއެއް ލިޔެ ރަށުގެ ގަވަރުނަރަށް ފޮނުވުމަށް ޓްރާންސްޕޭރެންސީ މަރޮކް އިން އަޙުމަދަށް ލަފާ ދިނެވެ. ނަމަވެސް ފޮނުވުނު ސިޓީގެ ޖަވާބު އަޙުމަދުމެންނަކަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެސިޓީ ފޮނުވުމުން، ރިޝްވަތު ހޯދަން އުޅުނު އޮފިޝަލުން އެމަސައްކަތުން ވަކިކުރެވުނެވެ. އަދި އެމަސައްކަތާ އަލަށް ޙަވާލުވީ ފަރާތުން އެމައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރާނެކަމަށް ވަޢުދުވިއެވެ. ޓްރާންސްޕޭރެންސީ މަރޮކް އިން އޭނާގެ މިވަޢުދު ފުރިހަމަކުރޭތޯ ޔަޤީންކުރާނެއެވެ.

*ނަން ބަދަލުކުރެވިފައި
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސްލަމް އެވިކްޝަންސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×