ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އޭ.ސީ.ސީގެ މުވައްޒަފުން އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް 3 ދުވަހުގެ މުއްދަތަށް އޭ.ސީ.ސީ އިން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ކޮމިޝަނުގެ 37 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މި ޓްރޭނިންގ ކުރިއަށް ގެންގޮސްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓީ.އޯ.ޓީ ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރެވިފައިވާ އޭ.ސީ.ސީ ގެ މުވައްޒަފުން ބޭނުންކޮށްގެންނެވެ.
މި ޓްރޭނިންގެ މަޤުސަދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ކަމާ ގުޅުންހުރި މުވައްޒަފުން އެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމްގައި އެ ޤާނުނުގެ ދަށުން ދިވެހިރާއްޖޭގައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްތަކުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތަކަށް އޭ.ސީ.ސީ ގެ މުވައްޒަފުން ވަނީ ހޭލުންތެރިކުރެވިފައެވެ.
02 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދެވަނަބުރު މާރިޗު މަހުގެ ކުރީކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އޭ.ސީ.ސީ ގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފި
23 Feb 2017