ދިވެހިބަހުން ޚަބަރު ލިޔުމާއި ޚަބަރު ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ވޯކްޝޮޕެއް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.
ވޯކްޝޮޕް ކުރިއަށް ގެންގޮސްދެއްވީ ދިވެހިބަހާއި ނޫސްވެރިކަމުގެ ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ މުޙައްމަދު ޢާމިރު އަޙުމަދު ފަރެސްއެވެ.
3 ދުވަހަކަށް ބަހާލައިގެން ބޭއްވި މި ވޯކްޝޮޕްގައި ކޮމިޝަންގެ އެކި ސެކްޝަންތަކުން ޖުމުލަ 13 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ވޯކްޝޮޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާދެއްވީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާގެ ވާހަކަފުޅުގައި، ކުރިމަގުގައި ކޮމިޝަނުން ލިޔެވޭ ޚަބަރުތަކާއި ނޫސްބަޔާން ތަކުގައި ޢިބާރާތްކުރުމުގެ ކުށްތައް މަދުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމާއި އަދި ފެންވަރު ރަނގަޅު ޚަބަރުތަކެއް މީގެފަހުން ޝާއިޢުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.