ތަޢުލީމަށްޓަކައި…..

04 Mar 2017

“އަހަރެންގެ ޙަޔާތުގައި ކޮރަޕްޝަނާ ކުރިމަތިލާން ޖެހުނު ވަގުތަކީ އެއީ” ….ސައިމަން އެޔޯކް ނިކުތީ ވިސްލްބްލޯވަރ އަކަށް ވާކަށް ނޫނެވެ. އޭނާ ނިކުތީ ރަނގަޅު މަދުރަސާއެއް ބިނާކުރާށެވެ. އެހެންނަމަވެސް ޕަޕުއާ ނިއު ގިނީއަށް ނިސްބަތްވާ ސައިމަންއަށް، މަދުރަސާ އަޅަން ފައިސާ ހޯދުމުގެ ތެރޭގައި ދިމާވީ މުޅިން ތަފާތު ހާދިސާއަކާއެވެ. ފަށާ ތަޢުލީމުދޭ މަދުރަސާއެއްގައި މަސައްކަތްކުރަމުން އައި ސައިމަން ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން، އެއްމެ ރެއަކުން، ކޮރަޕްޝަނާ ދެކޮޅަށް ސިއްރުން ހިންގުނު ސްޓިންގ އޮޕަރޭޝަނެއްގައި ބައިވެރިވާން ޖެހުނީއެވެ.

އޭނާގެ މިވާހަކަ ފެށިގެންދަނީ، މީގެ 5 އަހަރު ކުރިން، ޕަޕުއާ ނިއު ގިނީގެ ސަރުކާރުން އެ ޤައުމުގެ މަދުރަސާތައް ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ދޭން ނިންމުމާ ހަމައިންނެވެ. ސައިމަން މަސައްކަތްކުރާ މަދަރުސާގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، މި ފައިސާ ބޭނުންވާ މިންވަރު އެހެން މީހުންނަށްވުރެ ރަނގަޅަށް އޭނާއަށް ވިސްނެއެވެ. ތާށި ބަޖެޓެއްގައި ހިންގަމުންދާ އެމަދުރަސާގައި މިހާރު ހެދިފައި ހުރި ޢިމާރާތްތައް މަރާމާތުކުރަންޖެހިފައިވާ އިރު، އަލަށް ޢިމާރާތްކުރަން ކަނޑައަޅާފައިވާ ބައިތައް ޕްލޭންކުރުމުގެ ފިޔަވައްސަށްވުރެ އެންމެ ތަންކޮޅެއްވެސް ކުރިޔަށް ގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް މިމަދުރަސާއަށް ލިބެންޖެހޭ ޙައްޤު ފައިސާއެއް ނުލިބުނެވެ. ފުރަތަމަ ސައިމަން ހީކުރީ އެއީ އިދާރީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. އަދި އޭނާވަނީ އެފައިސާ ނުލިބި ލަސްވުމާ ގުޅިގެން ޖެހިޖެހިގެން އެތައް ފަހަރެއްގެ މަތިން ކަމާބެހޭ އިދާރާތަކަށް ތަކުރާރުކޮށް ގޮސްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ އެނބުރިދާން ޖެހެނީ އެއްކަހަލަ ބަހަނާތަކަކާއެކީއެވެ. “އެކަމާ ބެހޭ އޮފިސަރުން އޮފީހުގައި ނޫޅޭ” – “މާދާމާ އާދޭ” ” ޖެހިގެން އަންނަ ހަފްތާގައި އާދޭ” މިފަދަ ޖަވާބުތަކެވެ. މިގޮތަށް ދެއަހަރުދުވަސް ވީއިރުވެސް އެފައިސާއަށް ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ސައިމަންއަށް އެކަމުގައި ކުރިއެރުމެއް ލިބުނުހެން ހީވީ، އެކަމާގުޅޭ އޮފިޝަލުންކަމަށް ބުނާ ބަޔަކު އޭނާއަށް ގުޅައި އެފައިސާ ދޫކުރާނެ ކަމަށް އެންގުމުންނެވެ. އެހެންނަމަވެސް، އެކަން ވެގެންދިޔައީ އޭނާ ހީކުރި ގޮތާ ޚިލާފަށެވެ. ޕްރޮސެސިންގ ފީގެ ގޮތުގައި އެމީހުންނަށް 30000 ކީނާ (13300 އެމެރިކާ ޑޮލަރު) ދޭންޖެހޭކަމަށް ސައިމަންއަށް އެންގިއެވެ.

މިޙާލަތުގައި ކަންތައް ކުރަންވީ ގޮތެއް ނޭނގިހުރެ ސައިމަން ގުޅީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ އެޑްވަކަސީ އަދި ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. “ފުލުހުންނާ ހަމައަށް މިމައްސަލަ ގެންދިޔުމަށް އަހަރެމެން އޭނާއަށް އެހީތެރިވިން” ސައިމަންގެ ފޯނުކޯލަށް ޖަވާބު ދިން ޑެނީ ޖޯޖު ބުންޏެވެ.

ދެ ފަރާތުންގުޅިގެން ޕްލޭނެއް ރޭވިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ސައިމަން މިސްރާބުޖެހީ ލާރި ދޫކުރާނެކަމަށް ބުނި އެ ގޮތްނޭނގޭ އޮފިޝަލުންނާ ބައްދަލުކުރުމަށް އެމީހުން ކަނޑައެޅި ހޮޓަލަށެވެ. އެމީހުން ރިޝްވަތުގެ ގޮތުގައި އެދުނު ފައިސާ އެމީހުންނަށް ދޭންކަމަށް ހަދާފައެވެ. އޭނާގެ ޖީބުގައި އެމީހުން އެދުނު ވަރަށް ފައިސާ ހުއްޓެވެ. އަދި އޭނާ އެފައިސާ އެމީހުންނާ ހަވާލުކުރި ވަގުތުގައި ފުލުހުން އެހޮޓަލަށް ވަދެ އެތަން ރެއިޑްކޮށް އެމީހުން ހައްޔަރުކުރިއެވެ.

އެހެންނަމަވެސް އެމައްސަލަ އެހާހިސާބުން ނިމުނީއެއް ނޫނެވެ. “ތަޙުޤީޤުތައް ފެށުނު ނަމަވެސް ދުވަހެއް ދުވަހަކަށް ލަސްވަމުން ދިޔައީ” ޑެނީ މަޢުލޫމާތުދިނެވެ. “އެއޮއްހާ ދުވަހު އެ މަދުރަސާއިން އިންތިޒާރުކުރަމުން ދިޔައީ އެމީހުން ޙައްޤުވާ ފައިސާއަށް… 1700 އަށް ވުރެ ގިނަ ދަރިވަރުންގެ އަސާސީ ތަޢުލީމުން އެކުދިންތިބީ މަޙުރޫމުވެފައި. އެހެންވެ މިވާހަކަ މީޑިއާތަކަށް އަންގަން އަހަރެމެން ސައިމަން އަށް އެހީވީ”.

ޓީއައި އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމަކަށް ގޮވާލައި މިމައްސަލައާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ހާމަކޮށް އެފައިސާއަށް ވީގޮތުގެ މަޢުލޫމާތު ހާމަކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. އަދި އެމީހުންވަނީ ބްރޯޑްކާސްޓަރުންނާ ގުޅިގެން، ރޭޑިއޯ ޓޯކްޝޯވ ތަކުގައި މިމައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް އޮފިޝަލުންނަށް ދަޢުވަތުދީފައެވެ. އަދި މަދުރަސާތަކުން އެމީހުން މިފައިސާއަށް ބޭނުންވެފައިވާ މިންވަރު ބަޔާންކޮށް ނިކުތުމުން އެމީހުންނަށް ތާއީދުކުރާ މީހުން އިތުރުވެގެން ދިޔައެވެ.

މައްސަލައާ ގުޅޭގޮތުން މީޑިއާގެ ނަޒަރު ކަމާބެހޭ އިދާރާތަކަށް ހުއްޓުމުގެ ނަތީޖާއަކަށްވީ، ސައިމަންގެ މަދުރަސާއަށްވެސް އެމީހުންނަށް ފަންޑިންގ ގެގޮތުގައި ލިބެންޖެހޭ 3.5 މިލިއަން ކީނާ (1.5 އެމެރިކާ ޑޮލަރު) އެންމެ ފަހުން ލިބިގެން ދިޔުމެވެ.

މިއަދުވެސް އެސަރަހައްދަށް ޒިޔާރާތްކޮށްފިނަމަ ފެނިގެންދާނީ ޢިމާރާތްތައް ޕްލޭނާ އެއްގޮތަށް ޢިމާރާތްކުރެވެވުމުންދާ މަންޒަރެވެ. އެމަދުރަސާގެ ނާޒިރަށް އޭނާ ކުރި މަސައްކަތްވީ ހިތްހަމަޖެހުން ލިބުނު ކަމަކަށެވެ. އަދި އޭގެ ފަހުން އޭނާއަށް ވަނީ ޕަޕުއާ ނިއު ގިނީ ގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ދޭ “ސަރ އެންތަނީ ސިއަގުރޫ އިންޓެގްރިޓީ އެވޯޑް” ވެސް ލިބިފައެވެ.

“ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ ދިގު އަދި ބުރަ މަސައްކަތެއް. އެހެންނަމަވެސް ރަނގަޅު ކަންކުރުމުގެ ހިތްވަރުހުރިއްޔާ މިއީ ކުރެވޭނެ ކަމެއް” ސައިމަން ނޫސްވެރިޔަކަށް ކިޔައިދިނެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސްކޫލް ސްޓިންގ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×