ރާއްޖޭގެ އެކި އަތޮޅުތަކުން ހުށަހެޅުނު 151 މައްސަލައިގެ ތަޙްޤީޤްކޮށްފި

08 Mar 2017

އޭސީސީއަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ 151 މައްސަލައިގެ ތަޙްޤީޤް 2016 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފިއެވެ. މި މައްސަލަތައް ތަޙްޤީޤް ކުރެވިފައިވަނީ އޭސީސީގެ ތަޙްޤީޤް ޓީމްތަކުން އަތޮޅުތަކަށް ކުރި ދަތުރު ތަކުންނެވެ. 2015 ވަނަ އަހަރު އަތޮޅުތަކަށް ކުރި ދަތުރުތަކަށް ބަލާއިރު 573 މައްސަލައިގެ ތަޙްޤީޤް އަތޮޅުތަކުގައި ކޮމިޝަނުންވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން 2015 ވަނަ އަހަރާ އަޅާބަލާއިރު 2016 ވަނަ އަހަރުގެ މިޢަދަދަކީ 73.6 އިންސައްތައިގެ ދަށްވުމެކެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް 2016 ވަނަ އަހަރު 7 އަތޮޅަކަށް ކޮމިޝަނުގެ 8 ތަޙުޤީޤު ޓީމަކުން ޒިޔާރަތްކޮށް ތަޙްޤީޤްތައް ހިންގާފައިވެއެވެ. ނަމަވެސް 2015 ވަނަ އަހަރު 20 އަތޮޅަކަށް ކޮމިޝަނުގެ 23 ޓީމަކުން ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން 2016 ވަނަ އަހަރު ކުރެވުނު ދަތުރުތަކުގައި 250 މީހުން ތަޙުޤީޤަށް ޙާޒިރުކޮށް 316 ބަޔާން ނަގާފައިވެއެވެ. އަދި 2015 ވަނަ އަހަރު އަތޮޅުތަކަށް ކުރި ދަތުރުތަކުގައި 1313 މީހުން ތަޙުޤީޤަށް ޙާޒިރުކޮށް 1590 ބަޔާން ނަގާފައިވެއެވެ. އަތޮޅުތަކުގައި ހިންގުނު ތަޙްޤީޤުތައް މަދުވާން ދިމާވި އެންމެ މައިގަނޑު ސަބަބަކީ އަތޮޅުތަކަށް ޒިޔާރަތްކުރުމަށް ބޭނުންވާ ބަޖެޓް ކޮމިޝަނުގައި ނެތުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×