އޭސީސީގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި

09 Mar 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފިއެވެ. އަހަރީ ރިޕޯޓް އާންމުކޮށްފައިވަނީ އެކަމަށް ޚާއްޞަކޮށްގެން މިއަދު (09 މާރިޗު 2017) އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. އަހަރީ ރިޕޯޓް އާންމުކުރެއްވީ އޭސީސީގެ ރައީސް ޙަސަން ލުޠުފީއެވެ.

މި ރިޕޯޓުގައި، މިކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް 2016 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލާއި، ޢާއްމުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެމަސައްކަތްތަކުން ނަތީޖާ ޙާޞިލްކުރެވިފައިވާ މިންވަރާއި، ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމަނާފައިވާނެއެވެ.

މިގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް އެކަށީގެންވާ ހަލުއިމިނެއްގައި ނިންމުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރުގައި 829 މައްސަލަ ބަލާ ނިންމާފައިވެއެވެ. ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 855 އެވެ. މިއީ، 2015 ވަނަ އަހަރަށްވުރެ 89 މައްސަލަ އިތުރު ޢަދަދެކެވެ. އަދި ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލަތަކުގެ ޢަދަދުވެސް ކުރީ އަހަރަށްވުރެ 37 މައްސަލަ އިތުރުވެފައިވެއެވެ.

ކޮމިޝަންގެ މަސައްކަތް އިތުރަށް ހަލުއި ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ކޮމިޝަންގެ މަސައްކަތުގައި ވީއެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުގެ ގޮތުން، އޭސީސީގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އެއިމްސް) އިފްތިތާޙްކޮށް، ކޭސްމެނޭޖްމަންޓް މޮޑިއުލްއާއި މެއިލް މެނޭޖްމަންޓް މޮޑިއުލްއެއް ތައްޔާރުކޮށް މުޅިން އަލަށްވަނީ ބޭނުންކުރަން ފެށިފައެވެ. އަދި ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ސްޓޭޓަސް އެސްއެސްއެސް މެދުވެރިކޮށް ވަގުތުން ވަގުތަށް ބަލާލެވޭނެ ގޮތްވަނީ އިންތިޒާމް ކުރެވިފައެވެ.

މައްސަލަތައް ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިންވެސްޓިގޭޝަން މެނުއަލްއެއް އެކުލަވާލުމާއި އެ މެނުއަލްއާ އެއްގޮތަށް ތަޙްޤީޤުތައް ކުރިއަށް ގެންދިއުމަށް މުވައްޒަފުން ތަމްރީނުކޮށް އަހުލުވެރިކުރެވިފައިވެއެވެ.

ޕްރިވެންޝަންގެ ދާއިރާއިން ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ބިތުފަންގީގެ ނަމުގައި ތައްޔާރުކޮށް ހުށަހަޅާދެވުނު 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ޑްރާމާ ސިލްސިލާ، ރާއްޖޭގެ އެންމެ ޓީވީ ސްޓޭޝަނެއް ފިޔަވާ ހުރިހާ ޓީވީ ސްޓޭޝަނަކުން ގެނެސް ދިނުމާއި، ފުވައްމުލަކުގައި ހިންގުނު ކޮރަޕްޝަނާމެދު ފުވައްމުލަކު ރައްޔިތުން ދެކޭގޮތުގެ ސާވޭގެ މަސައްކަތް ނިންމާ ރިޕޯޓު ޢާއްމުކުރުމާއި، އިމިގްރޭޝަންގެ ދާއިރާއާއި ކަސްޓަމްސްގެ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާގެ މަސައްކަތް 2016 ވަނަ އަހަރު ނިމުނުއިރު ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. އަދި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި 11175 (އެގާރަހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ށްވުރެ ގިނަ މީހުން ސޮއިކުރުމާއި ދައުލަތުގެ އެކި އިދާރާތަކަށް އަމާޒުކޮށްގެން ހިންގުނު ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކޮށް ކޮރަޕްޝަންގެ ޢަމަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތައް ހިންގިފައިވެއެވެ.

ކޮމިޝަންގެ މަސައްކަތުގައި 2016 ވަނަ އަހަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މިގޮތުން ކޮމިޝަންގެ މަސައްކަތަށް ފަހިވާނެގޮތަށް ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އިސްލާޙް ގެނައުމަށް ހުށަހެޅި ނަމަވެސް އަހަރު ނިމުނު އިރުވެސް އެ އިސްލާޙްތަކަށް ޢަމަލީ ސިފައެއް އައިސްފައި ނުވެއެވެ. އަދި ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުން ކޮމިޝަންގެ މަސައްކަތަށް ކުރިމަތިވާނެ ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން އިސްލާޙް ކޮށްދިނުމަށް ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގައި އެދިފައިވިޔަސް އަހަރު ނިމުނުއިރުވެސް އެ އިސްލާޙްތައް މަޖްލިސްއަށް ހުށަހެޅިފައި ނުވެއެވެ. ކޮމިޝަންގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމުގައި ކޮމިޝަންގެ މަސައްކަތާ ގުޅުންހުރި ޤާނޫނީ ނިޒާމުތައް ދިރާސާކުރެވި އިސްލާޙް ގެނެވިގެންނޫނީ އެންމެ އެދެވޭގޮތުގައި ކޮމިޝަންގެ މަސައްކަތްތައް ކުރިވެންނެތްކަން ފާހަގަ ކުރެވެއެވެ. މީގެއިތުރުން ކޮމިޝަނަށް ބޭނުންވާ ބަޖެޓު ލިބުމުގައި ހުރި ދަތިތަކާއި އަދި ލިބޭ ބަޖެޓުން ޚަރަދުކުރުމުގައިވެސް ހުރަސްތައް ކުރިމަތިވަމުން ދިޔަކަން ފާހަގަކުރަމެވެ. މި ގޮންޖެހުންތަކާއެކުވެސް ކޮމިޝަންގެ މަސައްކަތުގައި 2016 ވަނަ އަހަރަކީ ކާމިޔާބުތަކެއް ޙާޞިލުކުރެވުނު އަހަރެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×