އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

26 Apr 2017

1432 ވަނަ އަހަރު ކުރެވުނު ސ. ފޭދޫގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކުރުމާގުޅޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤްކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގައި އޭ.ސީ.ސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސ.ފޭދޫ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުކޮށް ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލް އިދާރާއިން ކުރި އިޢުލާނާ ގުޅިގެން، އެންމެ ކުޑައަގު އަދި އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތާ މަސައްކަތް ޙަވާލުކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ، ސ.ފޭދޫ މަސްޖިދުލްފަލާޙްގެ މަސައްކަތް ކޮށްފައިވަނީ، އިސްވެ ދެންނެވުނު މަސައްކަތް ޙަވާލުކުރި ފަރާތް ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން، ތަޙްޤީޤަށް އެނގެން އޮތްނަމަވެސް، ސ.ފޭދޫ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، މަސައްކަތުގެ ބިލު ފޮނުވިއިރު، މަސްޖިދުލްފަލާޙްގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތުގެ އަގުކަމުގައިވާ 40,000.00 (ސާޅީސްހާސް( ރުފިޔާ އުނިކޮށްފައި ނުވެއެވެ. އެ ބިލަށް ފައިސާ ދެއްކުމުގެ ކުރިން، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމާފައިވޭތޯ ބެލުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ފޮނުވި މެސެޖާ ގުޅިގެން، މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ނިންމާފައިވާކަމަށްބުނެ، ފޭދޫ އޮފީސް ހިންގުމާއި ޙަވާލުވެހުރި އަވަށު ބޯޑުގެ އޭރުގެ ވަގުތީ ރައީސް ސޮއިކޮށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް އެކަން އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް މިގޮތަށް އެކަން ސިޓީ ކައުންސިލަށް އަންގާފައިވަނީ، މަސައްކަތު އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ސ.ފޭދޫ މަސްޖިދުލްފަލާޙްގެ މަސައްކަތް ކޮށްފައިވަނީ، މިސްކިތްތައް މަރާމާތުކޮށް ކުލައާއި ދަވާދުލުމުގެ މަސައްކަތް ޙަވާލުކުރި ފަރާތް ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން އަވަށު ބޯޑުގެ ވަގުތީ ރައީސް އަށް އެނގިހުރެކަން މައްސަލައިގެ ތަހުޤީޤުން އެނގެއެވެ.

އަވަށު ބޯޑުގެ ވަގުތީ ރައީސްގެ މި ޢަމަލަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަށްވެފައި އަދި މިކަމުގެ ސަބަބުން، އިސްވެ ދެންނެވުނު މަސައްކަތް ޙަވާލުކުރި ފަރާތަށް އޭނާ ނުކުރާ މައްސައްކަތެއްގެ އަގުގެ ގޮތުގައި 40,000.00 (ސާޅީސްހާސް( ރުފިޔާ ލިބިފައިވާކަން ތަހުޤީޤަށް އެނގެއެވެ. އަދި މިކަން ފޮރުވުމުގެ ގޮތުން، މަސްޖިދުލްފަލާހްގައި ކުރަންހުރި މަސައްކަތް އަމިއްލަފަރާތަކުން ހިލޭ ސާބަހަށް ކޮށްފައިވާތީ، އެ މަސައްކަތުގެ ބަދަލުގައި އެހެން މިސްކިތްތަކެއްގެ މަސައްކަތް އެ އަގަށް އޭނާއާ ޙަވާލުކޮށްފައިވާކަން ދެއްކުމުގެ ގޮތުން އެއްބަސްވުމަށް އިތުރުކުރެވޭ ބައެއްގެ ގޮތުގައި އޭނާއާއި ފޭދޫ އޮފީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއް ހަދާފައިވެއެވެ. ނަމަވެސް މި އެމް.އޯ.ޔޫ އަކީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިމި އަދި އެ މަސައްކަތުގެ އަގުވެސް ލިބުނު ފަހުން، މާ ފަހުގެ ތާރީޚެއްގައި ހަދާފައިވާ އެމް.އޯ.ޔޫ އެއްކަން ތަހުޤީޤަށް ސާބިތުވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު ބޯޑުގެ އޭރުގެ ވަގުތީ ރައީސްގެ މައްޗަށް ދަޢުވާކުރުމަށާއި، އޭނާގެ މި ޢަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ 40,000.00 (ސާޅީސްހާސް( ރުފިޔާ އޭނާގެ އަތުން ހޯދުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×