ތ. މަޑިފުށީ ކައުންސިލް އިދާރާގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

03 May 2017

ތ. މަޑިފުށީ ކައުންސިލްގެ ރައީސް އޭނާގެ ބަފައިބެއަށް އޮޑިހަރުގެއެއް އަޅައިދީފައިވާ ކަމަށާއި، އަދި އެހެން ބިމެއްގައި ގުދަނެއް ހަދައިދިންކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤްކުރުމަށްފަހު، ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ތ.މަޑިފުށީގައި ދޯންޏެއް ބަނުމަށްޓަކައި އޮޑިހަރުގެއެއް އެޅުމަށް ހުއްދައަށް އެދި އެރަށު ކައިންސިލްގެ ރައީސްގެ ބަފައިބެ ކައުންސިލްގެ އިދާރާއަށް ސިޓީއެއް ފޮނުވުމާ ގުޅިގެން، އޮޑިހަރުގެ އެޅުމަށް ހުއްދަ ދެވެންނެތްކަމުގައި ތ.މަޑިފުށީ ކައުންސިލްގެ އިދާރާއިން އަންގާފައިވެއެވެ. ނަމަވެސް، އޭނާ ތ.މަޑިފުށީގައި އޮޑިދޯނި ފަހަރު ބަނުމަށާއި މަރާމާތުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އޮޑިހަރުގެއެއް އަޅާފައިވާކަމާއި، މިއޮޑިހަރުގެ އެޅުމުގެ ކުރިން ތ.މަޑިފުށި ކައުންސިލުން ހުއްދަ ހޯދާފައިނުވާކަމާއި، ގަވާއިދާ ޚިލާފަށް އޮޑިހަރުގެ އަޅާފައިވީނަމަވެސް، ތ.މަޑިފުށި ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

އެ އޮޑިހަރުގެ އަޅާފައިވާ ފަރާތަކީ ކައުންސިލްގެ ރައީސްގެ ބަފައިބެ ކަމަށާއި، އެ އޮޑިހަރުގެ އެޅުމުގެ މަސައްކަތުގައި ކައުންސިލްގެ ރައީސް ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށާއި، އަދި އެ އޮޑިހަރުގޭގައި ބަނދެފައިވާ ދޯނީގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ކައުންސިލްގެ ރައީސް އެއްބަސްވެފައިވެއެވެ.

އަދި ތ.މަޑިފުށި އޮޑިހަރުގެއާ ބޭހޭ ގަވާއިދަށް ކައުންސިލުން ޢަމަލުކޮށްފައިނުވާކަމާއި، ތ. މަޑިފުށީ ކައުންސިލްގެ އިދާރާގެ ރައީސްގެ ބަފައިބެ ގަވާއިދާ ޚިލާފަށް އެރަށުގައި އަޅާފައިވާ އޮޑިހަރުގޭގައި އެ އިދާރާގެ ރައީސް ޢަމަލީ ގޮތުން މަސައްކަތް ކޮށްފައިވާކަމާއި، ކައުންސިލްގެ ރައީސްގެ ހައިޞިއްޔަތުން އޮޑިހަރުގެތައް ނެގުމަށް އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައިނުވާކަމާއި، ތަޙްޤީޤްގައި ހޯދާފައިވާ ކހެކިތަކުން އެނގެން އޮންނާތީ، މިކަމަކީ ތ.މަޑިފުށި ކައުންސިލްގެ އިދާރާގެ ރައީސްއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން އޭނާ ނާޖާއިޒް ފައިދާއެއް ހޯދުމަށް ކޮށްފައިވާކަމެއްކަން އެނގެން އޮތަތީ، މިމައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވާފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކައުންސިލްގެ ރައީސްގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މީގެއިތުރުން، ތ.މަޑިފުށީގައި ތެޔޮ ވިޔަފާރިކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުއްދަދީފައިވާ ސަރަޙައްދުގައި، ކައުންސިލްގެ ރައީސްގެ ބަފައިބެ ލަކުޑި ރައްކާކުރާ ގުދަނެއް ހަދައި، ލަކުޑިތަކެއް ބަހައްޓާ ހިޔާކޮށްފައިވާކަން އެނގެއެވެ. އެތަނުގައި އެ ލަކުޑިތައް ބެހެއްޓުމަށް ތ.މަޑިފުށި ކައުންސިލްގެ އިދާރާއިން އެ ފަރާތަށް ހުއްދަދީފައި ނުވާކަން އެނގިހުރެ މިކަމާމެދު ކައުންސިލުގެ އިދާރާއިން އިތުރު ފިޔަވަޅެއް އަޅާފައި ނުވަނީ ކައުންސިލުގެ ރައީސާ ގުޅުންހުރި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކަމަށް ބެލެވޭތީ، ކައުންސިލްގެ ރައީސްގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×