ރާއްޖެއަށް ތަރައްޤީ އަންނަ ޖެހެނީ ކޮރަޕްޝަނާ ނުލައިކަމަށް ނާއިބުރައީސް ވިދާޅުވެއްޖެ

10 May 2017

ރާއްޖެއަށް ތަރައްޤީ އަންނަން ޖެހެނީ ކޮރަޕްޝަނާ ނުލާ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނާއިބުރައީސް މިގޮތަށް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ މަހާސިންތާ، “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” މިއަދު (10 މޭ 2017) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞާ ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް ޢަބްދުﷲ ޖިހާދުއެވެ. އޭސީސީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރިޔަށް ގެންދާ މި މަހާސިންތާއަކީ ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތައް އެއްވެ މަޝްވަރާކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހާސިންތާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، މި ސަރުކާރަކީ ކޮރަޕްޝަނުގެ ޢަމަލުތައް ބެލުމުގައި އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ޖެހިލުންވުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅާނެ ސަރުކާރެއްކަމަށާއި، ތަންފީޒީ އިދާރާތަކާ ޙަވާލުވެފައިވާ ޤައުމީ މަސްއޫލިއްޔަތު އެއްވެސް ޖެހިލުންވުމެއްނެތި ފަސްޖެހުމެއްނެތި އަދާކުރެއްވެމުންދާތަން ރައްޔިތުންނަށް ފެންނަންޖެހޭކަމަށާއި، ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ހާމަކަމާއި ޒިންމާދާރުކަމާއެކު ދެފުއްފެންނަ އަދި ފަސޭހަގޮތްތަކަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ސަމާލުކަން ދޭންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މުޢައްސަސާތަކުން ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާ ގުޅޭގޮތުން ކަރުދާސް ހުށަހަޅުއްވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×